އިންޑިއާގެ ޓީވީ ތަރި ޖެނިފާ ވިންގެޓް އޭނާގެ ލޯބިވެރިޔާ އަދި ސިންގަޕޫރުގެ ވިޔަފާރިވެރިޔާ އިޝްމާއިލް ވިލިއަމްއާ ކައިވެނި ކުރަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރިޕޯޓްތަކުގައި ބުނީ އެ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އަދި ދާދިފަހުން ޗުއްޓީއެއްގެ ތެރޭގައި އިޝްމާއީލް، ޖެނިފާއަށް ޕްރޮޕޯޒް ކުރުމުން ޖެނިފާ ވަނީ ކައިވެންޏަށް އެއްބަސްވެފައި ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
ޖެނިފާ، 41، މިހާރު އަންނަނީ ކައިވެނީގެ ކަންކަން ވަރަށް ފޯރިއާއެކު ރާވަމުން ކަމަށް ވެސް ނޫސްތަކުގައިވެ އެވެ.
ކައިވެނީގެ ތީމްތަކާއި ބޭނުންކުރާނެ ސާވިސްތަކާއި ވެންޑަރުން ޝޯޓްލިސްޓް ކުރުމުގެ މަސައްކަތް އޭނާ ކުރަމުން އަންނަ ކަމަށާއި އެ ކައިވެންޏަކީ ކްރިސްޓިއަން ކައިވެންޏަކަށް ވާއިރު، ކައިވެނި ބޭއްވުމަށް މިހާރު ވިސްނަމުންދަނީ އަންނަ ސެޕްޓެމްބަރު/އޮކްޓޯބަރު ނުވަތަ އަންނަ އަހަރު ކުރީކޮޅުގައި ކަމަށް ރިޕޯޓްތައް ބުންޏެވެ.
ޖެނިފާގެ މި ކައިވެނީގެ ޕްލޭންތައް އޭނާގެ ގާތް ރަހުމަތްތެރިންނަށް އެނގޭއިރު، އޭގެ ތެރޭގައި ފިލްމީ ދާއިރާގެ މަޝްހޫރު ތަރިން ކަމަށްވާ ޖެނީލިއާ ދޭޝްމުކް އާއި ހަރްލީން ސެތީ ހިމެނެ އެވެ.
މީގެ ކުރިން ޖެނިފާ އާއި ޓީވީ އެކްޓަރު ކަރަން ވާހީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ދެކެވުނު ވާހަކަތައް ކަރަން ވަނީ ދޮގުކޮށްފަ އެވެ.
ޖެނިފާ ކުރިން ކައިވެނިކުރީ އިންޑިއާގެ ޓީވީ ތަރި ކަރަން ސިންގް ގްރޯވާ އެވެ. "ދިލް މިލް ގަޔޭ" ޝޯގެ ސެޓުން ދިމާވެގެން 2012 ވަނަ އަހަރުގެ އެޕްރީލް މަހު ކުރި އެ ކައިވެނި 2014 ވަނަ އަހަރު ވަނީ ރޫޅިފަ އެވެ.
ކަރަން ފަހުން 2016 ގައި ވަނީ ބޮލީވުޑްގެ ބަތަލާ ބިޕާޝާ ބާސޫއާ ކައިވެނިކޮށްފަ އެވެ.