މުނިފޫހިފިލުވުން / ވާހަކަ

ވާހަކަ- އަންޖަލް

(ބުދަ ދުވަހާ ގުޅޭ)

މޫނުމައްޗަށް އަނދިރިވަމުންދިޔަ އިރު، އަންޖަލް ނިކަން ބާރަށް ބައްޕާއޭ ކިޔާފައި ގޮވައިލި އަޑު އަނިލްއަށް އިވުނެވެ. ދެން ވީ ގޮތެއް ނޭނގުނެވެ.

ސަހަރާގައި މީހުން ވަރަށް ގިނައެވެ. އޭގެ ތެރޭގައި އަންޖަލްގެ އާއިލާ އާއި އަނިލްގެ އަނބިމީހާގެ އާއިލާ ވެސް ހިމެނެއެވެ. ގިނަ މީހުން އައީ އަނިލްގެ މޫނު ދެކޭކަށް ނޫނެވެ. އެ ތަނުގައި އޮތް އެހެން މައްޔިތެއްގެ މޫނު ދެކޭށެވެ. މާހައުލަށް ވެރިވެފައިވަނީ ހިތާމަވެރިކަމާއި ހަމަހިމޭންކަމެވެ. ނަފުރަތުގެ ކަނިތައް ބުރަބުރާހުރީ ހަމަ އެކަނި ނޫމާގެ ދެލޮލުންނެވެ.

ސަހަރާއަށް ނޫމާ ނާންނަން ނޫމާގެ އާއިލާއިން ކިތަންމެ ވަރަކަށް ވެސް އެދުނެވެ. އަނިލްގެ ދަރިން އެ ތަނުގައި ތިބޭނެކަން އެނގޭތީއެވެ. ނޫމާ ބޭނުންވީ އަންނާށެވެ. އެ އެންމެންގެ މޫނުތައް ވަކިވަކީން ބަލައި، ހިތުގައި އެ ތަސްވީރުތައް ރައްކާކުރާށެވެ. ބަދަލުހިފުމަށް ޓަކައި އެ މޫނުތައް ހަނދާން ބެހެއްޓުން ނޫމާއަށް ވަރަށް މުހިންމެވެ. އަންޖަލްގެ ހިތަކު ނޫމާއާ ދޭތެރޭގައި އެއްވެސް ދެކޮޅުވެރިކަމެއް ނެތެވެ. އޭގެ ހެއްކަކީ، ނޫމާ ފެނުމުން ނޫމާ ގާތަށް އަންޖަލް އައިކަމެވެ. އަނިލްއަކީ އަންޖަލްއަށް މާ ގިނަ ލޯބިތަކެއް ދިން ބައްޕައެއް ނޫނެވެ. އެހެނަސް، އަންޖަލް ހުރީ ފެންކަޅިވެފައެވެ. އަންޖަލްއާ ވަރަށް ގާތުގައި ރާއިފު ހުއްޓެވެ. މުހިންމު ސަބަބަކަށް ޓަކައެވެ.

"ބައްޕައަށް ކޯޗެއް ކާން ދިނީ؟" އަންޖަލްއަށް އެއްޗެއް ބުނެވުމުގެ ކުރީން ނޫމާ ބުންޏެވެ. އެ ރާގުން ވެސް ދުން އަރާ ކަހަލައެވެ. "މަ އޭރު ވެސް ބުނިން އޭނަ ކައިރީގަ ނުދާށޭ!"

އަންޖަލްއަށް ލިބުނީ ހައިރާންކަމެކެވެ. ބައްޕަ މަރުވެގެން ވެއްޓުނީ އެއްޗެއް ކައިގެނެއް ނޫނެވެ. އަނެއްކޮޅުން، އަނިލް މަރުވި ސަބަބު ޑަކުޓަރު ކިޔައިދީފިއެވެ.

"ޑޮކްޓަރު ބުންޏެއްނު ބައްޕައަށް ހާޓްއެޓޭކެއް ޖެހުނީއޭ!" އަންޖަލް ބުންޏެވެ. "ގެއިން ބައްޕަ އެކައްޗެއް ވެސް.."

"ޑޮކްޓަރާ، ކަލެޔާ، ތި އާއިލާގެ އެންމެން ވެސް ހަދަނީ ދޮގު،" ރުޅި އައިސްފައި އެކަމަކު މަޑުމަޑުން ނޫމާ ބުންޏެވެ. "އެންމެން ރާވައިގެން އަނިލް މަރާލީ! ހަމަ ގަސްތުގަ މަރާލީ! ގެއިން ނުކުތް އިރު ނުލާހިކު ރަނގަޅަށް ހުރި މީހަކަށް ކީއްވެ ހާޓްއެޓޭކެއް ޖެހެންވީ؟ އެއީ ކިހިނެއް ޖެހޭ އެއްޗެއްކަން އަހަންނަށް ވެސް އެނގެޔޭ! އަހަރެން ވެސް ދުވަސްކޮޅަކު ނަރުހަކަށް އުޅުނީމޭ! ތި ހީކުރަނީ އޭނަ މަރާލީމަ އޭނަގެ އެކައުންޓުގަ ހުރި..."

"އަންޖޫއަކީ ލާރިޔާ ހެދި..." ރާއިފުއަށް ބުނެވުނީ އެ ހިސާބަށެވެ.

"ކަލޭ ތީ އަދި ކާކު؟" ނޫމާ ބުންޏެވެ. "އިނުމުގެ ކުރިން ބަފާބެ އެ ކާލީ. ދެން ކާލާނީ ކަލޭ! ކަލެއަކަށް ނޭނގޭތަ އެއީ ޖިންނި އުޅޭ ގެއެއް ކަމެއް؟ ޖިންނީންނަކީ.."

"ޖިންނިއާ ބެހޭ ގޮތުން އަހަންނަށް ވަރަށް ގިނަ އެއްޗެހި އެނގޭ!" ރާއިފު ބުނެލިއެވެ.

"ކޯޗެއް އެނގެނީ؟ އޭނ؟ އެނގޭ ނަމަ އަހަންނާ ދިމާއަށް ބަލާލަން ވެސް ކަލޭ ބިރުގަންނާނެ،" އެހެން ބުނެފައި ނޫމާ ނުކުންނަން ހިނގައިގެންފައި އަނެއްކާ އައިސް ބުންޏެވެ. "ތި ކައިވެނި ކޮށްފިއްޔާ ކަލޭ ފަހުން ދެރަވާނެ."

ނޫމާ ނުކުމެގެން ދިޔައެވެ. އަންޖަލް ހިތަށް އެރިއެވެ. އޭނަ އައީ ފިރިމީހާގެ މޫނު ދެކޭކަށް ނޫނެވެ. ބަޔަކަށް އިންޒާރު ދޭށެވެ.

"ކީކޭ އެ ބުނީ؟" އަންޖަލް މަޑުމަޑުން ބުންޏެވެ. "އޭނަޔާ ދިމާއަށް ބަލާލަން ބިރު ގަންނާނޭ؟"

"ހިސާބަށް ވުރެ ބޯ ސަކަރާތްވީމަ އެ ކަހަލަ ހުރިހާ އެއްޗެއް ކިޔާނެ،" ރާއިފު ބުންޏެވެ. "އަޅާލާނެ ކަމެއް ނެތް. އަންޖޫގެ ބޮޑީގާޑަކަށް އަހަރެން ހުރިހާ ދުވަހަކު އަންޖޫއަކަށް އެއްކަމެއް ވެސް ނުވާނެ."

އަންޖަލް ހިތްހަމަޖައްސައިލަން އެހެން ބުނި ނަމަވެސް، އެހެން މީހުންނަށް ނުފެންނަ އެއްޗެއް ރާއިފުއަށް ފެނުނެވެ. ނޫމާގެ ވަށައިގެން އެއްޗެހިތަކެއް އުތުރޭ ތަނެވެ. އެއީ ގަރީންއެވެ. ޖިންނީންގެ ތެރޭގައި އުޅޭ، އާންމު މަސައްކަތްތައް ކުރާ ގިންތިއެވެ. ސިހުރުވެރީންނަކީ ގަރީން އޮޅުކޮށްގެން ގެންގުޅޭ ބައެކެވެ. ބޭނުންވާ ކަންކަންކުރުމަށް ޓަކައި، ތަންތަނަށް ފޮނުވާނީ ގަރީންއެވެ. ޒިންމާއަކީ ސިހުރުވެރިޔާގެ އަމުރަށް ކިޔަމަންވެ، އަޅަކަށް ވެގެން ސިހުރުވެރިޔާ ބުނި ކަމެއް ކުރުމެވެ. މަރުވާން ޖެހުނަސް ގަރީންއަކަށް އިހުތިޔާރެއް ނޯންނާނެއެވެ.

"އެކަމަކު އޭނަ ކީއްވެ އަހަރެން ދެކެ ރުޅި އަންނަންވީ؟" އަންޖަލް ދެރަވެފައި ބުންޏެވެ. "އަހަރެން ދުވަހަކު ވެސް ނޯންނާނެ ލާރި ބޭނުންވެގެން ބައްޕައަށް ގުޅާފައެއް. އަހަންނަކަށް ނޭނގެ ބައްޕަ އަތުގަ ހުރީ..."

"ދެން އެ ކަމާ ވިސްނާނެ ކަމެއް ނެތް،" ރާއިފު ބުންޏެވެ. "މިއަދު އަހަރުމެން މި ތަނަށް އައިސް މި ތިބީ އެހެން ކަމަކު. އެޔޮއް ގޮވަނީ ކާފަ. ހިނގާބަލަ!"

އަތީލާ ހުރީ ގަނޑުވަރުގައި އޮންނަ ބޮޑު ފެންގަނޑެއް ކަހަލަ އެއްޗަކަށް ބަލަހައްޓައިގެން އޭގެ މެދުގައެވެ. ފެންގަނޑަކު ފަޔެއް ނުޖެހެއެވެ. ފެން ހެން ހީވިޔަސް އެއީ ފެނަށް ވުރެ އޮލަ، ސާފު، މީރު އެތައް ވަހެއްދުވާ އެއްޗެކެވެ. ފެންގަނޑު ކައިރީގައި ހުންނަ ނަމަ ދުވާނީ ރޯޒްމެރީ ވަހެވެ. އެއީ ވަށައި ކައިރިފަށުން ދުވާ ވަހެވެ. މެދުން ލެވެންޑާ ވަހެވެ. އަޑިން ދުވާ ވަސް އެންމެ ގާތް ކުރާނީ ލިލީ ވަހާއެވެ. އަތީލާގެ ރިވެލިން ފެންގަނޑު ގިރިޓީވެފައި އޮތެވެ. ބޮޑު ފުޓުބޯޅަ ދަނޑެއް ވަރު ވާ އެ ފެންގަނޑުގެ މަތީގައި އަތީލާ ހުރި އިރު، ފެންގަނޑުން ފެންނަނީ ޖަދުވާންގެ ތަސްވީރެކެވެ. ދެން ފެނުނީ ޖަދުވާންގެ ހަރަކާތްކުރާ މަންޒަރުތަކެކެވެ. ހަނދާން ރައްކާކުރުމުގެ ގާބިލުކަން ލިބިފައިވާ އެ ފެންގަނޑަށް ކިޔަނީ ސީންދުއެވެ. ބޮޑު ޓީވީއަކުން މަންޒަރުތައް ފެންނަހެން، އަތީލާ އާއި ބައްޕަގެ ހަނދާންތައް ސީންދު ކިޔައިދިނެވެ. ކުޑައިރުގެ ދުވަސްތަކާއި ހިތާމަ އާއި އުފަލުގެ ދުވަސްތަކެވެ. ސަމްރަތު އާއި އަންޖަލް ވެސް ފެނުނެވެ. އަތީލާ އުފާވާ ހަނދާންތައް ނިމެނީ ފެންގަނޑުގެ އަޑިއަށް ފޭދިގެންނެވެ. ހިތްހަމަނުޖެހޭ ހަނދާނެއް ނަމަ އާތްވަށް ވެގެން އަރަނީ މައްޗަށެވެ. އެއަށް ފަހު ވައި ތެރެއަށް ފޭދެނީއެވެ. ދެވަނަ ފަހަރަކަށް އެ ހަނދާންތަކެއް އަލެއް ނުކޮށްދޭނެއެވެ. ސީންދު ހެދިފައި ވަނީ ވަކި ބޭނުމަކުއެވެ. އެކަނިވެރިކަން ފިލުވައިދީ، އުފާވެރި ހަނދާންތައް އާކޮށްދިނުމަށެވެ.

"އަތީލާ!" ބަތޫރު ގޮވައިލިއެވެ.

އަތީލާ ހުރި ތަނުން ގެއްލުމާ އެކު ބަތޫރުގެ ކުރިމަތިން ފާޅުވިއެވެ. ދެ ކިޔާނު ވެސް ތިބީ އަލިގަނޑެއްހެންނެވެ. ބަތޫރަށް ވުރެ އަތީލާގެ ކުލަ ތަންކޮޅެއް ފަނޑެވެ.

"އަތީލާ ބޭނުންވާނީ ބައްޕަގެ ހަނދާންތައް އާކުރަން،" ކުލުނާއި އޯގާވެރިކަމުން ފުރިފައިވާ ރާގެއްގައި ބަތޫރު ބުންޏެވެ. "އެ ކަން ނުކުރާށެކޭ ނޫން. ތަރާ ކިޔަސް، ބައްޕައެއްގެ ވަޒީފާ އަހަރެން މި އަދާކުރަނީ. ތީ އަހަރުމެންގެ ވެރިޔާ. މި ވަގުތު މި ގައުމު ހިންގުމާ ހަވާލުވެގެން ހުރި ރާނީ. ދަރިއެއްގެ ތޮށިގަނޑުން ނުކުމެ، ވެރިއެއްގެ ތަހުތުގައި އިށީނދޭ! ގައުމާ ހަވާލުވޭ! ބަހުތާނީ ގަބީލާއާ އަފުރާދު ގަބީލާ މިހާރު އެ ތިބީ ޖެހިފަ. މާދަމާ ވެސް ތަޅައިގެންފާނެ. ޒުއްރާން ގަބީލާއިން މާދަމާ ވެސް ހަނގުރާމައަށް އަތުވެދާނެ. މި ކޮޅުން ލަޝްކަރެއް ތައްޔާރު ކުރަން އެބަ ޖެހޭ! އެކަމަކު އަތީލާ ތި އުޅެނީ ބައްޕަގެ ހިތާމައިން އަރައިނުގަނެވިގެން.

އަތީލާއަށް ލަގަނުގަ ނުހިފެންޏާ ފަހަތުގަ އިށީންނަންވީނު."

"އަދި ނޭނގުނު." ހައިރާންކަމާ އެކުގައި ބަލައިލާފައި އަތީލާ ބުންޏެވެ.

"އެކަކު ވެސް ބޭނުމެއް ނޫން އަންހެނަކު މި ތާގެ ވެރިކަން ކުރާކަށް،" ބަތޫރު ބުންޏެވެ. "ދިރުވާލަން ކިތަންމެ ހިއްޗަސް ހަގީގަތަކީ އެއީ. އަތީލާއަށް އެންމެ އިތުބާރު ކުރެވޭ ފިރިހެނަކާ ވެރިކަން ހަވާލުކުރުން އެންމެ މަސްލަހަތު ހުރި ގޮތަކީ. އަހަރެން މިހިރީ ތައްޔާރަށް."

އަތީލާ ވިސްނައިލިއެވެ. ބަތޫރުގެ ނިޔަތް ރަނގަޅު ނުވާނެކަން އަތީލާއަށް އެނގެއެވެ. އޭނަ ވެރިކަމަށް އަތުވެއްޖެ ނަމަ ދެން ވާނެ ގޮތް ވެސް އެނގެއެވެ. އެހެނަސް، ބަތޫރު އެ ބުނަނީ ތެދެއްކަން އަތީލާއަށް ގަބޫލު ކުރެވެއެވެ.

އަންޖަލް ވެސް ހުރީ ފިކުރަކަށް ގެއްލިފައެވެ. ކާ ހިތެއް ނެތެވެ. ފެންވަރާ ހިތެއް ވެސް ނެތެވެ. ބައްޕަގެ މާ ފޮނި ހަނދާންތަކެއް ހުރީމައެއް ނޫނެވެ. ފޯނު ރަނގަބީލުވާން ފެށުމުން އަންޖަލް ފޯނަށް ބަލައިލިއެވެ. ފޯނު ނެގިއެވެ.

"ހަލޯ!" ފުން ނޭވައެއް ބޭރުކޮށްލަމުން އަންޖަލް ބުންޏެވެ.

"ހިނގާ ބޭރަށް ނުކުމެލަމާ!" ރާއިފު ބުންޏެވެ. "މާލޭގައޭ މިހިރީ! ދަންތަ ބަލާ!"

"ކިހިނެއްތަ ތިހާ އަވަސްއަވަހަށް ތި މާލެއަންނަނީ؟" އަންޖަލް ސުވާލުކުރިއެވެ.

"ކީއްވެ ނާދެވެންވީ؟" ރާއިފު ވަރަށް ހަމަޖެހިލާފައި ބުންޏެވެ. "އިރުއިރުކޮޅާ މި ކޮޅަށް ލޯންޗު އާދޭ! އަހަރެން ލޯންޗަށް އަރައިފިއްޔާ ފައިބާށޭ ބުނަން ކެރޭ ކައްޕިއެއް ނުހުންނާނެ. ހިނގާބަލަ ބޭރަށް ނުކުމެލަމާ!" އަންޖަލް ޗޮކެއް ކަނޑައިލިއެވެ.

"އެނގޭތަ؟ ނޫމާއްތަ މިއަދު ގުޅިއޭ!" އަންޖަލް ވަރަށް އާދައިގެ ގޮތަކަށް ބުނެލިއެވެ.

"އަހަނ! ހާދަ އަވަހަކަށް ނޫމާއްތައަށް ތި ވީ؟" ރާއިފު ހައިރާން ވެފައި ބުންޏެވެ. "އޭނަޔާ ތަންކޮޅެއް ދުރުގަ ހުންނައްޗޭ! ހަނދާން އެބަހުރި ދޯ އޭނަ ދެއްކި ވާހަކަ؟"

"އެ ކަމާއޭ ގުޅީ! ސޮރީ ވެސް ބުނެފި،" އަންޖަލް ބުންޏެވެ. "ބަޔަކު ނޫމާއްތަގެ ބޮލަށް އެރުނީޔޯ! މާދަމާ ރޭ އެ ގެއަށް އާދެބަލާށޯ! ރާއިފު ވެސް ގޮވައިގެން އަންނައްޗޯ!"

އެ ހިޔާލު ބަރުގާން އަކަށް އެއްގޮތަކަށް ވެސް ކަމަކު ނުދިޔައެވެ. އެހެނަސް، އެ ކަން ހުއްޓުވަން ބަރުގާން އެއްޗެކޭ ބުނެފިއްޔާ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އެ ކަމާ ބަރުގާން ވިސްނައިލިއެވެ. ދެވޭކަށް ނެތޭ ބުނެވިދާނެއެވެ. އޭރުން އަންޖަލް ދާނީ އެކަންޏެވެ. އެންމެ ފަހުން ބަރުގާން ޖެހޭނީ އެ ގެއަށް ގޮސް ނުފެނި ހުންނާށެވެ.

"ދެވޭނެ ދޯ؟" ބަރުގާން ވަކި އެއްޗެއް ނުބުނުމުން އަންޖަލް އެހިއެވެ. "އަހަރެން ބޭނުމެއް ނޫން އަހަރެން އެ ކަން ހިތުގަ އަޅައިގެން ނުދިޔައީ ކަމަށް ވާކަށް."

"އަންޖޫ ކަމަކު ބުނެފިއްޔާ އަހަރެން ނޯ ބުނާނެތަ؟" ރާއިފު އެއްބަސްވީ އެ ގޮތަށެވެ.

ސިހުރު ހަދާ ނަމަ އެހީ ހޯދާނީ ޖިންނީންގެ ފަރާތުންނެވެ. ސިހުރުވެރިޔާ ޖެހޭނީ ދީނުން ބޭރުވެ، ޖިންނީގެ އަޅަކަށް ވާށެވެ. ވީމާ، ނޫމާ ވަމުން ދިޔަ ތައްޔާރީތަކާއި ހެދިއްޔާ ހެދި އެއްޗެއް ބަލައިލުމަކީ ބަރުގާންއަށް ދާދި ފަސޭހަ ކަމެކެވެ. ބަރުގާން ކޮންނަން ފެށިއެވެ. ހަގީގަތް އެނގެން ފެށިއެވެ. ނޫމާއަށް އެހީތެރިވަނީ ޝިއްގުއެކެވެ. އެއީ އިފުރީތުންނާއި މާރިދުންނަށް ވުރެ ބަލިކަށި ވައްތަރެކެވެ. ފެންނަ އިރު އެއްބައި ހުންނާނީ އިންސާނެއްގެ ސިފައިގައެވެ. އަނެއްބައި ބިރުވެރި އެއްޗެއްގެ ސިފައިގައެވެ. ބަރުގާންއާ އެކުވެރި ޝިއްގުތައް ބައިވަރު އުޅެއެވެ. މައްސަލައަކީ ވެސް އެއީއެވެ. އޭގެ އެއްޗަކަށް ބަރުގާން ހަމަ ފެންނަ އިރަށް ވަގުތުން އެނގޭނެއެވެ. (ނުނިމޭ)

6 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 17%
icon angry icon angry 0%
icon wow icon wow 17%
icon inlove icon inlove 67%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނިމޭތޯ އިންތިޒާރުގާ

02 November 2025

ބިންބެ ކޮބަ ނިންމާކަށް ނުވޭ؟

The name is already taken The name is available. Register?

ހހހހ

02 November 2025

ދެން އަދިވެސް ރާއިފުގެ ހަގީގަތް ފަޅައެއް ނާރާ... މާ ލަސްވަނީ.. އަވަސްކުރޭ.. މިދާ ސްޕީޑްގަ އަހަރު ނިމޭއިރު ނިމޭނެބާ..

The name is already taken The name is available. Register?

2025

02 November 2025

ކަލޯ ބަރު އަހުން މިއުޅެނީ ހަމަޔަށް ބޭސްކޮޅުވެސް ނުލިބިގެން ފުރަތަމަ އެކަންކޮށްދީބަލަ...... ބޮއިހަލަކި

The name is already taken The name is available. Register?

ގުޑުލަކުމުނިޔާ

02 November 2025

ރާއިފު އަންޖަލް ގޮވައިގެން ނޫމާގެ ގެއަށް ވަނުމާއެކު ހުރިހާ ޝިއްގުތައްއައިސް ރާއިފުވަށާލިއެވެ. "އޭ ބަރުގާނު، ޔޫ މިތާ ކީއްތިކުރަނީ! ދާންވާނެދޯ ކުރުނބާބޯން!" އެތާގަތިބި ޝިއްގުތަކަކީ ބަރުގާނުގެ ކްލޯސާ ބަޑީސްތަކެވެ. "މަށެއް ނޫޅެން ކުރުނބާބޯން!މިހިރަ ފެންނަ އަންހެނާ އެއުޅެނީ ކީއްކުރަންތަ؟" އެހެންމީހުންނަށް ނޭގޭނެހެން ޝިއްގުތަކާ ބަރުގާނު ވާހަކަދެއްކިއެވެ. " އޭނައަށް އެނގޭ ޑޮލަރުކޮޅުހުރީ ޔޫގެއަތުގާކަން!އެހެންވެ އެއުޅެނީ އެތިކޮޅުލިބޭތޯ!"

The name is already taken The name is available. Register?

ސަސި

02 November 2025

ބިންމާ، މި ބަރުގާނުމެން ލައްވާ މާލެގެ ޓުރެފިކާއި ޕާކިން މައްސަލަ ހައްލު ކޮށްދީބަލަ

The name is already taken The name is available. Register?

ތެފައާސާ.

02 November 2025

ބަރުގާނަކަސް ކުރެވޭވަރުގެ ކަންތަކާއި ނުކުރެވޭވަރުގެ ކަންތައް ހުންނާނެ ދޯ؟ މި މާލެ ސަހަލު ކުރަން ބަރުގާނު ކީއްކުރަން އަތީލާ އެބުނާ ބަހުތާނީ ގަބީލާއާ އަފުރާދު ގަބީލާއާ ޒުއްރާން ގަބީލާ އެކުވެގެން އަޔަސް ކުރެވޭނެ ކަމެއް ނޯންނާނެ. އެއަށްވުރެ މާ ބޮޑަށް ބޮއްސުންލާފައި އޮތްތަނެއް މީ. އެހެންވީމާ މީގެ ތެރެއަށް ބަރުގާނު ލާން އުޅޭނެކަމެއް ނެތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454