(ބުދަ ދުވަހާ ގުޅޭ)

"އިންޑިޔާއަށް ދާނީ!" ނިޒާރު ބުންޏެވެ. 

ތާމިރުގެ އަސްލު ސިފަ އަންޖަލްއަށް ފެނިއްޖެއެވެ. ތާމިރުގެ ހަގީގަތް ބަރުގާން ކިޔައިދީފިއެވެ. އަނދިރީގައި ހުރީ ނިޒާރު އެކަންޏެވެ. ދަރިފުޅު ގޮވައިގެން އިންޑިޔާއަށް ދިޔުމަކީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން ކަން އަންޖަލްއަށް އެނގެއެވެ. އެހެނަސް، ކާފައަށް ވިސްނައިދޭން ކުރެވޭނެ ހުރިހައި ކަމެއް އަންޖަލް ކޮށްފިއެވެ. ދެރަ ގޮތެއް މެދުވެރިވެދާނެތީއެވެ. ނިޒާރު ގަބޫލެއް ނުކުރިއެވެ. 

"ދަރިފުޅު ހާސްނުވެބަލަ!" ތަކުރާރުކޮށް ނިޒާރު ބުނަނީ އެހެންނެވެ. "ކާފަ ހުއްޓަކާ ދަރިފުޅަކަށް ވެސް ސާރާއަކަށް ވެސް އެއްވެސް ކަމެއް ނުވާނެ. އެހެން ނޫނަސް ތާމިރަކީ ފުރޮޅުލީގޮނޑިއެއްގަ އިންނަ މީހެއް. ކީއްކުރަން އޭނަ ދެކެ ބިރުގަންނަންވީ؟"

އަންޖަލް ހިތަށް އަރައެވެ. ކަމެއް ނުވާނީ ކީއްވެގެން ހެއްޔެވެ؟ މަދު ފައިސާކޮޅަކަށް ބޭނުން ކޮންމެ ކަމެއް ކުރެވޭ ތަނެއްގައި ކާފައަށް ހެދޭނީ ކޮން ގަދައެއް ހެއްޔެވެ؟ އެންމެ ފަހުން އަންޖަލް ދޫކޮށްލީއެވެ. އެންމެ އުންމީދެއްގައެވެ. ކޮންމެވެސް ގޮތަކުން ބަރުގާން ދަތުރު ހުއްޓުވާނެއެވެ. 

ރޭގަނޑުވިއެވެ. ބަރުގާންގެ ހިލަމެއް ނުވިއެވެ. ކޮޓަރީގެ ކަނަކަށް ވެސް އެ ރެޔަކު ސާރާ ނުބަލައެވެ. އަންޖަލް ނިންމީ ބަރުގާން އެ ތަނުގައި ނެތީ ކަމަށެވެ. ދަރިފުޅު ދެކެ ކިތަންމެ ލޯބިވިޔަސް ބަރުގާންއަކީ އެތައް ޒިންމާއެއް ބޮލުގައި އެޅިފައިވާ ވެރިޔެކެވެ. އަބަދު ދަރިފުޅު ގާތަކު ނީނދެވޭނެއެވެ. އެކަމަކު ބަރުގާންއަށް ވާނުވާ އެނގޭނެއެވެ. އޭނަ ކޮންމެވެސް ގޮތެއް ހަދާނެއެވެ. 

ހައްދަން ޖެހުނު ޕާސްޕޯޓުތައް ހައްދައި، ދަތުރު ތައްޔާރުކޮށް، ފުރަން ޓިކެޓު ނެގިއެވެ. އަންޖަލްއާ އެކުގައި ދެ ކޮއްކޮ ވެސް ދެއެވެ. ކޮއްކޮމެން ތިބީ ވަރަށް އުފާވެފައެވެ. އަންޖަލްގެ މޫނުމަތިން އުފާވެރިކަން ނުފެންނާތީ ދެބެން ވަރަށް ހައިރާންވިއެވެ. 

"ދޮންތަ ކީއްވެތަ އުފާނުވަނީ؟" ޝާފިޔާ އެހިއެވެ. "އަހަރުމެން ގެންދާ ހިތްނުވަނީތަ؟"

"އަހަންނަށް ވެގެންވާ ނަމަ، އެކަކު ވެސް ދިޔަކަނުދިނީމުސް،" އަންޖަލް ބުންޏެވެ. "އަހަންނެއް ވެސް ނުދާނަން. ވަރަށް އެބަ ހިތްބިރުގަނޭ! ކޮބާ ޕާސްޕޯޓުތައް؟"

"ކާފަ އަތުގައެއްނު!" ދިމްނާ ބުންޏެވެ. 

"ދޭބަލަ ފޮރުވަން،" އަންޖަލް އެދުނެވެ. "ވަރިހަމަ އަހަރެންގެ ޕާސްޕޯޓު އެކަނިވިޔަސް. ދިމްނާމެން އިންޑިޔާއަށް ގޮސް މަޖާކޮށްލާފަ އާދޭ! ސާރާ ނުލާހިކު ކުޑަ."

"އެހެންވެއެއްނު ބޮޑުސިންގާ ދެ މީހުން މި ދަނީ ސާރާކޮއްކޮ ބަލަން،" ވަރަށް ހިނިއައިސްފައި ދިމްނާ ބުންޏެވެ. "އަހަރެން ހިތަށް އަރާ މާމަ ހުރި ނަމައޭ! އެނގޭތަ؟ މާމަ އެންމެ ބަލާ ހިތްވާ އެއްޗަކީ އެލެފަންޓް. އަހަރެން ބޭނުން އެލެފަންޓްގަ ފޮޓޯއެއް ނަގަން. ކާފަ ބުނި އަސް ވެސް ދުއްވޭނޭ! ކިހާ މަޖާވާނެ؟ ދޮންތަ ނިކަން ބަލާ ހިތްވެއެއްނު ފަރުބަދަޔާ، ކޯރާ."

"އަހަރެން ސުނޯގަ ވަރަށް އަތްލާ ހިތްވޭ!" ޝައުގުވެރިކަމާ އެކުގައި ޝާފިޔާ ބުންޏެވެ. "ސުނޯ ހުންނަ ހިސާބަށް ދެވޭނެތަ؟"

"އަހަރެން މި ދައްކާ ވާހަކަ އެކަކު ވެސް އަޑެއްނާހާ ދޯ؟" ހިތްހަމަނުޖެހިފައި އަންޖަލް ބުންޏެވެ. "ފަހުން ދެރަވާނެ."

އެއާޕޯޓަށް ދިޔުމަށް ޓަކައި ކާރު ނައްޓައިލިއެވެ. އަންޖަލްގެ ހިތަށް އެރިއެވެ. ކާރު ހުއްޓޭނެއެވެ. ފުރޮޅު ފަޅައިގެންދާނެއެވެ. ޔަގީނުން ވެސް، ގަޑިޖެހެންވާ އިރަށް ހުޅުލެއަކަށް ނުދެވޭނެއެވެ. އެހެނެއް ނުވިއެވެ. 

ފޮށިތައް ކިރި އިރު ކޮންމެވެސް ކަމެއް ދިމާވާނެ ކަމަށް ހީކޮށްގެން އަންޖަލް ހުއްޓައި އެ ކަން ވެސް ވަރަށް އޮމާންކޮށް ނިމުނެވެ. މަތިންދާބޯޓު ކެންސަލު ވާނެކަމަށް ކުރި ހީ ވެސް ދިޔައީ ފެނަށެވެ. އަންޖަލްގެ ހިތް ބުންޏެވެ. ބޯޓަށް އަންޖަލް އެރިޔަކަ ނުދޭނެއެވެ. އޭގެ ކުރިން ކޮންމެވެސް ކަމެއް ވާނެއެވެ. އެހެނެއް ވެސް ނުވިއެވެ. ނުފުރޭނީ ބޯޓަށް މައްސަލައެއް ޖެހިގެން ކަމަށްވާ ނަމަ، މައްސަލަ ޖެހެން އަންޖަލް ބޭނުންވަނީ ބޯޓު ނައްޓައިލުމުގެ ކުރިންނެވެ. 

ވާނީ ކީއްބާއޭ ހިތަށްއަރައި ވިސްނަން އިންދައި ބޯޓު ދުވަން ފެށިއެވެ. ދުވެލި ބާރުވިއެވެ. ބޯޓު އުދުހިގަތެވެ. ބޯޓަށް ދެން މައްސަލައެއް ދިމާނުވާކަން އަންޖަލްއަށް ކަށަވަރެވެ. ބަރުގާންގެ ދަރިފުޅު ބޯޓުގައި އިނީމައެވެ. 

"ދޮންތަ ކޮން ކަމަކާތަ މާ ހާސްވެފަ ތިއިނީ؟" އަންޖަލްގެ މޫނަށް ބަލައިލާފައި ޝާފިޔާ ބުންޏެވެ. "ކިހާ ސަޅިކޮށް ހުރިހާ ކަމެއް ވެސް ދިޔައީ."

"އެހެންވެގެނޭ ދޮންތަ ބިރުން މި އިންނަނީ،" ކުޑަދޮރުން ބޭރުބަލައިލަމުން އަންޖަލް ބުންޏެވެ. "ވިލާތައް ނޫން އެއްޗެއް ނުވެސް ފެނޭ. ހާދަ މަތީގައޭ ބޯޓު މި އޮތީ."

އަންޖަލް އެހެން ބުނި އިރު ސާރާ އޮތީ އަންޖަލްގެ އުނގުގައެވެ. ކުއްލިއަކަށް ސާރާގެ ވައަތްފަރާތަށް އެނބުރިފައި، މައްޗަށް ބަލައިލިއެވެ. އަންޖަލްގެ ހަތަރެސްފައި ފިނިވެގެންދިޔައެވެ. ބޯޓި ތެޅިގަތެވެ. އަންޖަލްއަށް ހަޅޭއްލަވައިގަނެވުނެވެ. 

"އަޅެ ނޫން!" އަންޖަލްއަށް ބުނެވުނެވެ. 

މޫސުން ގޯސް ވާހަކަ ޕައިލެޓު އެންގިއެވެ. ގޮނޑީކަމަރު އެޅުމަށް އެދުނެވެ. އަނެއްކާ ބޯޓު ތެޅިގަތެވެ. އަނދިރި ވިލާގަނޑެއްގެ ތެރެއަށް ބޯޓު ވަނެވެ. ކުޑަދޮރުތަކުން ވެސް އަނދިރި ނޫން އެއްޗެއް ނުފެނެއެވެ. އަންޖަލްއަށް ކުރެވުނުހައި ވެސް ކަމަކީ ދަރިފުޅު ގައިގަ ބާރަށް ބައްދައިލުމެވެ. ނިޒާރު އިނީ ކުރީ ގޮނޑީގައެވެ. ދެއަތުން ބާރަށް ގޮނޑީގައި ހިފާއްޓައިލައިގެންނެވެ. އެހެން މީހެއްގެ ކަމަކަށް ސަމާލުކަން ދެވޭ ވަރަށް ވުރެ ނިޒާރުގެ ފިކުރު ބޮޑެވެ. 

"އަންޖޫ ހާސްނުވޭ!" އަންޖަލްއަށް އަޑެއް އިހުސާސް ކުރެވުނެވެ. "ދަރިފުޅަކަށް ވެސް އަންޖޫއަކަށް ވެސް އެއްވެސް ކަމެއް ނުވާނެ. ނުފެނުނަސް އަހަންނަށް ޔަގީން އަހަންނަށް މި ހުރެވެނީ އަންޖޫއާ ވަރަށް ގާތުގަ. މި ވަގުތު ތި އެންމެންގެ ރައްކާތެރިކަމަކީ އަހަރެންގެ ޒިންމާއެއް."

"އެއީ ކީއްވެ؟" އަންޖަލް ހިތަށް އެރުވިއެވެ. "ބަރުގާން ބޭނުމެއް ނޫނެއްނު އަހަރެން..."

"އަހަރެން ބޭނުންވާތީ ތި ދެވެނީ،" ބަރުގާން ބުންޏެވެ. "މިހާރު ވެއްޓެން ބޭނުންވިޔަސް މި ބޯޓަކަށް ނުވެއްޓެވޭނެ. އަންޖޫއަކަށް ނުފެންނާނެ އެކަމަކު ބޯޓު މި އޮތީ ބޮޑު ފައުޖެއްގެ މެދުގަ. އެހެންވެ އަނދިރިވެގެން ތި އުޅެނީ. އެއީ އަނދިރިއެއް ނޫން. އަހަރެންގެ ރިޔާސީ ލަޝްކަރު."

އަންޖަލް ހަމަޖެހުމުގެ ނޭވައެއް ބޭރުކޮށްލިއެވެ. 

"ކުރިން އަހަރެން ހިތަށް އެރީ، އަހަންނަށް އެންމެ ރަނގަޅު ގޮތަކީ އަންޖޫ ނުފެނުމޭ!" ބަރުގާން ބުންޏެވެ. "އެކަމަކު.. ހާދަ ދެކިލާ ހިތްވެޔޭ! ކުށެއްތަ އެއީ؟"

އަންޖަލް އެއްޗެއް ނުބުނެ ވިސްނަން އިނެވެ. ދެނެއް ބޯޓެއް ނުތެޅެއެވެ. 

"ވާހަކައެއް ނުދައްކާނަން؟" ބަރުގާން ސުވާލުކުރިއެވެ. 

"ކީއްވެ އަހަރެން އިންޑިޔާއަށް ތި ގެންދަނީ؟" އަންޖަލް ހިތަށް އެރުވިއެވެ. 

"އޭރުން އަހަންނަށް ފަސޭހަވާނީ." ބަރުގާން ބުންޏެވެ. 

"ކޮން ކަމަކަށް؟" އަންޖަލް ހިތަށްއެރިއެވެ. 

އެ ވަގުތަކީ، ކަޅުވިލާގަނޑު ތެރެއިން ބޯޓު ނުކުމެ، މޫސުން ރަނގަޅުވެއްޖެ ކަމަށް ޕައިލެޓު އިއުލާނުކޮށް، ގޮނޑީކަމަރު ނައްޓަން ވެސް ހުއްދަ ދިން ވަގުތެވެ. އަންޖަލް އެންމެ ފަހުން ކުރި ސުވާލު ތަކުރާރުކުރި ނަމަވެސް އެއަކަށް ޖަވާބެއް ނުލިބުނެވެ. ބޯޓު ރަންވޭއަށް ތިރިކުރިއެވެ. 

ގިމަތައަށް އަންޖަލް ވަނީއްސުރެ އަންޖަލްއާ ދިމާއަށް ހާއްސަ ނަޒަރަކުން މީހަކު ބަލާކަން އަންޖަލްއަށް ފާހަގަކުރެވުނެވެ. ކޮންމެ ދިމާއަކަށް އަންޖަލް ދިޔަސް، ބީރައްޓެހި ބެލުމަކުން ބަލާ އެކަކު ހުރެއެވެ. ބައެއް ފަހަރު ކަސްޓަމު އޮފިސަރެކެވެ. އަނެއްބައި ފަހަރު، ތަން ސާފުކުރަން އުޅޭ މީހެކެވެ. ކޮންމެ މީހަކު ވެސް ހުންނަނީ ކަންފަތުގައި ފޯނު ޖައްސައިގެންނެވެ. މީހަކާ ވާހަކަ ދައްކައެވެ. ފޮށިތައް ނަގަން އެންމެން މަޑުކުރި ވަގުތު ޝާފިޔާ ފާހާނައަށް ވަނެވެ. 

"ކީއްވެގެންތަ އެ މީހުން ދޮންތައަށް ލޯއަޅަނީ؟" ދިމްނާ ސުވާލުކުރިއެވެ. "ބައެއް މީހުން އެބަ ފޮޓޯ ވެސް ނަގާ. ވީޑިޔޯ ވެސް ކުރޭ! ބިރުވެރި. ހިނގާ މާލެދާން."

"ނޫނޭ! އެލިފަންޓްގަ ފޮޓޯނަގާފަ ދާން ވާނީ." މަލާމާތަކަށް ވާ ކަހަލަ ރާގަކަށް އަންޖަލް ބުންޏެވެ. 

ދެބެންގެ މެދުގައި ކުޑަ ދެބަސްވުމެއް ހިނގިއެވެ. ނިޒާރު ހުރީ ފޮށިތަކަށް ސަމާލުކަންދީގެން ތަންކޮޅެއް ދުރުގައެވެ. އޭނައަކަށް ދެބެން ދައްކާ ވާހަކައެއް ނީވެއެވެ. ޝާފިޔާ ފާހާނައިން ނުކުމެގެން އައިސް އަންޖަލް ގާތުގައި ހުއްޓުނު އިރު އަންޖަލް މުހިންމު ސުވާލެއް ކުރިއެވެ. 

"އެ ތިބަ ދެ މީހުން އަހަރުމެންނަށް ބެލުން ނޫން އެހެން ކަމެއް ކުރާހެން ހީވޭތަ؟" އަންޖަލް ބުންޏެވެ. "މިހާރު ގައިމު ވެސް ވިއްސަކަށް މިނެޓު ވެދާނެ ލޯއަޅާތާ!"

"އަހަރެން ވެސް މި އުޅެނީ ހަމަ ތިހެން ބުނަންވެގެން،" ޝާފިޔާ ބުންޏެވެ. "އެނގޭތަ؟ އަހަރެން ޓޮއިލެޓުން ނުކުތް އިރު އެ ތާ ހުރި، ތަންތަން ސާފުކުރާމީހާ ހުރީ ފޯނުން މީހަކާ ވާހަކަ ދައްކަން. ރަށުބަހުން އޭނަ ވާހަކަ ދެއްކީ އެކަމަކު އަހަންނަށް ހަމަ ޔަގީން އޭނަ އެތައް ފަހަރަކު އަންޖޫ ކިއި. މޯލްޑިވްސް ވެސް، ބޭބީ ވެސް ކިއި."

އެއާޕޯޓުން ނުކުތް އިރު، ނިޒާރުގެ ނަން ޖަހައިފައިވާ ކަރުދާސްގަނޑެއް ހިފައިގެން މީހަކު ހުއްޓެވެ. އޭނަ ފެނުނީއް ސުރެ ޝާފިޔާ ދެއްކީ އޭނަގެ ބޮޑު މަތިމަހުގެ ވާހަކައެވެ. 

"ހާދަ ބިރުވެރި މީހެކޭ!" އަންޖަލްގެ ކަންފަތް ކައިރީގައި ޝާފިޔާ ބުންޏެވެ. "އަޅެ ހިނގާ ޓެކްސީއަކަށް އަރަމާ!"

"އޭރުން ސުނޯއެއް ނުބެލޭނެ،" އަންޖަލް ބުންޏެވެ. "ޝާފިޔާ ދޭ ޓެކްސީގަ. އަހަރެން މި ދަނީ ސުނޯ ބަލަން."

ކަރުދާސް ހިފައިގެން ހުރި މީހާގެ ހަމަ އެކަނި ޒިންމާއަކީ، ރަތްކުލައިގެ ވޭނަކާ ހަމައަށް އަންޖަލްމެން ގެންދިޔުމެވެ. ވޭން ކައިރީގައި، ހުދު ގަމީހަކާއި އަޅި މުންޑެއް ލާފައި ހުރި މީހަކު ހުއްޓެވެ. އޭނަ ހުރީ ހުސްފައިގައެވެ. އަޅައިގަންނަ ވަރުގެ ބޮޑު މަތިމަހަކާއި ބަނޑެއް ވެސް އޭނަގެ ހުއްޓެވެ. ދެ މީހުން ކުރެ އެކަކަށް ވެސް ހިނިތުން ވާކަށް ނޭނގެއެވެ. 

"މި ހިސާބުން ޒުލްފިގާރު ހަވާލުވާނީ."​ކަރުދާސް ހިފައިގެން ހުރި މީހާ އެހެން ބުނެފައި ވަކިވީއެވެ. 

ޒުލްފިގާރު ވޭނަށް ފޮށިތައް އެރުވި އިރު، އެކުވެރިކަން ބަދަހިކުރަން ނިޒާރު މަސައްކަތްކުރިއެވެ. ވާނީ ވެސް އެހެންނެވެ. ތަނަކީ އިންޑިޔާއެވެ. ނިޒާރުއާ އެކުގައި ތިބީ ޒުވާން ތިން އަންހެންކުދިންނެވެ. ނިޒާރުގެ ގިނަ ވާހަކަތަކަށް ޒުލްފިގާރު އަޅައެއް ނުލައެވެ. 

"ހޫނ!" ޒުލްފިގާރު ދެންޏާ ދޭ ހަމަ އެކަނި ޖަވާބަކީ އެއީއެވެ. 

ވޭންގެ ކުރިޔަށް އަރަން ނިޒާރު ކުރި މަސައްކަތަށް ޒުލްފިގާރު ހުރަސް އެޅިއެވެ. ފަހަތުގައި އިނުމަށް އެދުނެވެ. ވޭން ދުއްވައިލިއެވެ. ހަމަ ދުއްވައިލުމާ އެކު ސާރާ ރޯން ފެށިއެވެ. ދެން ހުއްޓައެއް ނުލިއެވެ. ޒުލްފިގާރުއަށް އުނދަގޫވާ ތަން އަންޖަލްއަށް ފެނެއެވެ. އޭނަގެ ކުރިމަތީގައި ހުރި ލޯގަނޑުން އަންޖަލްއަށް ކަޅިއަޅާ ތަނާއި ޗޮސްކަނޑާ ތަން ވެސް އަންޖަލްއަށް ފެނެއެވެ. ކުއްލިއަކަށް ވޭން ހުއްޓިއެވެ. 

"ތި ކުއްޖާ ގޮވައިގެން ކުރީ ސީޓަށް އާދޭ!" ކޮށި އިނގިރޭސިބަހަކުން ޒުލްފިގާރު އެދުނެވެ. (ނުނިމޭ)