އެމެރިކާގެ ރިއަލިޓީ ޓީވީގެ ރާނީ ކިމް ކާޑޭޝިއަން އާއި އެފްވަންގެ ތަރި ލުވިސް ހެމިލްޓަން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިއްޔެ ބޭއްވި މި އަހަރުގެ "ސުޕަ ބޯލް" ފެށުމަށް ބޭއްވި މެޗުން ފާހަގަވި އެންމެ ބޮޑު އެއް ކަމަކީ، ކިމް، 45، އާއި އެފްވަން ރޭސް ކާރު ދުއްވާ ލުވިސް، 41، ގެ ގުޅުމެވެ.
ދިހަ އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން އެކަކު އަނެކަކު ދަންނަ މި ދެ ތަރިން، މުޅި މެޗުގެ ތެރޭގައި ވަރަށް ގާތްކޮށް ވާހަކަދައްކައި، މަޖާކުރަނިކޮށް ފެނުމުން ސަޕޯޓަރުންގެ މެދުގައި ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފަ އެވެ.
އެފްވަންގެ ވޯލްޑް ޗެމްޕިއަންޝިޕް ހަތް ފަހަރު ހޯދާފައިވާ ލުވިސް އާއި ކިމްއަކީ 2010 ވަނަ އަހަރު ފެށިގެން ރައްޓެހިންނެވެ. ނަމަވެސް، އެމީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމުގެ އަޑުތައް ފެތުރުނީ މިދިޔަ މަހު ޔޫރަޕަށް ކުރި ދަތުރަކަށް ފަހުގަ އެވެ.
އެމީހުން އެކުގައި އުޅޭ މަންޒަރު ފެންނަ ބައެއް ވީޑިއޯތައް ވެސް އާންމުވި އެވެ.
މިހާތަނަށް ކިމް އާއި ލުވިސް ވެސް މި ގުޅުމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ހަތަރު ކުދިންގެ މަންމައެއް ކަމަށްވާ ކިމް އެންމެފަހުން ކައިވެނިކޮށްގެން އުޅުނީ އެމެރިކާގެ ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓްއާ އެވެ. އެ ހަތަރު ދަރިންނަކީ ވެސް ކާންޔޭއަށް ލިބުނު ކުދިންނެވެ. އެމީހުން ވަރިވީ 2022 ގަ އެވެ.
ކަންޔޭގެ ކުރިން ކިމް ވަނީ އިތުރު ދެ ކައިވެންޏެއް ކޮށްފަ އެވެ.