ދެކުނު އިންޑިއާގެ ސުޕަސްޓާރު މަހޭޝް ބާބޫ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯ.
30 އޮކްޓޯބަރ 2025 - 14:52
ދެކުނު އިންޑިއާގެ ސުޕަސްޓާރު މަހޭޝް ބާބޫ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފި އެވެ.
އާއިލާއާ އެކު މަހޭޝް ބާބޫ ޗުއްޓީ ހޭދަކުރީ ރ. އަތޮޅުގައި އޮންނަ ޖޯލި މޯލްޑިވްސް ރިސޯޓުގަ އެވެ. އެ ދަތުރު ނިންމާލުމަށް ފަހު އޭނާ އެނބުރި އިންޑިއާއަށް ދިޔައީ އިއްޔެ އެވެ.
ތެލުގޫ ސިނަމާގެ އެންމެ ކާމިޔާބު އެެއް އެކްޓަރު ކަމަށްވާ މަހޭޝް ބާބޫ ޗުއްޓީ ދަތުރު ނިންމާލުމަށް ފަހު، އެ ދަތުރުގެ ފޮޓޯއެެއް އޭނާގެ އިންސްޓަގްރާމްގައި މިއަދު ވަނީ ޕޯސްޓުކޮށްފަ އެވެ.
އެ ފޮޓޯއިން ފެންނަނީ ވަރަށް އޮއިބާރު ގަޑިއެއްގައި ރިސޯޓުގެ ވޯޓާ ވިލާއެއްގެ މޫދަށް ވާގޮތަށް ހުރި ސިޑިއެއްގެ މަތީގައި އޭނާ ހުއްޓިލައިގެން ހުރި ތަނެވެ.
"ވަރަށް ހިތްހަމަޖެހިއްޖެ. މިތަނުގައި ހޭދަކުރި އުފާވެރި ވަގުތުތަކަށް ޖޯލިއަށް ޝުކުރު އަދާކުރަން،" އެ ޕޯސްޓުގެ ކެޕްޝަންގައި އޭނާ ލިޔެފައިވެ އެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކުރި ގޮތުގައި، މޫނު ނުފެންނަ ގޮތަށް މަހޭޝް ބާބޫ އެ ފޮޓޯ ހިއްސާކުރީ އޭނާގެ ކުރިއަށް އޮތް ފިލްމަށް "އާ ލުކް"އަކަށް ތައްޔާރުވަމުން އަންނާތީ އެވެ.
އެ ފިލްމަކީ އިންޑިއާގެ ކާމިޔާބު ފިލްމު "ބަހުބަލީ"ގެ ޑައިރެކްޓަރު އެސްއެސް ރަޖަމޯލީ ގެނެސްދޭ އެކްޝަން ފިލްމެއް ކަމަށްވާ "އެސްއެސްއެމްބީ29" އެވެ. އެކަމަކު، އެއީ އެ ފިލްމުގެ ނަމެއް ނޫނެވެ. "އެސްއެސްއެމްބީ29"ގެ ދިގު ގޮތަކީ "ސުޕަ ސްޓާރު މަހޭޝް ބާބޫ 29" އެވެ. އެހެން ކިޔަނީ އެ ފިލްމަކީ މަހޭޝް ބާބޫ ކުޅޭ އޭނާގެ 29 ވަނަ ފިލްމަށް ވާތީ އެވެ.
މި އަހަރު ޝޫޓިން ފަށާފައިވާ އެ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި 2027 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހީކުރީ
02 November 2025
މަ ހީކުރީ ހަމަ އަސްލު ދޫވީކަމަށް
ހަސަންބޭ..
01 November 2025
މަހޭޝް ބަޓަށް އަހަރެން ވަރަށް ފަރިތަ ވާނެ.. ބާބޫ އަދި އެނގޭ ވަރެއްނުވޭ.. ބާބޫ ހޮލީވުޑް ގަ އުޅޭތީ ނޭނގެނީ ތޯއްޗެއް..
ރަސްް
31 October 2025
50 އހަރުގަ ވެސް އެހާ ރީތި އެހާ ޒުވާން ދެވަނަ އެއެއް ނުވާ މީހެއް މަހެޝް އަކީ! ގޫގްލް ކޮށލާ ޕަންކިން
ޕަންކިން
30 October 2025
މަ ހޭޝް ބާބުލެއް ނުދަންނަން. ވެދާނެ އަހަރެން އަދި އެ ފެންވަރަށް ނުދަނީ ކަމަށް.
ދޮންދީދީ
31 October 2025
މަހޭޝް ބާބޫ ނުދަންނާނެ އެކަމަކު ކަސޯޓީގެ ބަޖާޖު ދަންނާނެ ތިމީހުން