05 ނޮވެމްބަރ 2025 - 06:09
(އާދިއްތަ ދުވަހާ ގުޅޭ)
އޭގެ އެއްޗަކަށް ބަރުގާން ހަމަ ފެންނަ އިރަށް ވަގުތުން އެނގޭނެއެވެ. ސާހިބުމީހާ ގާތުގައި އެ ވާހަކަ ބުނާނެއެވެ. ނޫމާގެ ގެއަށް ދިޔުމުގެ ކުރިން ބަރުގާން ވަރަށް ރަނގަޅަށް ތައްޔާރުވާން ޖެހުނެވެ.
އަންޖަލް އެތައް ފަހަރަކު ގަޑިބަލައިފިއެވެ. އެތައް ފަހަރަކު ރާއިފުއަށް ގުޅައިފިއެވެ. ރާއިފުގެ ފޯނު ރަނގަބީލުވެއެވެ. ނުއެއް ނަގައެވެ. ވާރޭ ވެހެން އުޅޭ ހެން އަންޖަލްއަށް ހީވާތީ އޭގެ ކުރިން ގެއިން ނުކުންނަން އަންޖަލް ބޭނުމެވެ. އެ ވަގުތު އެއްޗެއް ސްޕުރޭކުރާ އަޑާއި އޭގެ ވަސް އަންޖަލްއަށް އިހުސާސް ކުރެވުނެވެ. އަޑު އައީ ޝާފިޔާގެ ކޮޓަރިންނެވެ. ކޮޓަރީގެ ދޮރު ހުޅުވައިލި އިރު ޝާފިޔާ ހުރީ ބޮޕްސްޕްރޭ ފުޅިއެއް ހިފައިގެންނެވެ. ފުޅި ހުސްކޮށްލަން އުޅޭ ކަހަލައެވެ.
"އޭތްއޭތް! ދެން ހުއްޓާލާ!" އަންޖަލް ބުންޏެވެ.
ކޮޓަރި ތެރޭގައި ވަސް ގަދަކަމުން ނޭވާލެވޭ ވަރު ވެސް ނުވެއެވެ. އަންޖަލް ގޮސް ފުޅި އަތުލައިފައި، ކުޑަދޮރުތައް ހުޅުވައިލިއެވެ.
"އަދި ވެސް ކުރަފި އެބަ ފައި ތަޅުވާ!" ކުރަތްޕަށް އިޝާރާތްކުރަމުން ޝާފިޔާ ބުންޏެވެ. "ދެން ގެއްލޭނީ!"
"ގެއްލޭނީއޭ؟" ދެ ފަހަރަކު ކެއްސައިލާފައި އަންޖަލް ބުންޏެވެ.
"އާނ! އެއްކަލަ އެތި ވެސް ހަމަ ގެއްލުނީނު!" ޝާފިޔާ ބުންޏެވެ. "މާމަ ބުނި ހިނި ގެންދިޔައީއޭ! އެކަމަކު އެހާ އަވަހަކަށް ހިންޏަކަށް ނުގެންދެވޭނެ."
އަންޖަލްއަށް އެ ވާހަކަ މުހިންމެއް ނުވިއެވެ. އެ ދަނޑިވަޅު ނޫމާ ގުޅިއެވެ.
"ނައްޓާލީތަ؟" ނޫމާ ސުވާލުކުރިއެވެ.
"ނައްޓާލަން މި އުޅެނީ،" އަންޖަލް ބުންޏެވެ. "ތި ކޮޅަށް ވެހޭތަ؟"
"މިހާރު ހުއްޓާލައިފި،" ނޫމާ ބުންޏެވެ. "ކާރަކަށް އަރައިގެން އާދެބަލަ!"
ނޫމާ ފޯނު ބޭއްވުމުން އަންޖަލް އަނެއްކާ ވެސް ރާއިފުއަށް ގުޅިއެވެ. އެ ފޯނު ރަނގަބީލުވެއެވެ. އެކަމަކު، ފޯނު އޮތް ކޮޓަރި ތެރެއަކު އެކަކު ވެސް ނެތެވެ. ބަރުގާން މަޑުމަޑުން އަޑިއަށް ފީނަނީއެވެ. އިންސާނަކަށް ވައިފުޅި އަޅައިގެން ވެސް ނުދެވޭހައި ފުނުގައި ފެތުރިފައިވާ އަނދިރިކަމާއި ހަށިގަނޑު ފުނޑުފުނޑުކޮށްލާ ފަދަ ޕުރެޝަރަކުން ބަރުގާންއަކަށް އެއްވެސް އަސަރެއް ނުކުރެއެވެ. އުޅެވެނީ ރަނގަޅު ދިމާގައި ކަމާއި އެ ހައިކަ ފެންނާނެކަން ބަރުގާންއަށް ޔަގީނެވެ.
ތުނިކޮށް ވާރޭ ކަނިކަނި ޖަހަމުންދިޔަ ބިއްލޫރިގަނޑަށް ނަޒަރު ހުއްޓާލައިގެން އަންޖަލް އިނެވެ. މަގު ތޮއްޖެހުމުގެ ސަބަބުން ޓެކުސީ އޮތީ ކުރިޔަށް ނުދެވިފައެވެ. އަންޖަލް އިރުއިރުކޮޅާ ރާއިފުއަށް ގުޅައެވެ.
ކުޑަދޮރު ހުޅުވައިފައި ހުރުމުގެ ސަބަބުން ނޫމާގެ ބަދިގެ ތެރެއަށް ވާރޭ ވިއްސިއެވެ. އެ ކަމަށް ސަމާލުކަން ދެވޭ ވަރަށް ވުރެ ނޫމާ ކުރަމުން ދިޔަ މަސައްކަތް ނޫމާއަށް މުހިންމެވެ. ބަލާބެލުމަށް އެެއީ ބިސްކޯދު ޕުޑިން ތަށްޓެކެވެ. އެހެނަސް، ތަފާތު މަގުސަދެއްގައި ހެދިފައިވާ ޕުޑިންއެކެވެ. ދޮރުގައި ޓަކިޖަހައިލި އަޑާ އެކު ޕުޑިންތަށި އަނެއްކާ ވެސް އައިސްއަލަމާރިއަށް ލާފައި، ނުފެންނަން ޖެހޭ ސާމާނުތައް ފޮރުވާފައި، ދޮރު ހުޅުވިއެވެ. ދޮރުމަތީގައި ހުރީ އަންޖަލްއެވެ.
"ނަސީބެއްނު ކާރެއް ލިބުނުކަން،" ހިނިތުންވެލާފައި ނޫމާ ބުންޏެވެ. "ވަދޭވަދޭ! ކޮބާ ރާއިފު؟"
"ބުނި އަންނާނަމޭ!" އަންޖަލް ޖަވާބު ދިނެވެ. "އެކަމަކު.."
"އަންނާނޭ ބުނެފިއްޔާ އަންނާނެ،" ފަހަތުން ރާއިފު ބުނި އަޑުއިވުނެވެ. "ފޯނު ސައިލެންޓަށް ލެވިފަ އޮތީ!"
ދެ މީހުން އެކުގައި ނޫމާގެ ގެއަށް ވަނެވެ. ތަނުގެ އެތެރެއިން ރާއިފުއަށް އެތައް ވަހެއް ދުވިއެވެ. ފާރާއި ފަންގިފިލައިން ރެދަނުގެ ފަނޑު ނިޝާންތައް ފެނުނެވެ. އެއީ އެ ގެއަށް ވަދެނުކުމެވާ ކިޔާނުތަކުގެ ނިޝާނެވެ. ފަރުނީޗަރުތަކުގައި ކިލާ ހުއްޓެވެ. އެއީ ސިހުރު ހަދަމުން އަތްލެވޭ ތަންތަނެވެ. އިންސާނުންނަކަށް އެޔެއް ނުފެންނާނެއެވެ.
"އަންޖޫގެ ބައްޕަ އަބަދު ވެސް ބުނާނެ، ބައްޕަ ނެތް ދުވަހެއް އަޔަސް އަންޖޫއާ ގުޅުން ބާއްވައްޗޭ!" ކާން ތައްޔާރުކޮށްފައިވާ މޭޒު ކައިރީގައި ހުރި ގޮނޑިތައް ދައްކައިލަމުން ނޫމާ ބުންޏެވެ. "އެ ވަރުން ވެސް ފެށުން ވަރަށް ގޯސްކޮށް ދިޔައީ ދޯ؟ މިހާރު މި އުޅެނީ އެ ކަން ރަނގަޅު ކުރަން."
ކާމޭޒު މަތީގައި ސިހުރު ނަހަދާ ހަމަ އެކައްޗެއް ވެސް ނެތެވެ. ނޫމާ ތަންކޮޅެއް ބާރަށް ދެ ފަހަރަކު ނޭވާލިއެވެ. ހަމަ ކުއްލިއަކަށް ނޭވައަށް އުނދަގޫވާން ފެށީއެވެ. ކެއްސަން ވެސް ފެށިއެވެ.
"ނޭވާ ހިއްލާކަށް ވެސް ނޯންނާނެ ގަޑިއެއްގަޑިއެއް،" ވަރަށް އުނދަގުލުން ނޫމާ ބުނެލިއެވެ. "މިޔޮއް ހުރިހާ އިރު ނުލާހިކު ރަނގަޅަށް ހުރެފަ... އެބަ އަންނަން. ފަށާފަށާ!"
ރާއިފު އާއި އަންޖަލް މޭޒުދޮށުގައި ބައިތިއްބާފައި ނޫމާ ގޮސް ކޮޓަރިއަށް ވަނެވެ. ނޫމާއަކީ ނޭވާހިއްލާ މީހެއް ނޫނެވެ. އާންމުކޮށް ނޫމާއަށް އެހެން ވަނީ، އިންސާނުން ނޫން ބަޔަކު ގެނެސްގެން އުޅޭ އިރުއެވެ.
"ކިހިނެއްތަ މި ވަނީ؟" މަޑުމަޑުން ނޫމާއަށް ބުނެވުނެވެ.
"ފަށަމާ!" ތަށްޓަށް ބަތް އަޅަމުން އަންޖަލް ބުންޏެވެ.
ރާއިފު އެއްވެސް ކާއެއްޗެއްގައި އަތެއް ނުލިއެވެ.
"ހަމަ ފުލް!" އެހެން ބުނަމުން ރާއިފު ފެންފޮދެއް ބޯލިއެވެ.
ނޫމާ ރަނގަޅެއް ނުވިއެވެ. ކޮޓަރިން ނުކުތެވެ. ކާމޭޒު ކައިރިއަށް އައުމުން ނޭވާލެވެނީ ގަދަކަމުން ކަހަލަ ގޮތަކަށެވެ.
"ކޮބާ ހާދަ ކުރިޔަށް ނުދިޔައޭ!" ނޫމާ ބުންޏެވެ.
"އަހަރެން އެކަންޏޭ ކާން މި ޖެހުނީ،" އަންޖަލް ވަރަށް ހަމަޖެހިލާފައި ބުންޏެވެ. "މީނަ ކައިގެންނޯ މި އައީ."
"އެހެންވިއްޔާ ފޮނިއެއްޗެއް ކާލާނީ ދޯ؟" އައިސްއަލަމާރިޔާ ދިމާއަށް ހިނގައިގަންނަމުން ނޫމާ ބުންޏެވެ.
ރާއިފު ބިސްކޯދު ޕުޑިންއެއް ވެސް ނުކެއެވެ. އަންޖަލް ކެއެވެ. ކައި ނިމުމާ އެކު ނޫމާ ބޭނުންވީ ރާއިފުއާ އަންޖަލް ފޮނުވައިލާށެވެ. ނޭވާ ހިއްލުމާއި ވާރެޔާ، ދެން ވެސް ދެއްކެން އޮތް ހުރިހައި ބަހަނާއެއް ނޫމާ ދެއްކިއެވެ. އެހައި އަވަހަށް ފޮނުވައިލަން އުޅޭތީ އަންޖަލް ހައިރާންވި ނަމަވެސް އެ ވާހަކައެއް ނުދައްކައެވެ. ކާއެއްޗެހި މީރު ވާހަކަ ބުނެލާފައި އަވަހަށް ނުކުތީއެވެ.
ރާއިފުމެން ގެއިން ހަމަ ނުކުތުމާ އެކު ނޫމާގެ ނޭވާ ހަމައަކަށް އެޅުނެވެ. ތައްޔާރުކުރި އެއްވެސް ކާއެއްޗެއް ނޫމާ ނުކައެވެ. ހުރިހައި އެއްޗެއް ކޮތަޅަކަށް އަޅައި، އެ ކޮތަޅު އެހެން ކޮތަޅަކަށް ލައިފައި، ކުނި ނަގާ މީހުން ގެންދިޔުމަށް ބޭރުގައި ބެހެއްޓީއެވެ. ކާރުގައި ގެއަށް ދިޔަ މަގުމަތީގައި އަންޖަލް ދެއްކީ ނޫމާގެ ރަނގަޅު ވާހަކައެވެ. ރާއިފުގެ ކަމަކީ އެއްބަސްވުމެވެ.
ރޭގަނޑުގެ ވަގުތެވެ. ބުރިޖު މަތިން ދެކޮޅަށް ދަތުރުކުރާ އުޅަނދުތައް ގިނަވެފައި، ދުވެލި ބާރެވެ. ބަރުގާން ހުރީ ރައްޓެއްސެއްގެ އިންތިޒާރުގައެވެ. އެކުވެރިޔާ ފެނުނީ ބަރުގާން ހުރި ފަރާތް ނޫން އަނެއް ފަރާތުންނެވެ. ކުއްލިއަކަށް މަގު ހުރަސްކޮށްފައި ބަރުގާން އަނެއް ފަރާތަށް ދިޔައެވެ. ހީވާ ކަހަލައެވެ. އެއީ ބަރުގާންއަށް އެއްވެސް ކަމެއް ނޫނެވެ.
"ބަދަލުގަ ކޮން ކަމެއް އަހަރެން ކޮށްދޭންވީ؟" ޝިއްގު އެހިއެވެ.
"އޭނަގެ އަޅުވެތިކަމުން ކަލޭ ސަލާމަތް ކޮށްދިނީ އަހަރެންގެ އަޅަކަށް ހަދާކަށް ނޫން،" ބަރުގާން އަތުގައި އޮތް، ކޮޅު މޮށްކޮށްފައިވާ، ތަވީދުލާ ބަޑި ޝިއްގުއާ ހަވާލު ކުރަމުން ބަރުގާން ބުންޏެވެ. "މިހާރު މީ އެއްވެސް ބާރެއް ހުރި ހައިކައެއް ނޫން. ކަލޭ ތިހިރީ މިނިވަން ވެފަ. ދާނެ ތާކަށް ދޭ!"
"އަހަރެން އެކަނިތަ؟" ހައިކައަށް ބަލަމުން ޝިއްގު ބުންޏެވެ. "މުޅި އާއިލާގެ ހަލާކު މީ! އަހަރުމެން ލައްވާ ހާދަ ކަމެއް ގަދަކަމުން ކުރުވައިފިޔޭ! ހާދަ ބަޔަކު މެރިއްޖޭ! ހާދަ ކައިވެންޏެއް ރޫޅިއްޖޭ! އޭނަ ހީކުރާނީ ކަލޭމެންނަށް ވެސް މިހާރު ހުންނާނީ ސިހުރު ޖެހިފަ ކަމަށް. ގޮސް ބޭޒާރު ކޮށްލާ!"
"އޭރުން އަނެއްކާ އެހެން ގޮތެއްް ހޯދާނެ،" ބަރުގާން ބުންޏެވެ. "އޮޅުވާލާފަ ބަހައްޓާ! ހުރެދާނެއްނު!"
ހައިކައަށް ބަލަން ޝިއްގު އިރުކޮޅަކު ހުއްޓެވެ. އެއަށް ފަހު އަތުކޮޅަށް ހައިކަ ހޫރައިލިއެވެ. އޭތި ވެއްޓުނީ ކަނޑަށެވެ.
"ދަނީ!" ޝިއްގު ބުންޏެވެ.
ހުރި ދިމާއިން މައްޗަށް އަރާފައި، ލޮންސިއެއްހެން ޝިއްގު ކަނޑަށް ޖެހިގަތެވެ. ޖެހުނުލެއް ބާރުކަމުން އެންމެ ފޮނުކޮޅެއް ވެސް ނުއުފެދެއެވެ. އަންޖަލް ސަލާމަތް ކުރެވުނީތީ ބަރުގާން އުފާވިއެވެ. އަނިލް ސަލާމަތް ނުކުރެވުނީތީ ދެރަ ވެސް ވިއެވެ. ބަރުގާން އެންމެ ކަންބޮޑުވަނީ އަންޖަލްއަށް ހަގީގަތް އެނގިދާނެތީއެވެ.
އާ ދުވަހަކަށް އިރު އެރިއެވެ. ދުވަހުގެ ފުރަތަމަ ކަމަކަށް ނޫމާ ތާވަލުކޮށްފައި އޮތީ އަންޖަލްގެ ހާލު ބެލުމެވެ. ދެ ފަހަރު އަންޖަލްއަށް ގުޅުމުން ވެސް ފޯނެއް ނުނެގިއެވެ. އެއީ ނޫމާ އުންމީދުކުރި ގޮތެވެ. ކަރުން އަޑެއް ނެރުމަކީ އަންޖަލްއަށް ދެން ކުރެވޭނެ ކަމެއް ނޫނެވެ. ކުރިޔަށް އޮތް ތަނުގައި އެއްޗެއް ނުކެވޭނެއެވެ. ނުވެސް ދިރޭނެއެވެ. އެ ބަލި ފަސޭހަ ނުކުރެވޭނީ އެކަންޏެއް ނޫނެވެ. އަންޖަލް މަރުވާނީ ވަރަށް ހިތްދަތި، ވޭންދެނިވި ދުވަސްތަކަކަށް ފަހުގައެވެ. މުޅި ހަށިގަނޑުގެ އެތަންމިތަނަށް ހޮޅިގުޅާފައި އަންޖަލް ހޮސްޕިޓަލުގައި އޮންނަ ތަން ނޫމާއަށް ފެންނަ ކަހަލައެވެ. އަންޖަލްއާ އިންނަން ރާއިފު އުޅުނީތީ ރާއިފުއަށް ވެސް އެހެން ވާން ނޫމާ ބޭނުމެވެ. އެ ކަން ކާމިޔާބު ނުވީއެވެ. ވިސްނަން ބަދިގެ ތެރޭގައި ހުއްޓައި، ދޮރު ހުޅުވި އަޑު ނޫމާއަށް އިވުނެވެ. ބަލައިލި އިރު ރާއިފު ހުރީ އެތެރެއަށް ވަދެއެވެ.
"ކަލޭ ކިހިނެއް އެތެރެއަށް ވަނީ؟" ހައިރާންވެފައި ނޫމާ ބުންޏެވެ.
"ކަލޭ ކިހިނެއް ދެން ނުކުންނާނީ؟" ރުޅި އައިސްފައި ރާއިފު ބުންޏެވެ. "އެ ކަމަށް ވިސްނާ! އަހަރެން ބުނަން؟ ސިހުރު ހެދުން ހުއްޓާލާ! ތި ގެންގުޅޭ ސާމާނުތައް އުކާލާ! ފޮތް އަންދާލާ!"
"ފުރަތަމަ ކަމަކަށް، ތި ފާޑަށް މި ގެއަކަށް ނުވެސް ވަދެވޭނެ،" އެހެން ބުނި އިރު ނޫމާ ގާތަށް އައިސްފައިވާ ރުޅި ވެސް މަޑެއް ނޫނެވެ. "އަހަންނަކީ ސިހުރު ހަދާ މީހެއް ނޫން. ސާމާނެއް ވެސް ފޮތެއް ވެސް އަހަރެން އަތަކު ނޯންނާނެ. ދެން ކަލޭ ހަމަ މިހާރު މި ގެއިން ނުކުމޭ! އެހެން ނޫނީ ޕޮލިހަށް ގުޅާނީ! ކަލެއަކަށް ނޭނގޭތަ މަ މީ ކާކު ކަމެއް؟"
ރާއިފު އެއްލި އަތުން ނޫމާގެ ފޯނު ޖަހައިގެންފައި، ތަޅުންގަނޑުގައި ޖެހިޖެހީނުން ފުނޑުފުނޑުކޮށްލިއެވެ.
ހައިރާންވިލެއް ބޮޑުކަމުން ނޫމާއަށް ހަރާކަތެއް ކުރަން ވެސް ނޭނގުނެވެ.
"ކަލެއަށް އެނގޭތަ މަ މީ ކާކުކަން؟" ރާއިފު ހަޅޭއްލަވައިގަތް އިރު މުޅި ތަނަށް ގުޑުން އަރައިގެން ދިޔައެވެ.
"އަންޖޫއާ ދޭތެރޭ ވިސްނާލާފަ ކަލެއަށް ޗާންސެއް ދިނީ. ތި ކަހަލަ މީހުން ނުވާނެ ރަނގަޅެއް."
ރާއިފު އެހެން ބުނުމާ އެކު ހީވީ ނޫމާގެ ދެފައިން ވާގިދޫވި ހެންނެވެ. ހުރި ތަނަށް ވެއްޓުނެވެ. ތެދުވަން ދެ ފަހަރު މަސައްކަތް ކުރުމުން ވެސް، ފައިގައި ވަރު ނެތުމުގެ ސަބަބުން އަނެއްކާ ވެސް ވެއްޓުނެވެ. އެ ވަގުތު ނޫމާގެ ކަރުތެރެއިން ބިރުވެރި އަޑެއް ނެރިފައި، އަމުރުވެރި ރާގަކަށް ހަޅޭއްލަވައިގަތެވެ.
"ސަމުއްދާ! ސަމުއްދާ!" ނޫމާ ގޮވިއެވެ. (ނުނިމޭ)
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގުޑުލަކުމުނިޔާ
05 November 2025
ސަމުއްދާއަށް އެވަގުތު އަތީލާގެފޯނެއްއައެވެ. ބަތޫރުގެޖަނާޒާގައިބައިވެރިވުމަށް ވީހާވެސްއަވަހަކަށްއައުމަށެވެ.ޝާފިޔާއަށް ބޮޕްސްސްޕްރޭޖަހައި މަރައިލެވުނީ ކުރަތްޕަކަށް ވެގެން އެގެއަށް ވަން ބަތޫރުގެގަޔަށެވެ. ބަތޫރުގެ ޖަނާޒާގައަށް ބަރުގާނުވެސް ހާޒިރުވި އެވެ. "މިހާރުއެމަރާލީތާރާ،ދެންވެސް ބަރުގާނުއަށްވިސްނޭނެތަ؟"އަތީލާރުޅިވެރިކަމާއެކުބުނެލިއެވެ. "އެމީހުން ބުނެގެންތަ އޭނަ ކުރަތްޕެއް ގެ ސިފަ ޖެހިގެން ދިޔައީކީ؟" ބަރުގާނުވެސް ރުޅިވެރިއަޑަކުން ބުނެލިއެވެ.
ގުޑުލަކުމުނިޔާ
05 November 2025
އޭރު ސަމުއްދާހުރީ ގުޑުލަކުމުނޔާއާއެކު ކޮފީއެއްގައެވެ. ސަމުއްދާއަށް ނޫމާގޮވާއަޑުއިވުނަސް އަޅާނުލާ މުނިޔާއަށް ބަލަހައްޓައިގެންހުރެވުނީއެވެ."މުނިޔާ ތިވަރަށް ރާއިފުދެކެލޯބިވާއިރު އެނގޭތަ އެއީ ކާކުކަން؟" "ސަމޫ، އައިއަށްއެނގެޔޭ، އެކަމަކު ބަސްނާހާ ހިތް އެދެނީ އެސޫރަދެކެން!މިކަމާގުޅިގެން ޑެބީވެސް އައިދެކެލަންވެސްނާދޭ! ބުނީ އައި އުޅެނީ އޭނަގެއަތުގައިހުރިޑޮލަރުދެކެއޭލޯބިވެގެން! ޝުގާޑެޑީއެއްނުލިބިގެންނޭތިއުޅެނީ! " މުނިޔާ ކުރެހިފައިވާ އަޑަކުން ބުންޏެވެ.
ހަސަނާހާ
05 November 2025
ސަމުއްދާ ނުކުމެ ބުނެފި އެވެ. މި ގަޑީގަ ނުގޮވާށެވެ. ޝިއުއްކޮ އާ އެއްކޮށް މިއުޅެނީ ފޯއްމުލަކު ގަ އެވެ.
ޕްލޭން
05 November 2025
އޮޅުމެއްގައި ބަހައްޓަން ބުނެފައި ތި ބަސްޓު ކޮށްލީ ކޮރުމެއްވެސް ނެތްގޮތަކަށް ހެދި ޕްލޭން ފްލޮޕް ކޮށްލީ
2025
05 November 2025
މަންޖޭ ސަމުއްދާއޮތީ ނިދާފަ..... ޔޭ މަ ☝️...ބޮއިހަލަކި 8:24
ތެފައާސާ.
05 November 2025
"ސަމުއްދާ!" ނޫމާ ގޮވިއެވެ. ސަމުއްދާ ވަގުތުން ފާޅުވިއެވެ. ދެ ކޮނޑުގައި ހުރި ދެ އޭޓީއެމް އެއްފަރާތެއްގައި ބަހައްޓާފައި ތޫލި އަޑަކުން ސަމުއްދާ ވާހަކަ ދެއްކިއެވެ. "ކިހިނެތްވީ މަށަށް ތި ގޮވަނީ؟ އޭރުވެސް ބުނީމެއްނު ދެން މަށަށް ގޮވައި ގެނެސް ކަންކަން ކުރުވަން ނޫޅޭށޭ! އެހެން ނޫނަސް މަށަށް މިހާރު ނުލާހިކު ރަނގަޅު އޮފާރއެއް ލިބިގެން، ރައީސްގެ އެޑްވާންސް ޓީމާއިއެކީ ރަށްރަށަށްގޮސް އޭޓީއެމް ބެހެއްޓުމުގަ މި އުޅެނީ. މިހާރުވެސް ފުވައްމުލަކުން މިއައީ" (ނުނިމޭ)