ބޮލީވުޑްގެ އެކްޓަރު ވިޖޭ ވަރްމާ އާއި އެކްޓްރެސް ތަމަންނާ ބާޓިއާ.
27 ނޮވެމްބަރ 2024 - 05:39
ބޮލީވުޑްގެ އެކްޓަރު ވިޖޭ ވަރްމާ އާއި އެކްޓްރެސް ތަމަންނާ ބާޓިއާ އަންނަ އަހަރު ކައިވެނިކުރަން ނިންމައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބައެއް ނޫސްތަކުން ރިޕޯޓްކުރި ގޮތުގައި، ކައިވެންޏަށް ތައްޔާރުވުމުގެ ގޮތުން އެ ދެ ތަރިން އަންނަނީ ލަގްޒަރީ އެޕާޓްމަންޓެއް ވެސް ގަންނަން ތައްޔާރުވަމުންނެވެ. ނަމަވެސް، ކައިވެނިކުރަން އުޅޭކަން އެ ދެމީހުން އަދި އެއްވެސް މީޑިއާއަކަށް ކަށަވަރުކޮށް ނުދެ އެވެ.
ވިޖޭ އާއި ތަމަންނާގެ މެދުގައި ލޯބީ ގުޅުމެއް ފެށުނީ މިދިޔަ އަހަރު ގެނެސްދިން ނެޓްފްލިކްސްގެ އެންތޮލޮޖީ ފިލްމު "ލަސްޓް ސްޓޯރީސް 2"ގެ ޝޫޓިން ނިމުނު ދުވަސްވަރު އެވެ. އެ ފިލްމުގައި އެ ދެމީހުން ވަނީ ސްކްރީން ޝެއާކޮށްފަ އެވެ.
އޭގެ ފަހުން، އެ ދެމީހުން އެކުގައި ވަރަށް ގިނަ އިވެންޓުތަކުގައި ބައިވެރިވާން ފެށުމުން އެއީ ހާއްސަ ގުޅުމެއްކަން މީޑިއާއަށް ކަށަވަރުވި އެވެ. އެ މީހުން ޑޭޓްކުރާ ކަމުގެ އަޑުތައް އެންމެ ފުރަތަމަ އެރީ 2023 ވަނަ އަހަރު އާ އަހަރު ފާހަގަކުރަން އިންޑިއާގެ ގޯއާގައި ބޭއްވި ޕާޓީއަކުން ދެމީހުން އެކުގައި ފެނުމުންނެވެ.
މިދިޔަ ޖޫން މަހު ފިލްމް ކޮމްޕޭނިއަން ނޫހަށް ދިން އިންޓަވިއުއެއްގައި ތަމަންނާ ވަނީ އެ ދެމީހުން ޑޭޓްކުރާކަން ޔަގީން ވެސް ކޮށްދީފަ އެވެ. އަދި ވިޖޭ ވެސް ވަނީ އިންޓަވިއުއެއްގައި އެ މީހުންގެ ގުޅުމާ ބެހޭ ގޮތުން ވާހަކަދައްކައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމްދާ
27 November 2024
ދައުވަތު ދިނަސް ނުދިނަސް މަ ދާނަން