މުނިފޫހިފިލުވުން / ވާހަކަ

ވާހަކަ- އަންޖަލް

(އާދިއްތަ ދުވަހާ ގުޅޭ)

ދެ މީހުން އެނބުރި ރިޒޯޓަކަށް ނުދާނެއެވެ. ދާނީ އެކަކެވެ. އެއީ ކާކުހެއްޔެވެ؟ ބަރުގާންގެ ނަޒަރުގައި އެ ނިންމުން ނިންމާނީ އަންޖަލްއެވެ. ބަރުގާންއަށް އަންޖަލް ދޭ ޖަވާބުތަކެވެ. އެ ކަމަށް ބޭނުންވާ ސުވާލުކަރުދާސް އޮތީ ތައްޔާރުވެ ނިމިފައެވެ. އަންޖަލް ހީކުރީ އަންޖަލް ދަނީ ފިނޮޅަކަށްކަމަށެވެެ. އެހެނަސް އެއީ ހަމަ އެކަނި ފިނޮޅެއް ނޫނެވެ. ހަޔާތުގެ ކުރިމަގު ބައްޓަންކުރާ މަންޒިލެވެ.

ފިނޮޅަށް ލޯންޗު ކައިރިކޮށް، ފޭލިގެ ޖަހައި، ވަރަށް އަވަހަށް ތަން ތައްޔާރުކޮށް ނިންމައިލިއެވެ. ހީވާ ކަހަލައެވެ. އެއީ އެ މީހުން ކޮންމެ ދުވަހަކު ކުރާ ކަމެކެވެ. ނިއުޅުވައިލެވޭ ކަހަލަ މޭޒަކާއި ދެ ގޮނޑި ވެސް ބެހެއްޓިއެެވެ. މޭޒު މަތީގައި ބެޓެރި އުއްބައްތި އަކާއި ގުދުރަތީ ފިނިފެންމަލުން ޒީނަތްތެރި ކޮށްފައިވާ މާވަށްޓަކާއި، ދެ މީހަކަށް ކާން ބޭނުންވާ ތަށްޓާއި އޫސަމުސާ ވެސް ބެހެއްޓިއެވެ.

"ކަމެއް އެބަ ހުއްޓެއްނު!" މަންޒަރު ބަލަން ދުރުގައި އިށީނދެލައިގެން އިން އަންޖަލް ބުންޏެވެ. "އަހަރުމެން މި އައީ ކިހާ ދުވަހަކަށް؟ އަދި ބުނެފިޔޭ މި ރޭ ދެން މަޑުކޮށްލާފަ، އިރުއަރާ ތަން ވެސް ބަލައިލާފަ، ހެނދުނު އަންނަންވީ ނޫންހޯ؟ މަ ބުނީ ނޫނެކޭ އަހަރެން ދަންވަރު މި ތާކު.."

"އޭ! ތީ ވަރަށް ސަޅި އައިޑިޔާއެއް،" ގާތުގައި އިން ރާއިފު ތެދުވަމުން ބުންޏެވެ. "އެބަ އަންނަން." "ރާއިފު.. ރާއިފު!" ރާއިފު ހުއްޓުވަން އަންޖަލް މަސައްކަތްކުރިއެވެ.

އަންޖަލްގެ ސިކުނޑި ބުނަނީ ދަންވަރު، ވަށައިގެން ކަނޑު ފެންނަ ތަނެއްގައި ނުތިބުމަށެވެ. ހިތް ބުނަނީ، އިރު އަރަންދެން މަޑުކޮށްލުމަށެވެ. އަންޖަލްއަކީ އަބަދު ވެސް ފަޅުރަށްރަށަށް ދާ ހިތްވާ ކުއްޖެކެވެ. ފިރިމީހާއާ އެކުގައި ފިނޮޅެއްގައި ރޭކޮށްލުމުގެ ފުރުސަތު ލިބިދާނެ ކަމަކަށް އަންޖަލް ދުވަހަކު ވެސް ހިތަކަށް ނާރައެވެ. ހެނދުނު ބަލައި އަންނަ ގޮތަށް ނިންމައިފައި، ރިޒޯޓަށް ދިޔުމަށް ޓަކައި ރާއިފުގެ އެކުވެރިން ލޯންޗަށް އެރިއެވެ. ކަމެއް ދިމާވެއްޖެއްޔާ ގުޅާނެ އެތައް ނަންބަރެއް ދިނެވެ. އެއް ނަންބަރަކަށް ނުގުޅިއްޖެއްޔާ އަނެއް ނަންބަރެވެ. ގުޅާލާ ވަގުތު ލޯންޗެއް ނުލިބިއްޖެއްޔާ ފަތާފައި ނަމަވެސް އަންނާނެ ކަމަށް އެކުވެރިން ބުންޏެވެ.

"ހަނީ ތިިހިރީ ކައިރީގަ. މޫން އަރާނެ އިރުކޮޅަކުން،" ލާނެތް އެކުވެރިއަކު އެހެން ވެސް ބުނެލިއެވެ. "އަހަރުމެން ދިޔައީމަ ޓެންޓަށް ވަދެ ނިދާނީކީ ނޫން."

އެންމެން ހީނގަތް އަޑުގެ ތެރެއަށް ލޯންޗުގެ އިންޖީނުގެ އަޑު ފޭދިގެން ގޮސް، އަނދިރީގެ ތެރެއަށް ލޯންޗު ގެއްލުނެވެ. ރާއިފު އާއި އަންޖަލް އެކަނިވިއެވެ. އަންޖަލްއަށް ނުފެންނަ ދުރުމިނާއި ނީވޭ ހައި ދުރުމިނަށް ރާއިފު ވިސްނައިލިއެވެ. އެ މާހައުލުގައި އެއްވެސް ބިރުވެރި ކަމެއް، ފާރަވެރި ކަމެއް ނެތެވެ. ރާއިފު އުޑަށް ނަޒަރު ހިންގައިލިއެވެ. އެ މަގު ވެސް އަމާނެވެ. ކޮންމެވެސް ސަބަބަކަށް ޓަކައި ބަތޫރު ވެސް އެ ރޭ ބަރުގާންއަށް އުނދަގޫ ނުކުރުމަށް ނިންމައިފިއެވެ. ވަށައިގެން އޮތީ އަނދިރިކަމެވެ. ހަމަހިމޭންކަމެވެ. ހިތްގައިމު ކަމެވެ. ތުނޑިއަށް ބީއްސާ ކުދިކުދި ރާޅުތަކާއި ރޯކޮށްފައި ހުރި ދަރު އުނދުނުގެ އަނގުރުތަކުން ކުޅޭ މިޔުޒިކާއި ދެ ލޯބިވެރިންގެ ލޮލުން އޮހޮރެމުން ދިޔަ ހިމޭން ލަފުޒުތަކުން ޖައްވުގައި ހުވަނދުލެވިފައިވިއެވެ.

އަންޖަލްއާއި ރާއިފު ތިބީ އަލިފާންގަނޑު ކައިރީގައި އޮށޯވެލައިގެން، ތަރިތަކަށް ބަލަހައްޓައިގެންނެވެ. ރާއިފުއަށް ބަތޫރު ސަމާލުކަން ނުދިން ނަމަވެސް، އެ ރެޔަކީ، އެހެން ރޭރޭ ފަދައިން އުޑުމަތީގައި ހަރަކާތްތައް ގިނަ ރެއެކެވެ.

"ގިނިހިލައެއް ވެސް ނުފެނޭ،" އަންޖަލް މަޑުމަޑުން ބުނެލިއެވެ. "ވާރޭވެހިގެންފިއްޔާޔޯ؟ ސުނާމީއެއް އަރައިފިއްޔާޔޯ؟ ރާއިފު ބިރެއް ނުގަނޭތަ؟"

"ގަނޭ!" ރާއިފު ޖަވާބު ދިނެވެ. "އަހަރެން ތިހާ ލޯބިވާ ކުއްޖަކު އަހަންނަށް ގެއްލިދާނެތީ. އެނގޭތަ އަންޖޫގެ ހިތް ވިންދުޖަހާ އަޑު ވެސް އަހަންނަށް އެބަ އިވޭކަން؟ އެހާ ވެސް ގާތުގަ މި އޮތީ. އެކަމަކު ބުނަން ޖެހޭނީ އަހަރުމެން މި ތިބީ ހާދަ ދުރެއްގައޭ!"

އަންޖަލް ތެދުވެ، ވެލިގަނޑު މަތީގައި އިށީނދެލިއެވެ. އަލިފާންގަނޑުގެ ރަތުރަންކުލަ އަންޖަލްގެ ކޯތާފަތުގައި ބީހެން ލަދުން އުޅޭ ތަން ރާއިފު ދުށްޓެވެ.

"ތީ ހަމަ އަސްލު ވެސް ރާއިފުތަ؟" އަންޖަލް އަނެއްކާ ވެސް އެ ސުވާލުކުރިއެވެ.

"ރާއިފު ނޫން މީހެއް ދެކެ އަންޖޫ ދުވަހަކު ވެސް ލޯތްބެއް ނުވާނަން؟" ތެދުވެ އިށީނދެލަމުން ރާއިފު އެހިއެވެ.

"ލޯބި ވެވޭނީ އެކަކު ދެކެ، އެއް ފަހަރު،" އަންޖަލް މަޑުމަޑުން ބުނެލިއެވެ. "އޭގެ މާނައަކީ ކޮބާ؟ މާނައަކީ، އަހަރެން ކިތަންމެ ބޭނުންވިޔަސް އެހެން މީހަކު ދެކެ، ދެނެއް ލޯތްބެއް ނުވެވޭނޭ!"

ރާއިފު ވިސްނައިލިއެވެ. ބުނަން ބޭނުން ބައިވަރު ވާހަކަ ހުއްޓެވެ.

"އެކަމަކު އަންޖޫ ދެކެ އެހެން މީހަކު ލޯބި ވެދާނެއްނު!" ރާއިފު ބުންޏެވެ. "އޭނަ ވެސް ހަމަ ތިހެނެއްނު ބުނާނީ. ލޯބި ވެވޭނީ އެކަކު ދެކެ، އެއް ފަހަރު. ފަހަތް ބަލައިލަބަލަ!"

އަންޖަލް ބަލައިލި އިރު ހަނދު އަރަނީއެވެ.

"ހީވަނީ ކަނޑުއަޑިން އަރާހެން ދޯ؟" އަންޖަލް ބުނެލިއެވެ.

"ލޮލަކީ ވެސް ހާދަ ލަނޑުދޭ އެއްޗެކޭ!" ރާއިފުއަށް ބުނެވޭ ވަރަށް ބުންޏެވެ. "އަންޖޫ ބުނެބަލަ! އިހަށް ދުވަހަކު ދިމާވި ރާއިފު ކިޔާ މީހަކު ދެކެ ތިހާ ލޯބިވަނީ ކީއްވެ؟ މި ރާއިފުގެ ކޮން ސްޕެޝަލް ކަމެއް ހުރީ؟" އަންޖަލް އިރުކޮޅެއް ވަންދެން ރާއިފުގެ މޫނަށް ބަލަހައްޓައިގެން އިނެވެ.

"ރާއިފު ހީނލާ ގޮތާ، ވާހަކަ ދައްކާ ގޮތާ، ސަމާސަކުރާ ގޮތާ.. އަހަރެންގެ އަތުގަހިފާ ގޮތާ..." އަންޖަލް ބުންޏެވެ. "ދިގު ލިސްޓެއް އެބަ އޮތް. ހަނދުއޮއްސޭ އިރު ވެސް ލިސްޓެއް ނުނިމޭނެ."

ރޭގަނޑުގެ ރާނީ ދަރުބާރަށް ނުކުމެވަޑައިގަތީ، ކަނޑާއި ބިން ރިހިން ގިރިޓީ ކުރައްވަމުންނެވެ. ތަރިތަކާއި ގުރަހަތައް ފަނޑުކުރައްވަމުންނެވެ. އަނދިރީގެ ފަރުދާ ކަޝްފު ކުރައްވަމުންނެވެ. އަންޖަލްގެ ލޯތްބަށް ކައުނު ހެކިވަމުން ދިޔަ އިރު، އުފަލާ ދާދި އެއްވަރުގެ ބިރުވެރި ކަމެއް ވެސް އަންޖަލްގެ ހިތަށް ފޭދެމުންދިޔައެވެ. ފިނޮޅަށް އައުން އެއީ އަންޖަލްއަށް ކުރެވުނު ރަނގަޅު ކަމެއް ބާއެވެ؟

ފޭލިގޭގައި ދިއްލާފައިވާ ބެޓެރި ފާނޫޒު ތަންކޮޅެއް އަނދިރި ކޮށްލާފައި، ބަރުގާން ފުން ނޭވައެއް ބޭރުކޮށްލިއެވެ. ގާތުގައި ފުންނިންޖަކުން ނިދާފައި އޮތް ޕަރީއެއް ފަދަ އަންޖަލްއާ ވަކިވުމަކީ، ބަރުގާންގެ ހިތަށް ކުޅަދާނަ ކަމެއް ނޫނެވެ. އެހެނަސް، އެންމެ ފަހުން އަންޖަލް ދެއްކި ވާހަކައިން ބަރުގާންގެ އުންމީދު ފެނަށް ވެއްޖެއެވެ. އިންތިޒާރުގެ ހުޅުކޮޅު ނިވިއްޖެއެވެ. ސުވާލުކަރުދާހުގެ ބަރުގާންއާ ދިމާގައި އެންމެ ރަނގަޅު ފާހަގައެއް ވެސް ނެތެވެ. ބަރުގާންއަށް ލިބެންވާ ހުރިހައި ތައުރީފަކާއި ލޯތްބެއް ލިބުނީ އެހެން މީހަކަށެވެ. އެ މަންޒަރު ބަލަން ބަރުގާންއަށް މާ އުނދަގޫލެވެ. ރާއިފުގެ ތޮށިގަނޑުން ނުކުމެ، ބަރުގާންގެ ސިފައިގައި އޮވެގެން، ފަހު ފަހަރަށް ބަރުގާން ވިސްނައިލިއެވެ. އަންޖަލްއާ ދިމާއަށް އެނބުރިލިއެވެ.

"މާފުކުރައްޗޭ އިނގޭ!" އަންޖަލްގެ މާސޫމު މޫނުގައި ބޮސްދިނުމަށް ފަހު ބަރުގާން ބުންޏެވެ. އިރުއެރިއެވެ. ފުރޮޅިލުމަށް ފަހު އަންޖަލް ލޯ ހުޅުވައިލިއެވެ. ހިނިތުންވެލާފައި ރާއިފުއަށް ބަލައިލިއެވެ. އޭނައެއް ނެތެވެ. ލޮޑު ގޮތަކަށް ތެދުވެ މޯޅިއަކަށް ދެމިލުމަށް ފަހު، ފޭލިގޭގެ ދޮރު ހުޅުވައިލިއެވެ.

"ގުޑް މޯނިން!" އަންޖަލް ބުންޏެވެ.

އަންޖަލްއަށް ލިބުނީ ހައިރާން ކަމެކެވެ. ރާއިފުއެއް ނެތެވެ. އަންޖަލް ހިތަށް އެރިއެވެ. ފޭލިގޭގެ ބިއްދޮށުގައި ފިލާ އޮތީއެވެ. ސިއްރުސިއްރުން ގޮސް ރާއިފު ސިއްސައިލިއެވެ. އެ ތާކު ވެސް އޭނައެއް ނެެތެވެ. އަންޖަލް ކަންބޮޑުވާން ފެށީ ދެނެވެ. ފިނޮޅު ވަށައިގެން މޫދަށް ބަލަމުން ހިނގައި، ގޮވަން ވެސް ގޮވިއެވެ. ނިކަން ބާރަށެވެ. ހިތާމައަކީ، އެ އަޑު އަހާނެ އެކަކު ވެސް އެ ތާނގައި ނެތްކަމެވެ. ރުޅި އައިސް، ރޮވެން ފެށުމުން އަންޖަލް ފޭލިގެއަށް ވަދެ، ފޯނު ނެގިއެވެ. އެކި މީހުންނަށް ގުޅަން ފެށިއެވެ. ފޯނުނެގީ ހާދީއެވެ. އޭނައަކީ ފިނޮޅަށް ދަތުރު ރޭވުމުގައި އުޅުނު މީހެކެވެ.

"ކޮބާ ކިހިނެއް ހަނީގެ މޫނު؟" ލާނެތް ރާގެއްގައި ހާދީ އެހިއެވެ. "ބަލާ ދާންވީ؟"

"ރާއިފު އެބަ އުޅޭތަ؟" ހިތްހަމަނުޖެހިފައި އަންޖަލް އެހިއެވެ.

"ތި ތާ އުޅޭ މީހަކު ކީއްވެ މި ތާ އުޅެންވީ؟" ހީނގެންފައި ހާދީ ބުންޏެވެ.

ހާދީ ހީކުރީ އަންޖަލް ސަމާސަ ކުރަނީ ކަމަށެވެ. އެހެނަސް، އަންޖަލް އެއްޗެއް ނުބުނި ތާނގައި، ރޯ އަޑު ކަހަލަ އަޑެއް އިވެން ފެށުމުން ހާދީ ސީރިއަސްވިއެވެ. ސަމާސާއެއް ނޫންކަން އެނގުނެވެ.

"އޭނަ މި ތާ ހުރި ނަމަ އަހަންނެއް ނުގުޅާނެއްނު!" އަންޖަލް އެހެން ބުނެފައި އާދޭހުގެ ރާގަކަށް ބުންޏެވެ. "އާދެބަލަ މަ ބަލާ! އަހަރެން ހޭލި އިރު ރާއިފުއެއް ނެތޭ! ނޭނގެ ދިޔަ ތަނެއް ވެސް. ފޯނު އެބަ އޮތް މި ތާ!"

ފިނޮޅަށް ލޯންޗު އައި އިރު، ރިޒޯޓުގެ މެނޭޖަރާއި އޭނަގެ ދަށުން ތިބި ދެ މީހަކު ވެސް އައެވެ. އެކި މީހުން އެކި ސުވާލު ކުރަން ފެށިއެވެ. ވީ ކީއް ހެއްޔެވެ؟ މައްސަލައެއް ޖެހުނީ ހެއްޔެވެ؟ ޒުވާބެއް ހިނގީ ހެއްޔެވެ؟ "ނޫނެކޭ!" އަންޖަލް ރޮމުން ބުންޏެވެ. "އެއްވެސް މައްސަލައެއް ނުޖެހޭ! އަހަރުމެން އެއްކޮށް ނިދީ ވެސް. މިހިރީނު ފޮޓޯތައް ވެސް."

ނިދަން އޮށޯވެގެން ތިބެގެން ވެސް އަންޖަލް ފޮޓޯ ނެގިއެވެ. އެންމެނަށް ފޮޓޯތައް ދެއްކިއެވެ. ދެ މީހުން ތިބީ ވަރަށް ހިނިއައިސްފައެވެ. ދަތުރުގެ އެއްވެސް ފޮޓޯއެއްގައި އެއްވެސް ހިތްހަމަނުޖެހުމެއް ނެތެވެ. ހެނދުނު ހޭލައިގެން ދެން ކުރާނެ ކަންތައް ނޯޓު ކޮށްފައި ވެސް ހުއްޓެވެ. ރިޒޯޓުގެ މެނޭޖުމަންޓުން ފުލުހުންނަށް ގުޅިއެވެ. އަންޖަލް ގުޅީ މާމަ އާއި ކާފައަށެވެ. ކޮންމެ މީހަކަށް ވެސް ލިބުނީ ބޮޑު ސިހުމެކެވެ. ރާއިފުއަކީ ފަތަން ޝައުގުވެރިކަން ހުންނަ، މުރާލި ޒުވާނެކެވެ. މޫދަކީ ރާއިފުގެ އެކުވެރިއެކެވެ. ހަމަ ހުރެފައި ގެއްލެންވީ ކީއްވެގެން ހެއްޔެވެ؟

ގަޑިން ހެނދުނު ދިހައެއް ޖަހަނީއެވެ. އަންޖަލް ބަނޑުހައެއް ނުވެއެވެ. ނުވެސް ތެދުވިއެވެ. މާލެ އައިސް އެނދުގައި އޮށޯތް ގޮތަށް އޮތީއެވެ. ފުލުހުންނަކަށް ރާއިފުގެ އެއްވެސް ހިލަމެއް ނުވިއެވެ. ފިނޮޅަކީ ކެމެރާ ހުންނަ ތަނެއް ނޫނެވެ. މަންޒަރު ދުށް އެހެން މީހަކު ނެތެވެ. މައްސަލަ ތަހުގީގު ކުރަން ކުރިޔަށް ދެވޭނެ އިތުރު މަގެއް ވެސް ނެތެވެ. ހުރި ހަމަ އެކަނި މީހަކީ އަންޖަލްއެވެ. އެންމެ ޖަވާބެއް ފިޔަވައި އަންޖަލް ބުނާނެ އެއްޗެއް ނެެތެވެ.

"އަހަންނާ ރާއިފު އެއްކޮށް ނިދީ!" އަންޖަލް ބުނަނީ އެހެންނެވެ. "އަޅެ ރާއިފު ހޯދަދީބަލަ!"

ރިޒޯޓުގެ އެތައް ބަޔަކާ ފުލުހުން ސުވާލުކުރިއެވެ. ކޮންމެ މީހަކު ވެސް ބުނަނީ ރާއިފު އާއި އަންޖަލްގެ ގުޅުން ރަނގަޅު ވާހަކައެވެ. ގުޅޭ ވާހަކައެވެ. އެކަކު އަނެކަކާ ދިމާއަށް ބާރަށް އެއްޗެއް ބުނާ އަޑު ވެސް ނީވޭ ވާހަކައެވެ. ކެމެރާތައް އެ ކަމަށް ހެކިދެއެވެ. އެހެނަސް މެންދުރެއްހައި އިރު ފުލުހުންނަށް ތަފާތު ހެތްކެއް ފެނުނެވެ. (ނުނިމޭ)

3 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 38%
icon angry icon angry 25%
icon wow icon wow 25%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

‫މައިސާ

19 November 2025

‫ ފުލުހުން ތަހުޤީޤު ކުރިއަށް ގެންދިޔަ ވަރަކަށް، މިކަން އޮތީ ހީކުރި ވަރަށް ވުރެ ބޮޑު ކަމަކަށް. ރާއިފުގެ މިސްރާބުން ބަލަން ފެށި. އޭނާގެ ކަންތައްތަކަށް. ރާއިފުގެ މިސްރާބުން ބަލަން ފެށުމުން ފުލުހުންނަށް އެނގުނު، ރާއިފަކީ އާދައިގެ އިންސާނެއް ނޫން. އޭނާއަކީ ޖިންނިއެއް. އެކަން އެނގުނީ ވަރަށް ގިނަ ހެކިތަކެއްގެ ސަބަބުން. އަދި އޭނާ ފެނިފައި ހުރި ގޮތްތަކުން ވެސް. މިއީ ހަމަ ހީވެސް ނުކުރާ ކަހަލަ ޙަޤީޤަތެއް. އެކަމަކު މި ހެކިތަކުން ދައްކަނީ މިއީ ހަމަ ޙަޤީޤަތެއް ކަމަށް.

The name is already taken The name is available. Register?

‫އޮކައިޑޯ ޖަޕާން

19 November 2025

‫ވަރަށް ރީތި މިވާހަކަ. މާކުރީ ގެނަސްދޭލެއް. މިވާހަކަ ބުނެލީ. އޮކައިޑޯ ޖަޕާނުން. ވަރަށް ސަލާމް

The name is already taken The name is available. Register?

‫ހެކި

19 November 2025

‫ފުލުހުންނަށް ހެކި ފެނުނެވެ. ނަމަވެސް އިތުރަށް ތަހުގީކުރާ މައްސަލަ އަކަށްވާތީވެ، ކުރިއަށް އޮތް ދިހައަހަރއަށް ވާވަރަށް އެމައްސަލަ ބެލުމުގެ ތަހުގީގު ފެށުނެވެ. ނަމަވެސް ރާއްޖޭގައި ހިގާއުސޫލުން އެމައްސަލަވެސް ދިޔަައީ އެއްމެ ފުލަށެވެ. އެންމެ ފަހުން ފިނޮޅަކުން ގެއްލުނު މީހާ އަށް ވީގޮތަށެވެ. އަދި އަދައްދާންދެންވެސް އެމީހާއަށް ވީ ގޮތެއް ފުލުހުންނަކަށް ނޭގުނެވެ. ހަމަ ރާއިފްް އަށް ވާނީ ތިޔަގޮތެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454