އިންޑިއާގެ ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރު އަދި މަޝްހޫރު އެކްޓަރު ވިޖޭ އާއި އޭނާގެ އަންހެނުން ސަންގީތާ ސޯނަލިންގަމްގެ ވަރީގެ މައްސަލައިގެ އިތުރު އަޑުއެހުމެއް އަންނަ އޯގަސްޓް މަހުގެ ހަތްވަނަ ދުވަހަށް ތަވާލުކޮށްފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ޗެންގަލްޕައްޓޫ މަހިލާ ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމަށް، ކޯޓުގެ އަމުރާ އެއްގޮތަށް ވިޖޭ އާއި ސަންގީތާ ވަނީ ހާޒިރުވެފަ އެވެ. ނަމަވެސް، އެ އަޑުއެހުމުގައި އެއްވެސް މުހިންމު ނިންމުމެއް ނުވަތަ ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ.
އެ މައްސަލައަކީ އެ ދެމަފިރިންގެ 27 އަހަރުވީ ކައިވެނި ރޫޅާލުމަށް ސަންގީތާ ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ. ސަންގީތާ ކޯޓަށް ހުށަހެޅި ޕެޓިޝަނުގައި ވިޖޭގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި، 2021 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން ވިޖޭ ފިލްމީ ތަރިއަކާ ސިއްރު ގުޅުމެއް ބާއްވަމުންދިއުން ހިމެނެ އެވެ.
ސަންތީގާ ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ބަތަލާގެ ނަން ހާމަކޮށްފައި ނުވި ނަމަވެސް، އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި އެއީ ވިޖޭއާ އެކު ގިނަ ފިލްމުތަކެއް ކުޅެފައިވާ ދެކުނު އިންޑިއާގެ ތަރި ތުރިޝާ ކްރިޝްނަން އެވެ.
އެ ގުޅުން ހުއްޓާލާނެ ކަމަށް ވިޖޭ ތަކުރާރުކޮށް ވައުދުވި ނަމަވެސް، އޭނާ އެ ތަރިއަކާ އެކު އެކި ހަފުލާތަކަށް ގޮސް ސޯޝަލް މީޑިއާގައި ފޮޓޯތައް އާންމުކުރުމުގެ ސަބަބުން ސަންގީތާ އަށާއި ދަރިންނަށް ނަފުސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަމަށް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ.
ވިޖޭގެ ސިޔާސީ އަދި ފިލްމީ ކެރިއަރަށް ސަމާލުކަންދީ، ގޭތެރޭގެ މާހައުލަކީ ނުރުހުމާއި ފުރައްސާރައިން ފުރިގެންވާ ތަނަކަށް ހަދާފައިވާ ކަމަށާއި އޭނާ އެކަހެރިކޮށްލާފައިވާ ކަމަށް ވެސް ސަންގީތާ ތުހުމަތުކުރެ އެވެ. ސަންގީތާއަށް ބޭނުންވާ މާލީ އެހީތެރިކަން ނުދީ، އަސާސީ ކަންކަމުން އޭނާ މަހުރޫމްކޮށް، އޭނާގެ މިނިވަންކަމަށް ހުރަސްއަޅާފައިވާ ކަމަށް ވެސް ވަރިކޮށްދޭން އެދި ކޯޓަށް ހުށަހެޅި މައްސަލައިގައިވެ އެވެ.
އެ ކައިވެނި ސަލާމަތްކުރުމަށް 2024 ވަނަ އަހަރުގެ އޯގަސްޓު މަހުން ފެށިގެން މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ ދެމެދު ސަންގީތާ ގާނޫނީ ނޯޓިސްތަކާއި ވާހަކަދެއްކުންތަކުގެ ޒަރީއާ އިން މަސައްކަތް ކުރި ނަމަވެސް، އެންމެ ފަހުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 9 ގައި ބޭއްވި ބައްދަލުވުމުން ވެސް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށާއި، މިހާރު އެ ކައިވެނި ވަނީ ސަލާމަތް ނުކުރެވޭ ވަރަށް ރޫޅިފައި ކަމަށް ވެސް ސަންގީތާ ބުނެފައިވެ އެވެ.
މި މައްސަލައިގައި މިދިޔަ އޭޕްރީލް މަހު 20 ގައި ބޭއްވި އަޑުއެހުމަށް ދެ ފަރާތުން ހާޒިރުނުވުމުން، ކޯޓުން ވަނީ ދެން އޮންނަ އަޑުއެހުމަކަށް އެ ދެމަފިރިން ހާޒިރުވާން އަމުރުކޮށްފަ އެވެ. ސަލާމަތީ ސަބަބުތަކަށްޓަކާ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އިއްޔެގެ އަޑުއެހުމުގައި ބައިވެރިވުމަށް ވިޖޭގެ ވަކީލުން އެދުނު ނަމަވެސް ކޯޓުން އެކަން ގަބޫލެއް ނުކުރި އެވެ.
ކުރިން ލަންޑަނުގައި ދިރިއުޅުނު ސަންގީތާ، ވިޖޭގެ 1996 ގެ ފިލްމު "ޕޫވޭ އުނައްކާގާ" ބެލުމަށް ފަހު އޭނާގެ ސަޕޯޓަރަކަށްވެ، ދެމީހުން ލޯބީގެ ގޮތުން ގުޅުނެވެ. އެއަށް ފަހު 1998 ގައި އިނގިރޭސިވިލާތުގައި ކައިވެނި ރަޖިސްޓްރީކޮށް، 1999 ގައި ޗެންނާއީގައި ބޮޑު ކައިވެނީގެ ހަފުލާއެއް ބޭއްވި އެވެ. އެ ދެމަފިރިންގެ ދެ ދަރިން ތިބެ އެވެ. އެއީ 26 އަހަރުގެ ފިރިހެން ދަރިއަކާއި 21 އަހަރުގެ އަންހެން ދަރިއެކެވެ.