ދެކުނު އިންޑިއާ ސިނަމާގެ ތަރި ނާގާ ޗައިތަންޔާއަށް އަމާޒުކޮށް ހަދާފައިވާ "ޑީޕްފޭކް" ތަކެތި 24 ގަޑިއިރު ތެރޭގައި އިންޓަނެޓުން ނެގުމަށް އިންޑިއާގެ ދިއްލީ ހައިކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ތެލުގޫ ސިނަމާގެ ތަރި ޗައިތަންޔާގެ "ޕާސަނަލިޓީ ރައިޓްސް" ނުވަތަ އަމިއްލަ ޝަހުސިއްޔަތުގެ ހައްގުތައް ހިމާޔަތްކުރުމަށް ވަގުތީ އަމުރެއް ދިއްލީ ހައިކޯޓުން އިއްޔެ ނެރެފައިވެ އެވެ.
އެ އަމުރުގައިވާ ގޮތުން، ޗައިތަންޔާގެ ހުއްދައެއް ނެތި އޭނާގެ ނަމާއި ސިފަޔާއި އަޑާއި އަދި އޭނާއާ ވައްތަރު ގޮތްގޮތަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހަދާފައިވާ ފާހިޝް ކޮންޓެންޓާއި ޑީޕްފޭކް ވީޑިއޯތައް އަދި އަގުވައްޓާލުމަށް ތައްޔާރުކޮށްފައިވާ ތަކެތި 24 ގަޑިއިރު ތެރޭގައި އިންޓަނެޓުން ނަގަން ޖެހެ އެވެ.
އެ މައްސަލަ ކޯޓަށް ހުށަހެޅީ ޗައިތަންޔާ އަމިއްލައަށެވެ. އޭނާ ފާހަގަކުރި ގޮތުގައި ބައެއް ވެބްސައިޓުތަކާއި ޔޫޓިއުބް ޗެނަލްތައް އަދި އޮންލައިންކޮށް ވިޔަފާރިކުރާ ޕްލެޓްފޯމްތަކުން ދަނީ އޭނާގެ ހުއްދަ ނެތި އޭނާގެ ސިފަ ބޭނުންކޮށްގެން ވިޔަފާރިކުރަމުންނެވެ.
މި މައްސަލަ ބެއްލެވި ފަނޑިޔާރު ވިދާޅުވީ ޗައިތަންޔާއަކީ ފިލްމީ ދާއިރާގައި 15 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށް، އަމިއްލަ މަސައްކަތުން ރަނގަޅު ނަމަކާއި އަބުރެއް ހޯދާފައިވާ ފަންނާނެއް ކަމަށެވެ. އަދި އޭނާގެ ހުއްދަ ނެތި އޭނާގެ ނަމާއި ސިފަ ބޭނުންކޮށްގެން ވިޔަފާރިގެ މުއާމަލާތްތައް ކުރުމަކީ އޭނާގެ އަގުވެއްޓި، އާންމުންނަށް އޮޅުން އަރާނެ ކަމެއް ކަމަށް ފަނޑިޔާރު ވިދާޅުވި ކަމަށް ރިޕޯޓްތައް ބުންޏެވެ.
ކޯޓު އަމުރުގައި ވަނީ ޖެނެރެޓިވް އޭއައި، މެޝިން ލާނިން، ޑީޕްފޭކް އަދި ފޭސް-މޯފިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ޗައިތަންޔާގެ އަބުރަށް ގެއްލުންވާ ގޮތަށް ހަދާފައިވާ ހުރިހާ އެއްޗެއް މަނާކޮށްފަ އެވެ. އަދި ޔޫޓިއުބްގައި ހުރި މިފަދަ ވީޑިއޯތައް ނެގުމަށް ގޫގުލްއަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ޗައިތަންޔާއަކީ ތެލުގޫ ސިނަމާގެ މަޝްހޫރު ސުޕަސްޓާ ނާގާރްޖުނާގެ ދަރިއެކެވެ. އަދި ސިނަމާގެ އައިކަން އޭ. ނާގޭޝްވަރާ ރާއޯގެ ކާފަ ދަރިއެކެވެ.
މީގެ 17 އަހަރު ކުރިން 2009 ވަނަ އަހަރު ފިލްމީ ދާއިރާއަށް ނުކުތް ޗައިތަންޔާ ވަނީ "މަނަމް" އާއި "ޕްރޭމަމް" އަދި "ލަވް ސްޓޯރީ" ކަހަލަ ކާމިޔާބު ފިލްމުތައް ކުޅެފަ އެވެ. އޭނާ ވަނީ 2022 ވަނަ އަހަރު އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" އިން ބޮލީވުޑަށް ވެސް ތައާރަފުވެފަ އެވެ. އޭނާގެ އެންމެ ފަހުގެ ކާމިޔާބު ފިލްމަކީ މިދިޔަ އަހަރު ނުކުތް "ތަންޑޭލް" އެވެ.