މުނިފޫހިފިލުވުން / ވާހަކަ

ވާހަކަ- އަންޖަލް

(އާދިއްތަ ދުވަހާ ގުޅޭ)

"ރެސްޓު ކުރާށޭ ކިޔާފަ ސައިތާނު ކޮން ތާކަށް އެ ދިޔައީ؟" އަންޖަލް ކައިރީގައި ހުރި ތާމިރު ބުންޏެވެ.

ތާމިރު ލޯބިވަނީ އަންޖަލް ދެކެއެއް ނޫނެވެ. އަންޖަލްއަށް ލިބެން އުޅޭ ދަރިފުޅު ދެކެއެވެ. އަންޖަލްއަށް އެ ޝައްކު ކުރެވޭތާ ކިތަންމެ ދުވަހެކެވެ. ފުރަތަމަ ފަހަރަށް އެ ކަން ސާބިތުވީއެވެ. ދެން އޮތީ ތާމިރުގެ އަންބެއް ހުންނަ މައްސަލައެވެ. އެ ކަން ދެން އަންޖަލްއަކަށް އެހައި މުހިންމެއް ނޫނެވެ. ތާމިރުއާ ނީންނަން އަންޖަލް ނިންމީމައެވެ. އަންޖަލްއަށް ގޮވަމުން ތާމިރު ކޮޓަރިން ނުކުތެވެ. އަންޖަލްއަށް ފޯނު ކުރިއެވެ. އެނދުމަތީގައި އޮތް ފޯނު ރަނގަބީލުވުމާ އެކު އަންޖަލް ފޯނު ނެގިއެވެ.

"އަންޖޫ!" ވަރަށް ލޯބިން ތާމިރު ބުންޏެވެ. "ކޮން ތާކު؟"

"ފާހާނައިން މި ނުކުތީ!" އަންޖަލް ބުންޏެވެ.

ފާހާނައިގައި އަންޖަލް އުޅޭތޯއެއް ތާމިރު ނުބަލައެވެ. އެ ކަން ވިސްނުމުން އަލުން ކޮޓަރިއަށް ވަންނަން ހިނގައިގަތް އިރު އަންޖަލް ކޮޓަރިން ނުކުންނަނީއެވެ. ތާމިރު ފެނުމާ އެކު ވެސް އަންޖަލްގެ މޫނުމަތިން ފާޅުވެފައިހުރި ފޫހިކަމެއް ނުފޮރުވުނެވެ.

"ކިހިނެއްވީ؟" ތާމިރު އެހިއެވެ. "ހާދަހާ މޫޑީވެފަ."

"އަހަރެން ބޭނުން މާލެދާން،" އަންޖަލް ބުންޏެވެ. "މިއަދު."

"މާލެދާށޭ؟" ހައިރާންވެފައި ތާމިރަށް ބުނެވުނެވެ. "މިހާ އަވަހަށް؟ އަދި ހަފުތާއެއް ފަހުން އަހަންނަށް ދެވޭނީ. ވަރަށް މަސައްކަތް އެބަ ހުރި. އަންޖޫ ފޫހިވަނީތަ؟"

އަންޖަލް ހިތަށް އެރިއެވެ. ވީ ގޮތް ބުނެދޭންވީ ހެއްޔެވެ؟

"ތާމިރު މަޑުކުރޭ!" ޖަވާބުގައި އަންޖަލް ބުންޏެވެ. "ޝާފިޔާމެންނާ އެކީ އަހަރެން ހިނގައިދާނަމޭ!"

"މި ރަށް ކަމުނުދަނީތަ؟" ތާމިރު އެހިއެވެ. "އަހަރެން ނިންމައިގެން މިހިރީ ކައިވެނި ކޮށްގެން މި ކޮޅަށް ބަދަލުވާން ކަމަށް. ދުވަސްކޮޅަކަށް."

"އަހަރެން ބޭނުމެއް ނޫން ތާމިރާ އިންނާކަށް،" އެއީ ހަމަ އެ ވަގުތު ލިބުނު ހިތްވަރެއްގެ ސަބަބުން އަންޖަލްއަށް ބުނެވުނު އެއްޗެކެވެ. "ކޮންމެހެން މި ވާހަކަ ކާފަމެން ގާތުގަ ބުނާނެ ކަމެއް ވެސް ނެތް. މި ކަން މި ނިމުނީ."

އެހެން ބުނެފައި އަންޖަލް ހިނގަމުން ގޮސް ގެސްޓު ހައުސްއިިން ނުކުތެވެ. ދާނެ ވަކި ތަނެއް އޮވެގެނެއް ނޫނެވެ. ތާމިރު ވިސްނަން ހުރީއެވެ. ވެގެންވާ ނަމަ ތާމިރު ނޭވާލާން ވެސް ބޭނުންވަނީ ވިޔަފާރި އުސޫލުންނެވެ. އަންޖަލްގެ ކައިވެންޏަކީ ވެސް ތާމިރުގެ ވުނައެކެވެ. ކުރި ހަރަދު ފެނަށް ދިޔަ ނުދޭން ކުރެވުނު ހުރިހައި ކަމެއް ތާމިރު ކުރާނެއެވެ.

މެންދުރުގެ ފުލައިޓުން އަންޖަލްގެ ކާފަ އާއި މާމަ ކުޑަހުވަދޫއަށް އައެވެ. އަންޖަލް ވަރަށް ހައިރާންވިއެވެ. ބުނެ ވެސް ނުލައި ކާފަމެން އައީމައެވެ. އެ މީހުން އަންނަންވީ ވަކި ހާއްސަ ސަބަބެއް ވެސް ނެތެވެ. ދެން މާލެދާކަށް އަންޖަލްއަކަށް ނުކެރުނެވެ. ނިޒާރު ބުނި ގޮތުގައި އަންޖަލްމެން މާލޭގައި ނެތުމުން ފޫހިވާތީ އަންޖަލް ހުރި ތަނަށް އައީއެވެ. އެހެން ވެދާނެ ކަމަށް އަންޖަލްއަށް ގަބޫލު ކުރެވުނެވެ. މާމަ އާއި ކާފަ ވެސް އެންމެ ލޯބިވަނީ އަންޖަލް ދެކެއެވެ.

ހަވީރުގެ ވަގުތެވެ. ކާފަ ކޮޓަރީގެ ދޮރުގައި އަންޖަލް ޓަކިޖަހައިލާފައި ދޮރު ހުޅުވައިލިއެވެ. އެތެރޭގައި ކާފަ އާއި މާމަ ތިއްބެވެ.

"ދިމް ބުނި މާމަ އެބަ ގޮވައޭ!" އަންޖަލް އެތެރެއަށް ވަންނަމުން ބުންޏެވެ.

ނިޒާރު ވަރަށް އުފާވެފައި އަންޖަލްއަށް އެނދުން ތަންކޮޅެއް ދެއްކިއެވެ. އަންޖަލް ނުއެއް އިށީނދެއެވެ.

"އެބަ ޖެހޭ ބޮޑު ދަތުރެއް ރާވަން،" ވަރަށް ހިނިއައިސްފައި ނިޒާރު ބުންޏެވެ. "އަހަރުމެން އެކަންޏެއް ނޫން. އެންމެން. ތާމިރު ބުނީ އަންޖޫ ވިހަން ދާނީ ސިންގަޕޫރަށޭ!"

އަންޖަލް އުފަލެއް ނުވިއެވެ. ހިތަށް އެރިއެވެ. ތާމިރުގެ ރޭވުމަކީ އެއީތާއެވެ.

"ދަރިފުޅު އުފަލެއް ނުވޭތަ؟" މުހުސިނާ އެހިއެވެ. "މާމަމެން ހުވަފެނުން ވެސް ނުދެކޭ ތަނެކޭ އެއީ. އެ ތަނަށް ސުނޯ ފައިބާތަ؟"

މުހުސިނާ ވެފައި ހުރި އުފަލަށް ވުރެ ދެގުނަ ބޮޑަށް މާޔޫސްވެފައި އަންޖަލް އެނދުގައި އިށީނެވެ. އަންޖަލްއަށް ނޭނގެނީ އަންޖަލް ދައްކަން ބޭނުންވާ ވާހަކަ ފަށާނެ ގޮތެކެވެ. ކާފަމެން ހިތުގަ ޖެހޭކަށް އަންޖަލް ބޭނުމެއް ނޫނެވެ. އަންޖަލްގެ ހިތާ ދެކޮޅަށް މީހަކާ އިންނާކަށް ވެސް އަންޖަލް ބޭނުމެއް ނޫނެވެ.

"އަހަންނެއް ސިންގަޕޫރަކަށް ނުދާނަން،" އަންޖަލް ބުންޏެވެ. "މާލޭގަ ވިހާނީ."

ނިޒާރު އާއި މުހުސިނާގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. އެކަކުއަނެކަކުގެ މޫނަށް ބަލައިލިއެވެ. ނިޒާރު ހިތަށް އެރިއެވެ. މާލެއަށް ވުރެ ރަނގަޅު ހޮސްޕިޓަލުތައް ސިންގަޕޫރުގައި ހުންނާނެއެވެ. އަތުން ހަރަދެއް ނުގޮސް އެ ފަދަ ތަނެއްގައި ވިހެން އޮއްވައި އިންކާރު ކުރަންވީ ކީއްވެ ހެއްޔެވެ؟ އަނެއްކޮޅުން ތާމިރު ހިތަށް އަރާނީ ކީކޭ ހެއްޔެވެ؟

"ތިހެން ހެދީމަ ތާމިރު ކިހާ ދެރަވާނެ ދަރިފުޅާ؟" ނިޒާރު ބުންޏެވެ. "ކައިވެނީގެ ހުރިހާ ކަމެއް ހަމަޖެހިފަ..."

"އަހަރެން ބޭނުމެއް ނޫން އޭނަޔާ އިންނާކަށް،" އަންޖަލް ބުންޏެވެ. "އޭނައަކީ މާމަމެން ތި ހީކުރާހާ ރަނގަޅު މީހެއް ނޫން. ވަރަށް މަކަރުގަދަ މީހެއް އެއީ."

އަންޖަލްއަކީ އެ ގޮތަށް ވާހަކަ ދައްކާ ކުއްޖެއް ނޫނެވެ. މުހުސިނާ ކުޑަކޮށް ހިތްހަމަނުޖެހުނެވެ. އެއްޗެއް ބުނަން ވެސް އުޅުނެވެ. ނިޒާރު އެދުނީ ނިޒާރަށް ފުރުސަތު ދޭށެވެ.

"ތިހެން ބުނާކަށް ނުވާނެއްނު ދަރިފުޅާ!" ނިޒާރު ވަރަށް އޯގާވެރިކަމާ އެކުގައި ބުންޏެވެ. "ކިހާ ވަރަކުން އޭނަ އެ އުޅެނީ. ދަރިފުޅަށް ޓަކާ ކޮން ކަމެއް އޭނަ ނުކުރަނީ؟"

ކާފަޔާ ދެކޮޅަށް އެއްޗެއް ބުނާކަށް އަންޖަލްއަކަށް ފަސޭހައެއް ނޫނެވެ. މައިންބަފައިންގެ ލޯބިން އަންޖަލް މަހުރޫމުވި ދުވަހު ހުރިހައި ކަމެއް ކޮށްދިނީ މާމައާއި ކާފައެވެ. ތާމިރަކީ، އިންނާނެ މީހަކު ހޯދައިދޭން އަންޖަލް އެދުނީމައި ކާފަ ހޯދި މީހެކެވެ. އެހެނަސް، އަންޖަލް ހީކުރި ކަހަލަ މީހަކަށް ތާމިރު ނުވިއެވެ. މައްސަލައަކީ އަންޖަލްއަށް އެނގޭ އެއްވެސް ކަމެއް މާމަމެންނަށް ނޭނގުމެވެ.

"އަހަންނަށް ޓަކައެއް ނޫން، އަހަރެންގެ ދަރިފުޅަށް ޓަކާ!" އަންޖަލް އެ ތަންކޮޅު ރަނގަޅު ކޮށްދިނެވެ.

"ކިހިނެއް ކާފައަށް މި ވާހަކަ ކިޔައިދޭނީ؟ އޭނަ އެ އުޅެނީ އަހަރެންގެ ބޭބީ ބޭނުންވެގެންނޭ ކާފާ! އޭނަގެ އަސްލު ވައިފަށް ކުދިން ނުލިބޭތީ ކުއްޖަކު ހޯދަން އޭނަ އެ އުޅެނީ. ރަނގަޅަށް ވެއްޖިއްޔާ އޭނަގެ ވައިފް މިހާރު ހުންނާނީ ސިންގަޕޫރުގަ. ވިހާ އިރަށް އަހަރެންގެ ބޭބީ ދޭނީ އޭނަގެ ވައިފަށް. ކާފަ ބޭނުންތަ އެހެންވާން؟ މާމައަށް ހެޔޮތަ އެހެންވިޔަސް؟"

އަންޖަލްއަކީ، އަންޖަލްގެ މަންމަ ފަދައިން ޝައްކު ބަލި ހުންނަ ކުއްޖެކެވެ. މޮޔަ ވާހަކަ ދައްކައި، މޮޔަ ކަންތައް ވެސް ކުރެއެވެ. އަންޖަލް މަންމަގެ ސިކުނޑީގައި ހުންނަ މޮޔަކަން އަންޖަލްއަށް ވެސް ވާރުތަކުރީއެވެ. ނިޒާރު އާއި މުހުސިނާ ދެކޭ ގޮތަކީ އެއީއެވެ. ތާމިރުއާ ބެހޭ ގޮތުން އަންޖަލްއަށް އެނގޭނީ ކޯޗެއް ހެއްޔެވެ؟

"ތީ ކާކު ދަރިފުޅަށް ދޭ ވަސްވާސްތަކެއްތަ އަޅެ؟" މުހުސިނާ އެހިއެވެ. "ތަންކޮޅެއް ހަމަޖެހޭ އެއްޗެއް ކިޔާބަލަ!"

އޭނަގެ ނަން އަންޖަލްއަށް ބުނެވިދާނެއެވެ. ބަރުގާންއަކީ ކޮން ތަނެއްގެ ކާކުކަން ވެސް ބުނެވިދާނެއެވެ. ގަބޫލުކުރާނީ ކާކު ހެއްޔެވެ؟ ބަރުގާންގެ ނަން ބުނަން އަންޖަލް އަނގަ ހުޅުވައިލިއެވެ. އެހެނަސް ބުނީ އެހެން އެއްޗެކެވެ.

"ކާފަ އަޅެ އެ ތާމިރު ކައިރީގަ އަހާބަލަ މި ބުނީ ދޮގެއްތޯ!" އަންޖަލް އެދުނެވެ.

"ނުކެރޭނެ އަހާކަށް،" ޗޮކެއް ކަނޑައިފައި ނިޒާރު ބުންޏެވެ. "ކެރުނަސް ނާހާނަން. ބޭނުން ތަނަކުން ދަރިން ގަނެގެން ގެނެވެން އޮންނަ ޒަމާނެއްގަ، އަންޖޫ ތި ކުއްޖާ ވިހަންދެން ތާމިރު މަޑުކުރަން ޖެހޭނެ؟ ނުޖެހޭނެ. ދަރިފުޅު ވިސްނާލަބަލަ! ބޮޑު މަހުޖަނެކޭ އެއީ. މީސްމީހުން ދައްކާ ސޭކު ވާހަކަ ގަބޫލު ކޮށްގެން މި ލިބުނު ފުރުސަތު ނަގާލުމަށް ވުރެ، މިންވަރަށް ޝުކުރު ކޮށްލިއްޔާ މާ ރަނގަޅެއްނު ދަރިފުޅާ! ބުނަން ދަރިފުޅާ ވާހަކައެއް. މީހަކަށް ނިއުމަތެއް ލިބެންޏާ ހަސަދަވެރިވާ މީހުން ވަރަށް ގިނަވާނެ. ކާފަ ބުނީތީ، ކާފައަށް ޓަކާ މި ކައިވެންޏަށް ނޫނެކޭ ނުބުނޭ! އެހާ ރަނގަޅު މީހެއް ދެނެއް ނުލިބޭނެ."

"ވަރަށް ބޮޑަށް ސޮރީ ކާފާ އެކަމަކު އޭނައަކާ އަހަރެން ނީންނާނަން،" އަންޖަލް ތެދުވަމުން ބުންޏެވެ. "ހަމަ ވަރަށް ވަރަށް ސޮރީ!"

އެ ހިސާބުން އަންޖަލްގެ މާމަ ކާފަ އާއި އަންޖަލްއާ ދެމެދު ނުތަނަވަސްކަމެއް އުފެދުނެވެ. ވާހަކަ ދެއްކުން ހުއްޓައިލިއެވެ. އަންޖަލްއަކަށް އެ ކަމެއް ނުވެސް އެނގެއެވެ.

އެ ރަށުގައި ކުޑަ ވަރެއްގެ ސިނަމާއެއް ހުރެއެވެ. އާންމުކޮށް އެ ތަނުގައި ދައްކަނީ ދިވެހި ފިލްމެވެ. މަދުމަދުން ހިންދީ ފިލްމު ވެސް ދައްކައެވެ. ހަވީރު ސައިބޮއިގެން ގެސްޓު ހައުސްއާ ދިމާ އަތިރިމައްޗަށް އަންޖަލް ނުކުމެފައި އެނބުރި އައި އިރު، އެ ތަނުގައި ހުރި ޖޯއްޔެއްގައި ކަރުދާސްގަނޑެއް އޮތެވެ. އޭގައި އޮތީ އެރޭ ސިނަމާގައި ދައްކާ ހިންދީ ފިލްމެއްގެ އިސްތިހާރެވެ. ފިލްމުގެ ނަން ފެނުމާ އެކު، މާމަ އަބަދު ވެސް އެ ފިލްމުގެ ވާހަކަ ދައްކާކަން އަންޖަލް ހަނދާންވިއެވެ. ގަނޑު ހިފައިގެން އަންޖަލް އައި އިރު، މާމައާއި ކާފަ ގެސްޓު ހައުސްއާ ދިމާއަށް އާދެއެވެ.

"މާމާ! މިރޭ ދައްކަނީ ސަންގަމް! ބަލަ އުހުނ!" އަންޖަލް ގަނޑު ދައްކައިލަމުން ބުންޏެވެ.

މުހުސިނާ އެ ގަނޑަކަށް ނުބެލިއެވެ. އަންޖަލް ބުނި އެއްޗެއް ނިޒާރުއަކަށް ވެސް ނީވުނެވެ. އެއީ ދުވަހަކު ވެސް މުހުސިނާ ކަންތައް ކުރި ގޮތެއް ނޫނެވެ. އަންޖަލް އެއްޗެއް ބުނެފިއްޔާ މުހުސިނާ އާއި ނިޒާރު ވެސް އަޑުއަހާނެއެވެ. ކޮންމެވެސް މަޖާ އެއްޗެއް ބުނެލާނެއެވެ. ދެ މީހުން ކުރެ އެކަކު ވެސް އިވުނު ކަމަށް ނުހެދުމުން އަންޖަލްގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ހީވީ ހިތުން ބައެއް މަދުވި ހެންނެވެ. ތާމިރުގެ ކައިވެންޏަށް އިންކާރު ކުރުމުގެ އަދަބު އެހައި ބޮޑުވެދާނެ ކަމަކަށް އަންޖަލް ފަހަރެއްގައި ވެސް ހިޔެއް ނުކުރެއެވެ. މާމަ އާއި ކާފަ ވާހަކަ ދެއްކުން ހުއްޓައިލުމަކީ އަންޖަލްއަށް ލިބޭނެ އެންމެ ބޮޑު ދެރައެވެ.

މުޅި ދަތުރަށް ފާޑެއްގެ ހިޔަންޏެއް އަނދިރި އެޅިއެވެ. ފޯރި ގެއްލުނެވެ. ކޮންމެވެސް މީހަކު އަންޖަލްގެ ކޮއްކޮމެން ގާތުގައި ވެސް އެ ވާހަކަ ބުނެފިއެވެ. އަންޖަލްއަށް އެ ކަން އެނގުނީ ކޮއްކޮމެން އުޅުނު ގޮތުންނެވެ. އެ މީހުން ހީވަނީ އަންޖަލް ދެކެ ރުޅި އައިސްފައި ތިބޭ ހެންނެވެ. ތާމިރުއާ ވަރަށް މަޖާކޮށް ވާހަކަ ދައްކައެވެ. އަދަބުދީ އެކަހެރިކޮށްލީ އަންޖަލްއެވެ. ކުށްވެރިއަކަށް ހެދީ ވެސް އަންޖަލްއެވެ. އެ ކަމާ ވިސްނަން އަތިރިމަތީގައި އަންޖަލް އެކަނިމާއެކަނި އިންދައި އިރުއޮއްސުނެވެ. ބަންގިގޮވިއެވެ. އަނދިރިވިއެވެ. ދެން އައީ، ދެނަމާދު ދޭތެރޭގެ ވަގުތެވެ. މުޅި ރަށް އޮތީ ހަމަހިމޭންވެފައެވެ.

"ދޮންތާ ދޮންތާ!" ދުވަމުން، މައިނޭވާލަމުން އައި ދިމްނާގެ އަޑުއިވުނެވެ. "ކާފައަށް ކޮންމެވެސް ކަމެއް ވެގެން އެބަ އުޅޭ!" (ނުނިމޭ)

1 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 30%
icon angry icon angry 10%
icon wow icon wow 40%
icon inlove icon inlove 20%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޔޫކޭ

17 December 2025

މިދެން ކިހާ ދެރަ ވަޑާމެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454