ތެލެގޫ އެކްޓަރު ނާގާ ޗައިތަންޔާ، އޭނާގެ "ޕާސަނަލިޓީ ރައިޓްސް" ހިމާޔަތްކުރުމަށާއި އޭނާގެ ކުރީގެ އަނބިމީހާ ސަމަންތާ ރޫތު ޕްރަބޫ އަށް ބޭވަފާތެރިވި ކަމަށް ބުނެ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޭކް ކޮންޓެންޓްތަކާ ދެކޮޅަށް އިންޑިއާގެ ދިއްލީ ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ޗައިތަންޔާގެ ގާނޫނީ ޓީމާ ހަވާލާދީ ނޫސްތަކުގައި ބުނީ އޭނާގެ ހުއްދަ ނެތި އޭނާގެ ނަމާއި ފޮޓޯ ބޭނުންކޮށްގެން ވިޔަފާރިކުރުމާއި އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފާހިޝް އަދި އަބުރަށް ހުތުރުވާ ކަހަލަ ވީޑިއޯތައް ބައެއް ވެބްސައިޓްތަކުގައި ދައުރުކުރަމުންދާ ކަމަށް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ.

ބައެއް ފަރާތްތަކުން ވެބްސައިޓްތަކަށް މީހުން ވެއްދުމުގެ ބޭނުމުގައި ނުވަތަ ޓްރެފިކް އިތުރުކުރުމަށް ބޭއަދަބީ ބަސްތަކާ އެކު ޗައިތަންޔާގެ ނަން ބޭނުންކުރަމުންދާ ކަމަށް ވެސް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުންޏެވެ. 

މީގެ އިތުރުން، ޗައިތަންޔާ އާއި ސަމަންތާގެ ކައިވެނި ރޫޅުނީ ނާގާ ބޭވަފާތެރިވުމުން ކަމަށާއި އޭނާގެ ސަބަބުން ސަމަންތާގެ ކެރިއަރު ހަލާކުވި ކަމަށް ދައްކުވައިދޭ ޒާތީ އަދި ދޮގު މައުލޫމާތުތައް ޔޫޓިއުބް ކަހަލަ ޕްލެޓްފޯމްތަކުގައި ފަތުރަމުންދާ ކަމަށް ވެސް އެ މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

"މިއީ ހަމައެކަނި ފާޑުކިޔުމެއް ނޫން، މިއީ ގަސްތުގައި މީހަކަށް ޖެއްސުންކޮށް ދެރަކޮށްލަން ކުރާ ކަމެއް،" ނާގާގެ ވަކީލު ބުންޏެވެ. 

މި މައްސަލަ ކޯޓަށް ބަލައިގަތް ފަނޑިޔާރު ވިދާޅުވީ މަޝްހޫރު މީހުންނަށް އާންމުންގެ ފާޑުކިޔުމާއި ސަމާލުކަން ލިބުނު ނަމަވެސް، އެކަމުގައި ވެސް ހައްދެއް އޮންނަން ޖެހޭނެ ކަމަށެވެ.

ކޯޓުން ވަނީ މި މައްސަލައިގައި ހިމެނޭ ފަރާތްތައް ކޯޓަށް ހާޒިރުވުމަށް އަމުރު ފޮނުވައި، މި މައްސަލައިގައި އަމުރެއް ނެރޭނެ ކަމުގެ އިޝާރާތެއް ވެސް ދީފައި ކަމަށް ރިޕޯޓްތައް ބުންޏެވެ.

މީގެ ކުރިން ޗައިތަންޔާގެ ބައްޕަ، މަޝްހޫރު އެކްޓަރު ނާގާރްޖުނާގެ ޕާސަނަލިޓީ ރައިޓްސް ހިމާޔަތްކުރުމަށް ވެސް ކޯޓުން ވަނީ އެފަދަ އަމުރެއް ނެރެފަ އެވެ.

ޗައިތަންޔާ އާއި ސަމަންތާ ކައިވެނިކުރީ 2017 ވަނަ އަހަރު އެވެ. އެ ކައިވެނި ރޫޅުނީ 2021 ގަ އެވެ. މިހާރު ޗައިތަންޔާ ކައިވެނިކޮށްގެން އުޅެނީ އެކްޓްރެސް ސޯބީތާ ދުލިޕާލާއާ އެވެ. އަދި ސަމަންތާ ކައިވެނިކޮށްގެން އުޅެނީ ފިލްމު އުފައްދާ ރާޖް ނިދިމޯރޫއާ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މި މައްސަލައިގެ އިތުރު އަޑުއެހުމެއް ދެން އޮންނާނީ އަންނަ ސެޕްޓެމްބަރު މަހު 30 ގަ އެވެ.