ގިނަ ދުވަސްތަކެއް ވަންދެން ދެކެވެމުން އައި ވާހަކަތަކަށް ނިމުމެއް ގެނެސް، އިންޑިއާގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރަޝްމިކާ މަންދަންނާ އާއި ވިޖޭ ދެވަރަކޮންޑާ އެމީހުންގެ ކައިވެނި ރަސްމީކޮށް އިއްޔެ އިއުލާންކޮށްފި އެވެ.

މި ދެ ތަރިންގެ ކައިވެނީގެ ހަފުލާ ބޭއްވުމަށް ހަމަޖައްސާފައި ވަނީ މި އަންނަ ބުރާސްފަތި ދުވަހު އުދެއިޕޫރުގެ ހެރިޓޭޖު ޕެލެސްގަ އެވެ. ރިޕޯޓްތައް ބުނި ގޮތުގައި، އެ ކައިވެނީގެ ހަފުލާއެއް އެތަން ތައްޔާރުކުރުމުގެ މަސައްކަތް ވަރަށް ފޯރީގައި އެބަ ކުރިއަށް ގެންދެ އެވެ. 

ކައިވެނީގެ ޚަބަރު ކަށަވަރުކޮށްދީ، ދެ ތަރިން ވެސް ވަނީ އެމީހުންގެ އިންސްޓަގްރާމް ސްޓޯރީގައި ހާއްސަ ނޯޓެއް އިއްޔެ ހިއްސާކޮށްފަ އެވެ.

"އަހަރެމެން އެއްވެސް ރޭވުމެއް ރޭވުމުގެ ކުރިން، އަދި އަހަރެމެން އަމިއްލައަށް އެއްވެސް ގޮތެއް ނިންމުމުގެ ކުރިން ވެސް، ތިޔަ ފޭނުން ތިބީ އަހަރެމެންނާ އެކުގައި އެވެ. ތިޔަ މީހުންގެ ލޯތްބާ އެކު އަހަރެމެންނަށް ނަމެއް ދިނެވެ. އެއީ 'ވިރޯޝް' އެވެ. އެހެންވެ، މިއަދު އަހަރެމެންގެ ގުޅުން ރަސްމީ ކުރާއިރު، އެކަން ކުރަނީ ތި ފޭނުންގެ ޝަރަފުގަ އެވެ،" އެ ނޯޓުގައި ބުންޏެވެ.

"މި ކައިވެންޏަށް އަހަރެމެން ދޭ ނަމަކީ 'ދަ ވެޑިން އޮފް ވިރޯޝް' އެވެ."

ވިޖޭ އާއި ރަޟްމިކާ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި ނޯޓު.
ވިޖޭ އާއި ރަޟްމިކާ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި ނޯޓު.

ރަޝްމިކާ އާއި ވިޖޭ އެންގޭޖުވީ މިދިޔަ އަހަރު އޮކްޓޯބަރު މަހު އާއިލާއާ އެކު ބޭއްވި ޕްރައިވެޓް ހަފުލާއެއްގަ އެވެ.

ކައިވެންޏަށް ފަހު، ފިލްމީ ދާއިރާގައި އެ ތަރިންނާ އެންމެ ގާތް މީހުންނަށް ހާއްސަކޮށްގެން ޕާޓީއެއް ހައިދަރުއާބާދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ. 

ރަޝްމިކާ އާއި ވިޖޭ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް ފެތުރުނީ 2018 ވަނަ އަހަރުގެ "ގީތާ ގޯވިންދަމް" އަދި 2019 ވަނަ އަހަރުގެ "ޑިއާ ކޮމްރޭޑް" އިން ދެ ތަރިން އެކުގައި ފެނުނު ހިސާބުންނެވެ. މި ދެ ތަރިން ވަނީ ދާދި ފަހުން އެމެރިކާގެ ނިއުޔޯކްގައި ބޭއްވި "އިންޑިއާ ޑޭ ފެސްޓިވަލް"އިން ވެސް އެކުގައި ފެނިފަ އެވެ.