މުނިފޫހިފިލުވުން / ވާހަކަ

ވާހަކަ- އަންޖަލް

(ބުދަ ދުވަހާ ގުޅޭ)

"ކާފައަށް ކޮންމެވެސް ކަމެއް ވެގެން އެބަ އުޅޭ!" ދުވަމުން، މައި ނޭވާލަމުން އައި ދިމްނާގެ އަޑުއިވުނެވެ.

ސިއްސައިގެން ގޮސްފައި ތެދުވެގެން ދުއްވައިގަތުމުގެ ބަދަލުގައި އަންޖަލް އިން ގޮތަށް އިނެވެ. ދެން ބަލައިލީ މޫދަށެވެ. މީހެއް ނެތް ދިމާއަކަށް އެނބުރިގެން ވެސް އިރުކޮޅަކު އިނެވެ. ދިމްނާއަށް އެއީ އާ ކަމެއް ނޫނެވެ. އާއިލާގެ އެންމެން ވެސް އެއަށް ހޭނިއްޖެއެވެ. އެހެނަސް ދިމްނާގެ ހިތުގައި ބައިވަރު ސުވާލު އުފެދެއެވެ. މަންމަގެ ފަރާތުން އެ ބަލި ދޮންތައަށް އެކަނި ވާރުތަކުރީ ކީއްވެގެން ހެއްޔެވެ؟ އެހެން އެއްވެސް ކަމެއްގައި ދޮންތަގެ ފަރާތުން އެ ބަލީގެ އަސަރު ނުފެންނަނީ ކީއްވެގެން ހެއްޔެވެ؟ ދޮންތަގެ މިޒާޖުގައި މޮޔަ ގޮތެއް ނުހުރެއެވެ. ހަމަ އެކަނި ކުރާ ކަމަކީ، މީހުން ނުތިބޭ ދިމަދިމާއަށް ބަލައިގެން ވާހަކަ ދެއްކުމެވެ. ނުވަތަ ހަނުހުރުމެވެ. ދޮންތަގެ އަސްލު މަގުސަދަކީ، މާމަކާފަގެ ލޯތްބާއި ސަމާލުކަން ހޯދުންބާއެވެ؟ ތިން ބެއިންގެ ތެރެއިން ދޮންތަ ދެކެ ބޮޑަށް ލޯބިވީމައި ވެސް ދޮންތައަށް އެ ވަރުން ނުފުދެނީބާއެވެ؟

"ދޮންތާ!" ދިމްނާ ބުންޏެވެ. "އަހަރެން މި ކިޔާ އެއްޗެއް އަޑުއިވޭތަ؟ ހިނގާބަލަ!"

އަންޖަލް އަނެއްކާ ވެސް ދިމްނާއާ ދިމާއަށް ބަލައިލިއެވެ. މަޑުމަޑުން ތެދުވިއެވެ. ހިނގަން ފެށިއެވެ. އަންޖަލް ބަލަނީ މީހަކު ނެތް ދިމާއަކަށެވެ. ބޯޖަހާ ހެން ވެސް ދިމްނާއަށް ހީވިއެވެ. ވާހަކައެއް ނުދައްކައެވެ.

"ބާރަށް ހިނގާބަލަ ދޮންތާ!" ދިމްނާ އެދުނެވެ.

އަންޖަލްގެ ހިނގުމަކަށް ބަދަލެއް ނައެވެ. ދިޔަ ގޮތަށް ގޮސް ގެސްޓު ހައުސްއަށް ވަނެވެ. ނިޒާރު އޮތީ އެ ތަނުގައިކަން އަންޖަލްއަށް އެނގެއެވެ. ނިޒާރުގެ ކޮޓަރިއަށް ވަން އިރު ނިޒާރު އެނދުގައި އޮށޯވެގެން އޮތެވެ. ތާމިރު އާއި މުހުސިނާ އާއި ޝާފިޔާ ވެސް ހުއްޓެވެ. ޝާފިޔާ ހުރީ ކަންބޮޑުވެފައެވެ. މީހަކަށް ބޮޑު ކަމެއް ވުމުން މޫނުމަތިން ފެންނަންޖެހޭ ހާސްކަމެއް މުހުސިނާ އާއި ތާމިރުގެ މޫނުމައްޗަކުން ނުފެނެއެވެ. އަންޖަލް ނުދަންނަ މީހަކު ނިޒާރުއާ ވާހަކަ ދައްކަން ގުދުވެގެން އޮތެވެ. ހީވަނީ ޑޮކްޓަރެއް ހެންނެވެ. އެހެނަސް، ޑޮކްޓަރުން ގެންގުޅޭ އެއްވެސް ކަހަލަ އެއްޗެއް އޭނަ އަތަކު ނެތެވެ.

"މާ ބޮޑަށް ހިތްދަތިވީ ކަމަށް ވާނީ!" އެ މީހާ ބުންޏެވެ. "އަހަންނަށް ފެންނަނީ މާލެ ގޮސް ޑޮކްޓަރަށް ދައްކަން. ކުއްލިއަކަށް ހޭނެތިގެން ވެއްޓުމަކީ އާދައިގެ ކަމެއް ނޫން. ވަރަށް ނުރައްކާތެރިކަމެއް. ކޮންމެ ތާކު ހުއްޓާ ވެސް އެހެން ވެދާނެ."

ނިޒާރުއަށް އަންޖަލް ފެނުމުން، ވަރަށް ބަލި ގޮތަކަށް ހަނާ އަޅައިލިއެވެ.

"ދަރިފުޅު އާދެބަލަ ކާފަ ގާތަށް،" ބަލި އަޑަކުން ނިޒާރު އެދުނެވެ. "ކާފަ ގާތުގަ އިށީނދެބަލަ!"

އަންޖަލް އައިސް ނިޒާރު ގާތުގައި ހުއްޓުނެވެ. ކާފަގެ ހަށިގަނޑުން ޒަހަމެއްގެ އެއްވެސް ނިޝާނެއް އަންޖަލްއަކަށް ނުފެނެއެވެ.

"ކޮން ތާކު ހުއްޓާ ވެއްޓުނީ؟" އަންޖަލް އެހިއެވެ.

ބުނާނެ އެއްޗެއް ނިޒާރުއަށް ނޭނގުނު ވަގުތު ޑޮކްޓަރު ވާހަކަ ދެއްކިއެވެ.

"އަންޖަލް!" ޑޮކްޓަރު ބުންޏެވެ. "ކާފަ ހާދަހާ ލޯބިވާ ކުއްޖެކޭ ތީ ދޯ؟ އަބަދު ދައްކަނީ އަންޖަލްގެ ވާހަކަ. ކާފަ ހިތުގަޖެހޭ ކަހަލަ ކަމެއް ނުކުރައްޗޭ އިނގޭ! ނަސީބަކުން މި ފަހަރު ބޮޑު އަނިޔާއެއް ނުވޭ! ކޮންމެ ފަހަރަކު މިހާ ލަކީ ނުވެދާނެ. ހާޓްއެޓޭކަކީ ވަރަށް ނުރައްކާތެރި އެއްޗެއް."

އެހެން ބުނެފައި ތާމިރުއާ އެކުގައި ޑޮކްޓަރު ނުކުތެވެ. ނިޒާރު އޮތީ ވަރަށް ބަލިވެފައެވެ. ވާހަކަ ދައްކާކަށް އެހައި ފަސޭހައެއް ނޫނެވެ.

"ކާފަ ހަމަ ހީކުރީ ދެނެއް... ދަރިފުޅެއް ނުފެންނާނޭ!" އަންޖަލްގެ ގައިގަ ފިރުމައިލަމުން ނިޒާރު ބުންޏެވެ.

"ހާދަހާ ތޫނު ތަދެކޭ އެރީ. ކިރިޔާ ނޭވާލެވުނީ. މަންމަ ބުނެފަ އޮތީ ދަރިފުޅު ރަނގަޅަށް ބަލައްޗޭ! ހިތަށް އެރީ، ކާފަ ނެތް ދުނިޔެއެއްގަ ދަރިފުޅަށް ކިހިނެއްބާއޭ ވާނީ؟ ކާކުބާއޭ ދަރިފުޅު ބަލާނީ؟ ކާފަ ބޭނުން، ކާފަ މަރުވުމުގެ ކުރިން ދަރިފުޅު ކޮންމެވެސް މީހަކާ ހަވާލު ކުރަން. ކޮންމެވެސް މީހެއް ނޫން. ދަރިފުޅު ބޭނުންވާ ހުރިހާ ކަމެއް ކޮށްދެވޭ ވަރުގެ ހެޔޮ މީހެއް."

ނިޒާރު އެ ބުނަނީ ކީކޭ ކަން އަންޖަލްއަށް ވަރަށް ސާފުކޮށް އެނގެއެވެ. އަންޖަލް ހައިރާންވެގެން ބަލަހައްޓައިގެން ހުރީ ނިޒާރު ދޮގު ހަދާތީއެވެ. ކާފައަށް އެއްވެސް ކަމެއް ނުވާކަން އަންޖަލްއަށް އެނގެއެވެ. ދިމްނާ ދުވެފައި އައިސް އެ ވާހަކަ ބުނުމުގެ ކުރިން އަންޖަލްއަށް ހަގީގަތް އެނގިއްޖެއެވެ.

"ކާފަ ދެން އެ ކަމާ ނުވިސްނާ!" އަންޖަލް ބުންޏެވެ. "ތާމިރުއާ އަހަރެން އިންނާނަމޭ!"

ފާލަން މަތީގައި ހުރި ތާމިރުގެ ދޮށީގައި މަހެއް ގަތެވެ. ތާމިރު ވަރަށް ހިނި އައިސްފައި އަންޖަލްއަށް ބަލައިލިއެވެ. އެއްގަމުގައި، ގޮނޑިއެއްގައި އިށީނދެގެން އިން އަންޖަލް ހިނިތުންވެލިއެވެ. ހިތަށް އެރިއެވެ. ތާމިރު ހީކުރާނެއެވެ. ކާފަ އާއި ތާމިރު ރާވައިގެން ޖެހި މަޅީގައި އަހަރެން ބެދިއްޖެއެވެ. އަހަންނަކަށް އެކައްޗެއް ވެސް ނޭނގެއެވެ. ނޫނެކެވެ. ނޭނގެނީ އަހަންނަކަށް ނޫނެވެ. ކާފަ އަށާއި މާމަ އަށާއި ތާމިރުއަށެވެ. ހާޓްއެޓޭކެއް ޖެހުނު ކަމަށް ކާފަ ހެދިގެން އުޅުނު އިރު، މާމަގެ ހާލަތެއް އެކަކަށް ވެސް ނޭނގެއެވެ. ޖިންނީންނަށް އެ ފަދަ ކަންކަން ބެލެއެވެ. ޖިންނީންނަކީ ލޭހޮޅިތަކުގައި ހަތާ ފަދައިން ދައުރުވެވޭ އެއްޗެކެވެ. މާމަގެ ލޭހޮޅިތަކުގެ ހާލަތު ވަރަށް ދެރައެވެ. ކޮންމެ ވަގުތެއްގައި ވެސް ހާޓްއެޓޭކެއް ޖެހިދާނެއެވެ. އެއީ އަހަރެންގެ ކައިވެންޏާ ގުޅުމެއް އޮތް ކަމެއް ނޫނެވެ. އެ ކަން އެނގެނީ ކާކަށް ހެއްޔެވެ؟ އެ ފަދަ ދުވަހަކުން އެންމެން އިނގިލި ދިއްކުރާނީ އަހަންނަށެވެ. ބުނާނެއެވެ. މާމައަށް އެހެންވީ އަންޖަލް ކައިވެންޏަށް އިންކާރު ކުރީމައެވެ. އެހެން ވާކަށް އަންޖަލް ބޭނުމެއް ނޫނެވެ. އަންޖަލް ބޭނުންވަނީ ދުރާލައި މާމަ ސަލާމަތް ކުރާށެވެ. އެއީ، ހީކުރާހައި ފަސޭހަކަމެއް ނޫނެވެ. ޖިންނީންނަކަށް ވެސް ހުރިހައި ކަމެއް ނުކުރެވެއެވެ.

"ބަލަ އުހުނ!" ތާމިރު ބުނި އަޑުއިވުނެވެ.

އަންޖަލް ބަލައިލި އިރު، ވަރަށް ބޮޑު މަހެއް ހިފައިގެން ތާމިރު ހުއްޓެވެ.

"އަހަރެންގެ ދޮށިން މި ވަރުގެ މަހެއް ބޭނިދާނެ ކަމަކަށް އެކަކު ވެސް ގަބޫލެއް ނުކުރާނެ،" ވަރަށް ފަހުރުވެރިވެފައި ތާމިރު ބުންޏެވެ. "އަންޖޫ ޖެހޭނެ ހެކިވާން. ފޮޓޯއެއް ނަގާބަލަ!"

އަންޖަލް ފޮޓޯ ނެގުމުން، މަހުގެ އަނގައިން ބުޅި ނެއްޓުމުގެ މަސައްކަތް ތާމިރު ފެށިއެވެ. އެ ރޭ މަސްބާނަން އައީ ތާމިރުއާ އަންޖަލް އެކަންޏެވެ. އެހެންކަމުން ފާލަން މައްޗަކު އެހެން މީހަކު ނެތެވެ. އެހެނަސް، އަންޖަލްއަށް ފާލަމުގެ ކޮޅުން ހިޔަންޏެއް ވާހެން ހީވިއެވެ.

"އެއީ ކޯޗެއް؟" އަންޖަލްއަށް ބުނެވުނެވެ.

ތާމިރު ވެސް އެ ދިމާ ބަލައިލިއެވެ. ފާލަމުގެ ކޮޅުގައި ހަރަކާތްކުރި އެތި ފާލަން މައްޗަށް އެރިއެވެ.

"ބޯވައެއްތަ އެއީ؟" ތާމިރު އެހިއެވެ.

އެއީ ކުރިން އެކަކު ވެސް ނުދެކޭ ވަރުގެ ބޮޑު ބޯވައެކެވެ. އާދަޔާ ހިލާފު ކަމަކީ އެ ބޯވައިގެ ފައިތައް ގިނަވެފައި ދިގުވުމެވެ. ފައިތަކުގެ ހަރަކާތް ވެސް ވަރަށް އަވަހެވެ. ވަލު ތެރެއިން ވާތަކެއް ހޭރިގަތް އަޑު ކަހަލަ އަޑެއް އިވުނެވެ. ބޯވައިގެ މިސްރާބު ހުރީ އެއްގަމަށެވެ. ތާމިރު ދޮށި އެއްލައިލާފައި ދުއްވައިގަތެވެ. އަންޖަލް ބަނޑުބޮޑެވެ. ގޮނޑިން ތެދުވަން މީހެއްގެ އެހީ ބޭނުންވެއެވެ. އެ ކަން ކޮށްދޭނެ މީހަކު ނެތެވެ. ކުޑަމިނުން އަންޖަލް އަންނާށޭ ވެސް ތާމިރު ނުބުނެއެވެ. އެ ކަން ކުރާކަށް އޭނަ ހަނދާނެއް ނެތެވެ. ބޯވަ އައިސް ފާލަމުގެ މެދެއްހައި ހިސާބުގައި ހުއްޓުނެވެ. އަނދިރީގައި ބޯވައިގެ ރެދަންލީ ހަށިގަނޑު ފެންނަނީ ނާމާން ގޮތަކަށެވެ. ނަސީބަކުން ބޯވަ އެއްގަމަށް އެރުމުގެ ބަދަލުގައި ފޭބީ މޫދަށެވެ. އަންޖަލް ވަރަށް މަސައްކަތުން ތެދުވެގެން ރަށުތެރެއަށް ހިނގައިގަތެވެ. ތާމިރު ހުރީ ގެސްޓު ހައުސްގެ ދޮރުމަތީގައެވެ.

"އަހަނ ތި އައީތަ؟" ތާމިރު ބުންޏެވެ. "އަހަރެން އަދި މި އުޅެނީ ދަގަނޑުބުރިއަކާ އެއްޗެހި ހިފައިގެން ރެޑީވެގެން ދާށޭ!"

ވީ ފޫއްސެއްގެ ބޮޑުކަމުން އަންޖަލް އެކައްޗެއް ވެސް ނުބުނެ ގޮސް ގެސްޓު ހައުސްއަށް ވަނެވެ. އެހެންޏާ ނުކުރެވޭ އިހުސާސެއް އެ ރޭ އަންޖަލްއަށް ކުރެވުނެވެ. އެއީ ބަނޑުގެ ބަރުދަން އިތުރުވާހެން ހީވުމެވެ. އަންޖަލްއަށް ފެނުނު ބޯވަ ނުވަތަ ބޯވައެއް ކަހަލަ އެއްޗާއި އަންޖަލްގެ ދަރިފުޅާ އެއްވެސް ގުޅުމެއް އޮވެދާނެ ކަމަށް އަންޖަލް ހިއެއް ނުކުރެއެވެ.

މާލެއަށް ފުރަން އޮތް ދުވަހުގެ ކުރީ ދުވަހެވެ. މާމަ ކާފަ އާއި އަންޖަލްގެ ގުޅުން ބަދަހިވިއެވެ. ނިޒާރުއަށް ކަމެއްވި ހެން ވެސް ހީނުވެއެވެ. ނުވަތަ އެއްވެސް ފަރުވާއަކާ ނުލައި ރަނގަޅުވިއެވެ. ވާނީ ވެސް އެހެންނެވެ. ނިޒާރުއަކަށް ކަމެއް ނުވެއެވެ. ސިންގަޕޫރަށް ދެވޭތީ ވެސް ނިޒާރު ހުރީ ވަރަށް އުފަލުންނެވެ. އިރުއިރުކޮޅާ އެ ވާހަކަ ދައްކައެވެ.

"ކިހާ ތާކު ފުރާނީ؟" މެންދުރު ކާން ތިބެފައި ނިޒާރު އެހިއެވެ.

"ކާފަ މިހާރު ކިހިނެއް؟" އަންޖަލް ދެއްކީ މުޅީން އެހެން ވާހަކައެކެވެ.

"ހަމަ ބަރާބަރު،" ނިޒާރު ބުންޏެވެ. "އަހަރެންގެ މުނިކާފަދަރިއަށް ކިޔާނެ ނަމެއް އެބަ ޖެހޭ ނިންމަން. ރީތި ފިރިހެން ނަމެއް..."

ނިޒާރަށް އެނގިފައިވާ ގޮތުގައި އަންޖަލްއަށް ލިބެނީ ފިރިހެންކުއްޖެކެވެ.

"ކާފާ!" އަންޖަލް އަނެއްކާ ވެސް ދެއްކީ އެހެން ވާހަކައެކެވެ. "މާމަގެ ވެސް ޖެހޭނެއްނު ޓެސްޓު ހަދަން. ޕްރެޝަރާ، ހަކުރާ، ކެލެސްޓްރޯލާ އެއްޗެހި ބަލަން ވާނެ. މިއަދު ވެސް ބުނި ބޮލުގަ ރިއްސާ ވާހަކަ."

"ބަލާނަމޭ ބަލާނަމޭ!" ނިޒާރު ބުނެލިއެވެ. "ފިރިހެންކުއްޖެކޭ ޑޮކްޓަރު ބުނެފިއްޔާ ހަމަ ފިރިހެންކުއްޖެއްތަ ލިބޭނީ؟ މީހަކު ބުނި ބައެއް ފަހަރު ނުބައިކޮށް ވެސް ބުނެވެއޭ."

ދެބަފައިން ދެއްކީ ތަފާތު ދެ ވާހަކަ އެކެވެ. އެހެނަސް، މާލެ އައިސްފައި ވެސް ފާލަމަށް ބޯވަ އެރި ވާހަކަ ތާމިރު ނުދައްކާ މީހަކު ނެތެވެ. ސިއްރު ކުރަނީ އެންމެ ތަންކޮޅެކެވެ. ތާމިރު ބިރުން ފިލައި ރައްކާވި ވާހަކައެވެ. އަނެއްކޮޅުން، ބޮޑު ބައެއް އިތުރު ވެސް ކުރިއެވެ. ތާމިރުގެ ބިރުކުޑަކަމާއި ޖެހިލުންކުޑަކަމުގެ ވާހަކައެވެ.

މާލެ އައިތާ ގިނަ ދުވަހެއް ނުވެ، މުހުސިނާގެ ބޮލުގަ ރިހުން ގަދަވެ، މެޔަށް ތަދުވެ، އަތް އައްސިވެ، ބޯއަނބުރަން ފެށިއެވެ. އަންޖަލް ހުރީ އެ ކަމަށް ތައްޔާރު ވެގެންނެވެ. މާމަ ޑަކުޓަރަށް ދައްކަން، ތަކުރާރުކޮށް އެތައް ފަހަރަކު އެދުނެވެ. އެހެނަސް، މާމަގެ ކޮންމެ މައްސަލައެއްގެ ސަބަބު ކާފައަށް އެނގެއެވެ. ބޮލުގަ ރިއްސަނީ ރަނގަޅަށް ނުނިދޭތީއެވެ. މެޔަށް ތަދުވަނީ މާ ގަދަޔަށް ދުފާތީއެވެ. އަތް އައްސި ވަނީ، އެ އަތް ބޯދަށަށް ލައިގެން ނިދާތީއެވެ. ބޯއަނބުރަނީ މާ ގިނައިން އަވީގައި ހިނގާތީއެވެ.

އެއްދުވަހަކު ފިހާރަޔަކަށް ގޮސް އެއްޗެއް ގަނެގެން ގެއަށް އަންނަނިކޮށް ގޭދޮރު މައްޗަށް މުހުސިނާ ވެއްޓުނެވެ. ނަސީބަކީ އެ ވަގުތު ޓެކުސީއެއް އެ މަގުން އައި ކަމެވެ. އެކަމަކު މުހުސިނާއަށް މަރުހަބާކިއީ ބަދުނަސީބެވެ. (ނުނިމޭ)

2 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 11%
icon angry icon angry 22%
icon wow icon wow 33%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަމުރާއީ

21 December 2025

މުހުސިނާ އަށް މަރުހަބާ ކީ ޓިކްޓޮކް ގަ އުޅޭ ބަދުނަސީބުތަ؟

The name is already taken The name is available. Register?

ބިންމާފޭންގާރލް

21 December 2025

އަތީލާ އާއި ބަރުގާންގެ ވާހަކަ ނެތީމަ ފޫހި. ތާމިރު އުޅޭ ގޮތުން ވައި ވާން ފަށައިފި. ގޮތެއް ހަދާލަބަލަ އޭނައަށް. އަންޖޫވެސް ހާދަ ބޯރިންގ ވެއްޖެއޭ މިހާރު. ސިންގަޕޫރަށް ދާނެ ކަމެއްނެތް އެއްވެސް މީހަކު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454