ބޮލީވުޑްގެ ފިލްމު ޕްރޮޑިއުސަރު ބޯނީ ކަޕޫރުގެ ދަރިފުޅު އަދި އެކްޓަރު އަރުޖުން ކަޕޫރުގެ ކޮއްކޮ އަންޝުލާ ކަޕޫރު އޭނާގެ ލޯބިވެރިޔާ ރޯހަން ތައްކަރުއާ އިއްޔެ ކައިވެނިކޮށްފި އެވެ.
އެ ކައިވެނީގެ ހަފުލާ ބާއްވާފައި ވަނީ އިންޑިއާގެ މުމްބާއީގައި ހުންނަ "ތާޖް ލޭންޑްސް އެންޑް" ހޮޓެލްގަ އެވެ.
ކައިވެންޏަށް ފަހު އަންޝުލާ ވަނީ އިންސްޓަގްރާމްގައި ކައިވެނީގެ ފޮޓޯތައް ހިއްސާކޮށްފަ އެވެ. ފޮޓޯތަކާ އެކު އޭނާ ލިޔެފައި ވަނީ، ދިރިއުޅުމުގައި ދިމާވާ ހުރިހާ ކަމެއްގެ ތެރެއިން ވެސް އޭނާގެ އެންމެ ރައްކާތެރި މަންޒިލަކީ އަދި އޭނާއަށް އެންމެ ހިތްހަމަޖެހުން ލިބެނީ ވެސް ރޯހަންގެ ފަރާތުން ކަމަށެވެ.
މި ކައިވެނީގެ ހަފުލާތައް ފެށުނީ މިދިޔަ މަހު 21 ގައި ރޯހަންގެ އާއިލާއިން ބޭއްވި ހަފުލާއަކުންނެވެ. އެ ހަފުލާގައި ކަޕޫރު އާއިލާގެ މެންބަރުން ކަމަށްވާ ޖާންވީ ކަޕޫރާއި ހުޝީ ކަޕޫރާއި މަހީޕް ކަޕޫރު އަދި ޝަނާޔާ ކަޕޫރު ބައިވެރިވި އެވެ. ޖާންވީ އާއި ހުޝީއަކީ އަންޝުލާއާ އެއްބަފާ ދެބެއިންނެވެ.
އޭގެ ފަހުން ބޭއްވި މެހެންދީ ހަފުލާގައި ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ސޯނަމް ކަޕޫރާއި ރިއާ ކަޕޫރާއި ހަރްޝްވަރުދަން ކަޕޫރާއި ކަރިޝްމާ ކަޕޫރު އަދި ޝަބާނާ އަޒްމީ ބައިވެރިވި އެވެ.
އަންޝުލާގެ "ޗޫޅާ" އަދި "ކަލީރޭ" ހަފުލާ ރޭވުމުގައި އެންމެ އިސްކޮށް އުޅުނީ އޭނާގެ ދެ ކޮއްކޮއިން ކަމަށްވާ ޖާންވީ އާއި ހުޝީ އެވެ.
އަންޝުލާ އާއި ރޯހަން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ހަތަރު އަހަރު ވެއްޖެ އެވެ. އެމީހުން އެންގޭޖުމަންޓް އިއުލާންކުރީ މިދިޔަ އަހަރު އެވެ.
ރޯހަންއަކީ ފްރީލޭންސް ސްކްރީން ރައިޓަރެކެވެ. އަދި އަންޝުލާއަކީ ސޯޝަލް މީޑިއާ ޕާސަނަލިޓީއެއްގެ އިތުރުން ސެލެބްރިޓީން މެދުވެރިކޮށް އާންމުންނަށް ޗެރިޓީ ނުވަތަ އެހީ ހޯދައިދިނުމަށް އަމިއްލަ ފަންޑްރެއިޒިން ޕްލެޓްފޯމެއް ހިންގާ މީހެކެވެ.