ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު ދަނުޝް އާއި ބޮލީވުޑްގެ އެކްޓްރެސް މުރްނާލް ޓާކުރް އަންނަ މަހު 14 ގައި ކައިވެނިކުރަން އުޅޭ ކަމަށް ބުނާ އަޑުތަކެއް ފެތުރިއްޖެ އެވެ.
ޕިންކް ވިލާގެ ރިޕޯޓެއްގައި ބުނީ އާއިލާ އާއި ގާތް ރައްޓެހިންނަށް ދައުވަތު ދީގެން ބާއްވާ ކުޑަ ހަފުލާއެއްގައި ދަނުޝް އާއި މުރްނާލް ކައިވެނިކުރަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެ ކައިވެނީގެ ހަފުލާ ބާއްވަނީ އަންނަ މަހު 14 ގައި ކަމަށް ވެސް އެ ނޫހުގައި ބުންޏެވެ.
ނަމަވެސް، ދަނުޝް އާއި މުރްނާލް މިހާތަނަށް އެ ޚަބަރު މީޑިއާތަކަށް ކަށަވަރުކޮށްދީފައި ނުވެ އެވެ.
ހިންދުސްތާން ޓައިމްސްގެ ރިޕޯޓެއްގައި، ދަނުޝް އާއި މުރްނާލްއާ ގާތް މީހަކާ ހަވާދާލީ ބުނީ އެއީ ދޮގު ޚަބަރެއް ކަމަށެވެ. އަންނަ މަހާއި މާޗު މަހު ވެސް މުރްނާލްގެ އާ ފިލްމެއް ރިލީޒްކުރާ ގޮތަށް ހަމަޖެހިފައިވުމާ އެކު މި ދަނޑިވަޅުގައި އެމީހުން ކައިވެނިކުރަން ނޫޅޭނެ ކަމަށް އެ ފަރާތާ ހަވާލާދީ އެ ނޫހުގައި ބުންޏެވެ.
ދަނުޝް އާއި މުރްނާލް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނާ އަޑުތައް އެންމެ ފުރަތަމަ ފެތުރުނީ، މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ރިލީޒްކުރި މުރްނާލްގެ ފިލްމު "ސަން އޮފް ސަރްދާރު 2"ގެ ޕްރިމިއާއަށް މުމްބާއީގައި ބޭއްވި އިވެންޓަށް ދަނުޝް ދިއުމުންނެވެ.
މުރްނާލް ކުޅުނު ދެކުނު އިންޑިއާގެ ފިލްމު "ސީތާ ރަމާމް"އަކީ ވަރަށް ކާމިޔާބު ފިލްމެކެވެ. އޭނާ މިހާރު އަންނަނީ ދެކުނު އިންޑިއާގެ އިތުރު ފިލްމެއް ވެސް ކުޅެމުންނެވެ. އެއީ އަންނަ މާޗު މަހު ގެނެސްދޭ "ޑަކޮއިޓް: އަ ލަވް ސްޓޯރީ" އެވެ. އެ ފިލްމުގެ މަސައްކަތަށް އޭނާ ވަރަށް ގިނައިން ހައިދަރުއާބާދަށް މިހާރު ދެ އެވެ. ހައިދަރުއާބާދަކީ ދެކުނު އިންޑިއާގެ ފިލްމު އާންމުކޮށް ޝޫޓްކުރާ ސިޓީ އެވެ.
ބައެއް ރިޕޯޓްތައް ބުނި ގޮތުގައި، ދަނުޝް އާއި މުރްނާލް ބައްދަލުވީ ވެސް އެ ފިލްމުގެ ޝޫޓިންއަށް މުރްނާލް ހައިދަރުއާބާދައަށް ގޮސް އުޅުމުގެ ތެރޭގަ އެވެ.
މުރްނާލް އަދި ކައިވެންޏެއް ނުކުރާއިރު، ދަނުޝް ވަނީ ކުރިން ކައިވެންޏެއް ކޮށްފަ އެވެ.
ދަނުޝް ކުރިން ކައިވެނިކޮށްގެން އުޅުނީ ދެކުނު އިންޑިއާގެ ސުޕަސްޓާރު ރަޖްނީކާންތުގެ ދަރިފުޅު އައިޝްވާރިޔާއާ އެވެ. އެމީހުންގެ 18 އަހަރުގެ ކައިވެނި 2022 ވަނަ އަހަރު ރޫޅާލިއިރު، ދެ ކުދިން ވެސް ތިބެ އެވެ.