އިއްޔެ ކައިވެނިކުރި އިންޑިއާގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރަޝްމިކާ މަންދަންނާ އާއި ވިޖޭ ދެވަރަކޮންޑާގެ ކައިވެނީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުކޮށްފި އެވެ.
ރަޝްމިކާ، އޭނާގެ ފިރިމީހާ ތައާރަފުކޮށްދެނީ ކަމަށް ބުނެ ލޯބި މެސެޖަކާ އެކު އިންސްޓަގްރާމްގައި ކުރި ޕޯސްޓުގައި ވަނީ ކައިވެނީގެ ހަފުލާގެ އެކި ފޮޓޯތައް ހިމަނައިފަ އެވެ. ވިޖޭ ވެސް ވަނީ އޭނާގެ އިންސްޓަގްރާމްގައި ކައިވެނީގެ ފޮޓޯތައް ޕޯސްޓުކޮށްފަ އެވެ.
"އެއީ ހަގީގީ ލޯތްބަކީ ކޮބައިކަން އަހަންނަށް ދަސްކޮށްދިން މީހާ. ހިތްހަމަޖެހުމަކީ ކޮބައިކަން ދައްކައިދިން މީހާ،" ރަޝްމިކާގެ ޕޯސްޓުގެ ކެޕްޝަންގައި ލިޔެފައިވެ އެވެ.
"ކޮންމެ ދުވަހަކު ވެސް ބޮޑެތި ހުވަފެންތައް ދެކުމަކީ މައްސަލައެއް ނޫން ކަމާއި، އަހަންނަށް ހީކުރެވޭ ވަރަށް ވުރެ މާ ބޮޑެތި ކާމިޔާބީތައް ހޯދުމުގެ ގާބިލުކަން އަހަރެންގެ ކިބައިގައި ހުރިކަމަށް ބުނެދޭ މީހާ."
ރަޝްމިކާ ބުނީ ވިޖޭއަކީ އުފަލުގައި ވަގުތުތައް ހޭދަކުރުމަށް އޭނާއަށް އެންމެ ހިތްވަރުދޭ، އަދި ރައްޓެހިންނާ އެކު ތަންތަނަށް ދަތުރުކޮށް އުޅުމުގެ އުފަލައި އޭގެ މުހިންމުކަން އޭނާއަށް އިހުސާސްކޮށްދިން މީހާ ވެސް ކަމަށެވެ. ވިޖޭއާ ބެހޭ ގޮތުން ބޮޑު ފޮތެއް ވެސް ލިޔެވިދާނެ ކަމަށް އޭނާ ބުންޏެވެ.
"އަހަރެން އަބަދުވެސް ވާން ބޭނުންވި ކަހަލަ އަންހެނަކަށް މިއަދު މިވީ، އޭނާގެ ސަބަބުން! އަހަންނަށް ހަމަ ހަގީގަތުގައި ވެސް ލިބުނު ނިއުމަތެއް މިއީ،" އެ ދިގު މެސެޖުގައި ރަޝްމިކާ ލިޔެފައިވެ އެވެ.
ވިޖޭ ދެކެ ލޯބިވާ ވަރު ބަޔާންކޮށްދޭން ނޭނގޭ ކަމަށް ވެސް ރަޝްމިކާ ބުންޏެވެ.
"އެކަމަކު އަހަރެންގެ ހުރިހާ ކާމިޔާބީތަކާއި އުނދަގޫތަކާއި އުފަލާއި ހިތާމަ އަދި ދިރިއުޅުން - މި ހުރިހާ ކަމެއްގެ މާނަ މިއަދު ކުއްލިއަކަށް މާ ބޮޑަށް ސާފުވެއްޖެ. އެއީ އެ ހުރިހާ ކަމެއް ދެކި، އަދި އެ ހުރިހާ ކަމެއްގައި އަހަރެންގެ އެންމެ ގާތުގައި ބައިވެރިޔަކަށް ވިޖޭ ހުރުމުން،" ރަޝްމިކާ ބުންޏެވެ.
ވިޖޭގެ ޕޯސްޓުގައި ބުނީ ރަޝްމިކާ ކައިރީގައި ނެތުމުން ކުރެވޭ އިހުސާސްތަކުން، އޭނާ ކައިރީގައި ހުރި ނަމަ މުޅި ދުވަސް މާ ފުރިހަމަ ވާނެކަން އޭނާއަށް ޔަގީންވާ ކަމަށެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް ރަޝްމިކާ ކައިރީގައި ހުރުމުން ވަރަށް ބޮޑު އުފަލެއް ލިބޭ ކަމަށް ވިޖޭ ސިފަކުރި އެވެ.
"ކޮންމެ ތަނެއްގައި ހުއްޓަސް، ހިތަށް ހަމަޖެހުމުގެ އިހުސާސް ކުރެވެނީ އޭނާ ކައިރީގައި ހުރުމުންކަން އަހަންނަށް އެނގުނު،" ވިޖޭ ބުންޏެވެ.
ގިނަ އަހަރުތަކެއް ވަންދެން، ވަރަށް ސިއްރުން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، އެ ދެ ތަރިން ކައިވެނިކުރީ އުދައިޕޫރުގެ އައިޓީސީ މެމެންޓޯސްގައި އިއްޔެ ހެނދުނު ބޭއްވި ހަފުލާއެއްގަ އެވެ.
އެ ކައިވެނީގައި ވިޖޭގެ ތެލެގޫ ސަގާފަތާއި ރަޝްމިކާގެ ކޮޑަވާ ސަގާފަތް ހިމަނާފައިވެ އެވެ.
ރަޝްމިކާ އާއި ވިޖޭ އެންގޭޖުވީ އާއިލާއާ އެކު ބޭއްވި ޕްރައިވެޓް ހަފުލާއެއްގައި މިދިޔަ އަހަރު އޮކްޓޯބަރު މަހު އެވެ.
ކައިވެންޏަށް ފަހު، ފިލްމީ ދާއިރާގައި އެ ތަރިންނާ އެންމެ ގާތް މީހުންނަށް ހާއްސަކޮށްގެން ޕާޓީއެއް ހައިދަރުއާބާދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
ރަޝްމިކާ އާއި ވިޖޭ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް ފެތުރުނީ 2018 ވަނަ އަހަރުގެ "ގީތާ ގޯވިންދަމް" އަދި 2019 ވަނަ އަހަރުގެ "ޑިއާ ކޮމްރޭޑް" އިން ދެ ތަރިން އެކުގައި ފެނުނު ހިސާބުންނެވެ. މި ދެ ތަރިން ވަނީ ދާދި ފަހުން އެމެރިކާގެ ނިއުޔޯކްގައި ބޭއްވި "އިންޑިއާ ޑޭ ފެސްޓިވަލް"އިން ވެސް އެކުގައި ފެނިފަ އެވެ.