އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓަރުން ކަމަށްވާ ޖޭ ބަނޫޝާލީ އާއި މާހީ ވިޖުގެ 14 އަހަރުގެ ކައިވެނި ރޫޅާލައިފި އެވެ. 

އެ ދެ ތަރިން ވަރިވާން ނިންމިކަން އިއުލާންކުރީ އިންސްޓަގްރާން ސްޓޯރީގައި މިދިޔަ އާދިއްތަ ދުވަހު ކުރި ޕޯސްޓެއްގަ އެވެ. 

އެ ޕޯސްޓުގައި ބުނީ އެ ގުޅުން ނިމުމަކަށް ގެނައި ނަމަވެސް، އެކަކު އަނެކަކަށް ކުރާ އިހުތިރާމު އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ.

އެމީހުންގެ ތިން ކުދިން ކަމަށްވާ ތާރާ، ޚުޝީ އަދި ރާޖްވީރުގެ ކަންކަން ބަލަހައްޓާނީ ދެމީހުން އެކުގައި ކަމަށާއި ކުދިންނަށް ދެރައެއް ލިބޭނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށް ވެސް އެ ޕޯސްޓުގައި ބުންޏެވެ. 

"ވިލަންއެއް ނެތް ކަމަށް" ބުނެ ޖޭ އާއި މާހީގެ ޕޯސްޓުގައި ބުނީ އެމީހުން ވަކިވާން ނިންމީ ވަކި މީހަކު ގޯސްވެގެން ކަމަށް ނުުބުނާ ކަމަށާއި އެކަކު އަނެކަކަށް ނަފުރަތު ވެސް ނުކުރާ ކަމަށެވެ.

"އެކަކު އަނެކަކަށް ކުރާ ސަޕޯޓު ދެމިއޮންނާނެ، ތިބޭނީ އެކުވެރިންގެ ގޮތުގައި، އަބަދުސް ތިބީ އެހެން. މި ނިންމުމަށް އެންމެން އިހުތިރާމުކޮށް، އަހަރެމެންނަށް ކުރިއަށް ދާން ފުރުސަތު ދޭނެ ކަމަށް އުއްމީދުކުރަން،" އެ ޕޯސްޓުގައި ބުންޏެވެ. 

ޖޭ އާއި މާހީއާ ދެމެދުގައި މައްސަލަތަކެއް ޖެހިގެން އުޅޭ ކަމަށް މިދިޔަ އަހަރު ކުރީކޮޅު ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. އެ މައްސަލަތައް ފެށުނީ ޖޭ ބޭވަފާތެރިވެގެން ކަމަށް ވެސް އޭރުގެ ރިޕޯޓުތަކުގައިވެ އެވެ. 

ހިންދީ ޑްރާމާތަކާއި ރިއަލިޓީ ޝޯތަކުގައި މަސައްކަތްކޮށްފައިވާ ޖޭ އާއި މާހީ ކައިވެނިކުރީ ނޮވެމްބަރު 11، 2011 ގަ އެވެ.