އިންޑިއާގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރަޝްމިކާ މަންދަންނާ އާއި ވިޖޭ ދެވަރަކޮންޑާ މިއަދު ކައިވެނިކޮށްފި އެވެ. 

ރިޕޯޓްތައް ބުނި ގޮތުގައި، ގިނަ އަހަރުތަކެއް ވަންދެން، ވަރަށް ސިއްރުން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، އެ ދެ ތަރިން ކައިވެނިކުރީ އުދައިޕޫރުގެ އައިޓީސީ މެމެންޓޯސްގައި މިއަދު ހެނދުނު ބޭއްވި ހަފުލާއެއްގަ އެވެ. 

އެ ކައިވެނީގައި ވިޖޭގެ ތެލެގޫ ސަގާފަތާއި ރަޝްމިކާގެ ކޮޑަވާ ސަގާފަތް ހިމަނާފައިވެ އެވެ.

އެ ހަފުލާގައި ދެ އާއިލާގެ މެންބަރުންގެ އިތުރުން ފިލްމީ ދާއިރާގެ ގާތް އެކުވެރިން ބައިވެރިވި އެވެ. އޭގެ ތެރޭގައި ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ އާއި ތަރުން ބާސްކަރް ވެސް ހިމެނެ އެވެ. 

އެ ހަފުލާގެ ފޮޓޯތައް އަދި އާންމުކޮށްފައެއް ނުވެ އެވެ. 

ރިޕޯޓްތައް ބުނި ގޮތުގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މި ކައިވެންޏަށް ދައުވަތު ދިން ނަމަވެސް، ވަޑައިނުގެންނެވުމުން މޯދީ ވަނީ ވިޖޭގެ މައިންބަފައިންނަށް މަރުހަބާގެ ސިޓީއެއް ފޮނުއްވައިފަ އެވެ. މޯދީ މިވަގުތު ހުރީ ރަސްމީ ދަތުރެއްގައި އިޒުރޭލުގަ އެވެ. 

ފޭނުން މި ދެ ތަރިންނަށް ދީފައިވާ ނަމަކީ "ވީރޯޝް" އެވެ. އެއީ، ވިޖޭ އާއި ރަޝްމިކާގެ ނަން އެއްކޮށްލައިގެން އުފައްދާފައިވާ ނަމެކެވެ.

ރަޝްމިކާ އާއި ވިޖޭ އެންގޭޖުވީ މިދިޔަ އަހަރު އޮކްޓޯބަރު މަހު އާއިލާއާ އެކު ބޭއްވި ޕްރައިވެޓް ހަފުލާއެއްގަ އެވެ.

ކައިވެންޏަށް ފަހު، ފިލްމީ ދާއިރާގައި އެ ތަރިންނާ އެންމެ ގާތް މީހުންނަށް ހާއްސަކޮށްގެން ޕާޓީއެއް ހައިދަރުއާބާދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ. 

ރަޝްމިކާ އާއި ވިޖޭ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް ފެތުރުނީ 2018 ވަނަ އަހަރުގެ "ގީތާ ގޯވިންދަމް" އަދި 2019 ވަނަ އަހަރުގެ "ޑިއާ ކޮމްރޭޑް" އިން ދެ ތަރިން އެކުގައި ފެނުނު ހިސާބުންނެވެ. މި ދެ ތަރިން ވަނީ ދާދި ފަހުން އެމެރިކާގެ ނިއުޔޯކްގައި ބޭއްވި "އިންޑިއާ ޑޭ ފެސްޓިވަލް"އިން ވެސް އެކުގައި ފެނިފަ އެވެ.