މި ޒަމާނުގައި މީހުން ކަމަކާ މެދުގައި ދެކޭ ގޮތް ނިންމަނީ ސޯޝަލް މީޑިއާއިން ފެންނަ 2-3 ސިކުންތުގެ ކުރު ވީޑިއޯއަކަށް ބަލައިގެން ކަމަށް ބޮލީވުޑްގެ ޒުވާން އެކްޓަރު އަހާން ޝެޓީ ބުނެފި އެވެ.
ބޮލީވުޑްގެ ތަރި ސުނިލް ޝެޓީގެ ދަރިފުޅު އަހާން، އޭނާގެ އާ ފިލްމު "ބޯޑާ 2"އާ ގުޅޭ ގޮތުން ބޮމްބޭ ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ބުނީ ސޯޝަލް މީޑިއާގެ ސަބަބުން އެކްޓަރުންގެ މެދުގައި ނެތް ވާދަވެރިކަމެއް އުފެދޭ ކަމަށެވެ.
އަހާން އެ ވާހަކަ ދެއްކީ މިދިޔަ އަހަރު ފިލްމު "ސައްޔާރާ" އިން ބޮލީވުޑަށް ތައާރަފުވި އަހާން ޕާންޑޭ އާއި އޭނާއާ ދެމެދު މީހުން ކިޔާ އަޅާކިޔުންތަކަށް އިޝާރަތްކޮށެވެ.
"މިއަދު މީހުން ކަންކަމާ މެދު ގޮތް ނިންމަނީ ސޯޝަލް މީޑިއާގައި ފެންނަ 2-3 ސިކުންތުގެ ކުރު ކްލިޕްތަކަށް ބަލައިފައި. އެއީ މި ޖެނެރޭޝަންގައި ވާގޮތް. އަހަރެމެން ދެމީހުން ޖައްސަން އުޅެނީ. އަހަންނާއި އަހާން ޕާންޑޭއާ އަޅާކިޔަނީ،" އަހާން ބުންޏެވެ.
"އަހާން ޕާންޑޭއަކީ އަހަރެން ދަންނަ، އަދި އޭނާއަކީ އޭނާގެ މަސައްކަތަށް ވަރަށް ފަރުވާތެރި މީހެއް. އަހަރެމެންގެ މެދުގައި ވާދަވެރިކަމެއް ނެތް."
އަހާން ބުނީ އެ ދެމީހުން އެކަކު އަނެކަކަށް ވަރަށް އިހުތިރާމްކުރި ނަމަވެސް، ސޯޝަލް މީޑިއާގެ ސަބަބުން އެކަކު އަނެކަކަށް ދޭ އެއްބާރުލުން ނުފެންނަނީ ކަމަށެވެ.
"ސޯޝަލް މީޑިއާގެ ސަބަބުން ބައިބައިވުން އުފެދެނީ،" އޭނާ ބުންޏެވެ.
އަހާން ބުނި ގޮތުގައި، ބޭރުފުށުން ފެންނަ ބައެއް ކަންކަމަށް ބަލައިގެން، ސޯޝަލް މީޑިއާ މެދުވެެރިކޮށް އެކްޓަރުންގެ މެދުގައި ފިތުނަ އުފެއްދުމުގެ ބަދަލުގައި، އެމީހަކު ކުރާ މަސައްކަތަށް ސަޕޯޓުދީ، އިހުތިރާމްކުރުމަކީ މުހިންމު ކަމެކެވެ.
އަހާން ބޮލީވުޑަށް ތައާރަފުވީ 2021 ވަނަ އަހަރު ތާރާ ސުތާރިއާއާ އެކު އޭނާ ކުޅުނު ފިލްމު "ތަޑަޕް" އިންނެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި މާ ބޮޑު ކާމިޔާބީއެއް ނުލިބެ އެވެ.
ސުނިލް ޝެޓީގެ ދަރިއަކަށް ވުމުން "ނެޕޮޓިޒަމް" ނުވަތަ އާއިލީ ނުފޫޒުގެ ބަހުސްގައި އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވާތީ، އެކަމާ ގުޅޭ ގޮތުން ވެސް އަހާން ވަނީ އެ އިންޓަވިއުގައި ވާހަކަދައްކައިފަ އެވެ.
އަހާން ބުނީ އޭނާގެ ފުރަތަމަ ފިލްމު ނުކުތްތާ ފަސް އަހަރު ފަހުން އޭނާގެ އާ ފިލްމެއް ނުކުންނައިރު، އެ ހިސާބަށް ދިއުމަށް ވަރަށް ބުރަކޮށް މަސައްކަތްކުރަން ޖެހުނު ކަމަށެވެ. އޭނާ ފިލްމީ ދާއިރާއަށް ނުކުތީ އަބަދުވެސް އެކްޓަރަކަށް ވާން ބޭނުންވާތީ ކަމަށް އަހާން ބުންޏެވެ.
އެހެންވެ، ބޭކާރު ވާހަކަތަކަށް ސަމާލުކަން ދިނުމުގެ ބަދަލުގައި، އޭނާގެ ބަލަނީ ޑައިރެކްޓަރާއި ޕްރޮޑިއުސަރު ބޭނުންވާ ކަހަލަ ނަތީޖާއެއް ނެރުމަށް މަސައްކަތްކުރުމަށް ކަމަށް އޭނާ ބުންޏެވެ.