(އާދިއްތަ ދުވަހާ ގުޅޭ)

ހަސްބަރާޒާއެވެ. އެ ތަނެއްގެ ރީތިކަމާއި ޖާދުވީ ނަލަކަން އަންޖަލްގެ ހިތުގައި ބިންވަޅު ނެގިފައިވާ ބަގީޗާއެވެ. ފަތްތަކަށް ދިރުން ލިބިފައިވާ، ގަސްތައް އަދަބު ކުރުނީސްކުރާ، ބޮޑުމިން އަންދާޒާ ކުރަން ނޭނގޭ ރޫހާނީ އެހެން ދުނިޔެއެކެވެ. ބިންގަނޑު ނޭވާލާ، ޖައްވުގައި އިހުސާސް ހަރުލާފައި ހުންނަ، އިފުރީތާއި މާރިދުންގެ ޖަޒީރާއެވެ. އެ ފަހަރަކީ ސީދާ އަންޖަލް އޮތް ކޮޓަރިން އެ ތަނަށް އަންޖަލް ފައި އެޅި ފުރަތަމަ ފަހަރެވެ. އަންޖަލްއަކަށް ދައުވަތެއް ނުލިބެއެވެ. އަންޖަލް ނުވެސް އެދޭމެއެވެ. އެކަމަކު ހަސްބަރާޒާއަކީ އަމިއްލައަށް އާދެވޭނެ ތަނެއް ނޫނެވެ. އަމިއްލައަށް ހޯދޭނެ ތަނެއް ވެސް ނޫނެވެ. އަންޖަލްއަށް އާދެވުނީ ގެނައިމައެވެ. ސަބަބަކަށް އޮންނާނީ އެންމެ ސަބަބެއްކަން އަންޖަލްއަށް އެނގެއެވެ.  

"ސާރާ!" ހިތުގެ ބަހުރުވައިން އަންޖަލް ގޮވައިލިއެވެ. 

"އަހަންނަށް ހާދަ އިތުބާރެކޭ ތި ކުރަނީ،" ބަރުގާންގެ އަޑު އައީ، އަންނަނާންނަ ދިމާއެއް ނޭނގޭ ގޮތަށް އަންޖަލްގެ ހިތުގައި އުފެދުނު ރާޅެއް ހެންނެވެ. "އަހަންނަކަށް އަބާޝާއެއް ނުދެމެއްނު! ދެން ކިހިނެއް މި ތާ އަބާޝާ ހުންނަންވީ؟"

އަންޖަލް ގާތުގައި އެހެން މީހަކު ހުރި ނަމަ އެ މީހަކަށް ބަރުގާންގެ އަޑެއް ނީވުނީހެވެ. ވާހަކަ ދެކެވެމުން ދިޔައީ އެހައި ވެސް ސިއްރު ފަރުދާއެއްގެ ބިއްދޮށުގައެވެ. އަންޖަލްއަށް ވެސް އިވެނީއެއް ނޫނެވެ. ކުރެވެނީ އިހުސާސެކެވެ. 

"މަންމައެއްގެ ހިތް ދޮގެއް ނަހަދާނެ،" ތުންފަތުގެ ހަރަކާތެއް ނެތި އަންޖަލް ބުންޏެވެ. "ކޮބާ ސާރާ؟ މަންމައަށް ދަރިފުޅު ފޮރުވާކަށް އެއްޗެއް ހިތަކަށްނާރާ؟"

"އަންޖޫ މި ކަން ފެށީ،" ބަރު އެހެނަސް އޯގާވެރި އަޑަކުން ބަރުގާން ބުންޏެވެ. "އަހަންނަށް އަންޖޫ ނުފެންނަންޏާ، އަންޖޫއަކަށް އަހަރުމެންނެއް ވެސް ނުފެންނާނެ. އެއީ މި ގާނޫނު ހިނގާ ގޮތް. ގާނޫނު ތަންފީޒު ކުރަނީ އަހަންނެއް ނޫން. އަބާޝާއަކީ މި ރިޔާސަތުގެ ހަމަ އެކަނި ވާރިސު. މަރުން ސަލާމަތް ކޮށްގެން އޭނަ ގެނެއްސަ އެހެރީ އަހަރެން. އެ ކަމުގަ އަންޖޫ ނަސްލުގެ މީހެއް ވެސް އަހަންނަކަށް އެހީއެއް ނުވޭ! ގަބޫލުކުރިޔަސް ނުކުރިޔަސް އަންޖޫއަކަށް އަބާޝާއެއް ނުބެލެހެއްޓުނު. އަންޖޫގެ ބަހެއް ނުވިކޭ! ކާފައަށް މުހިންމީ ފައިސާ. ތާޖުމަހަލް ބެލެނިކޮށް އެ ނިމުނީ."

ބަރުގާންގެ ވާހަކަތަކުގައި ފޮރުވިފައި ވަނީ ހިތި ހަގީގަތެކެވެ. ރައްދުގައި އެއްޗެއް ބުނަންޏާ އަންޖަލް ޖެހޭނީ ބަރުގާންއާ އެއްބަސްވާށެވެ. 

"އަހަރެން ވަރަށް މަސައްކަތްކު ރިން." ކުރެހިފައިވާ މަންމަން އަޑަކުން އަންޖަލް ބުންޏެވެ. 

"އެ ކަން އެނގެޔޭ!" ބަރުގާން ބުންޏެވެ. "އެކަމަކު ތި ވަރެއް ނުފުދޭ! އަންޖޫ ވިސްނާލަބަލަ! ކިތައް ފަހަރު ކިތައް ގޮތަށް އަހަރެން އަންޖޫ ސަލާމަތް ކޮށްދިނިން؟ އެ ނުވޭ ލޯތްބަކަށް. އެތައް ދުވަހަކު ލޯތްބަށް ސަލާންޖަހާފަ، ގޮތް ހުސްވެގެން އަހަރެން ދިޔައީ. ބާރުގެ ބޭނުންކުރީއޭ އަހަންނާ ދިމާއަށް ބުނާ އިރު އަންޖޫއަކަށް ނުވެސް އެނގޭނެ އަހަރެން ކިހާ ބާރުގަދަ ކަމެއް. އެކަމަކު އަހަންނަށް އަންޖޫ ގެއްލުވާލާފަ ކާކަށް އަންޖޫ ވިއްކާލަން އުޅުނީ؟"

އެ ސުވާލަކަށް ވެސް އަންޖަލްއަކަށް ޖަވާބެއް ނުދެވުނެވެ. ދެއްކުނީ ބަހަނާއެކެވެ. 

"އެއީ އަހަންނަށް ނާންގާ ކާފަ ކުރި ކަމެކޭ!" އަންޖަލް ބުންޏެވެ. 

"ތިއޭ ބުނަން މި އުޅޭ ވާހަކައަކީ،" ބަރުގާން ބުންޏެވެ. "އަންޖޫއާ ދޭތެރޭ ވިސްނީ މި ބަރުގާން އެކަނި. މި އަމިއްލަ އެދުން ބޮޑު، ބާރުގެ ބޭނުންކުރާ ނަސްނަސް އެކަނި. ހިތުގަ ޖެހޭ ކަމެއް ނުކޮށް، ނުރުހޭ ކަމެއް ނުކޮށް، ހުރިހާ ނުބައި ކަމެއް ބޮލުގަ އަޅައިގެން މިހިރީ. އަސްލު އަހަރެން ނުވެސް ޖެހޭ އަބާޝާއަށް ވީ ގޮތް އަންޖޫއަށް އަންގާކަށް. އެކަމަކު ނާންގައެއް ނުހުރެވުނޭ! އެޔޭ އަހަރެންގެ މައްސަލައަކީ."

އަންޖަލް ޖެހުނީ އަޑުއަހަން ހުންނާށެވެ. 

"ދެން އަބާޝާ ހުންނާނީ ބައްޕަ ގާތުގަ." ބަރުގާން އެހެން ބުނީ ސާބިތުކަމާ އެކުގައެވެ.

އަންޖަލް ފެންކަޅިވިއެވެ. އެހެނަސް ހަގީގަތް ގަބޫލުކުރިއެވެ. އަންޖަލްގެ ދުނިޔޭގައި ސާރާއަކަށް ރައްކާތެރިކަމެއް ނެތެވެ. 

"އަޅެ.. އެއް ފަހަރު އަބާ.. ސާރާ ދައްކާލާ!" އާދޭހާ އެކުގައި އަންޖަލް އެދުނެވެ. 

ދެން އިވުނީ ސާރާ ހީނގަތް އަޑެވެ. ސާރާގެ ބަހުރުވައިން މަންމައަށް ގޮވައިލި އަޑެވެ. 

"އެ އޮތީ އަބާޝާ!" ބަރުގާން ބުންޏެވެ. "އަންޖޫގެ ކާފަ ޖެހި ދަންތުރައިން އަންޖޫއަށް ސަލާމަތްވެވުނު ދުވަހަކުން އަބާޝާ ފެންނާނެ. އެ ޔަގީންކަން ދޭން އަންޖޫ ގެނައީ. އަހަންނަކަށް އަންޖޫއެއް ވެސް ނުފެނެއޭ! އެކަމަކު ކެތްކޮށްލައިގެން މި ހުންނަނީނު. އަންޖޫ ވެސް ރޯނެ ކަމެއް ނެތް. ދެންދޭ ގެއަށް."

"ސާރާ ގޮވައިގެން ދާނީ!" އަންޖަލް ބުންޏެވެ. 

"ތީ ވަރަށް ބޯހަރު ނިންމުމެއް،" ބަރުގާން ބުންޏެވެ. "ވަރަށް އެކަނިވެރި، ފަޅު ތަނެއްގަ ތި ތާށިވީ!"

ހެނދުނުވިއެވެ. ފުރަތަމަ ހޭލީ ނިޒާރުއެވެ. ނިޒާރު ބަލައިލި އިރު އަންޖަލްގެ އެނދު އޮތީ ހުސްކޮށެވެ. ފާހާނަޔަކު އަންޖަލްއެއް ނެތެވެ. އަންޖަލްގެ ފައިވާން ހުއްޓެވެ. ފޯނެއް ނެތެވެ. ނިޒާރު އަވަސްއަވަހަށް އަންޖަލްއަށް ގުޅައިލިއެވެ. ފޯނު ރަނގަބީލުވީ އަންޖަލް ނިދި އެނދުގެ ބޯލާކޮޅު ބާލީސް ދަށުންނެވެ. 

ބަގީޗާގައި ހުރި އުނދޯއްޔެއްގައި އިށީނދެގެން އަންޖަލް އިނެވެ. ޖައްވު ފިނި ހަމަހިމޭން ދުވަހެކެވެ. އެ ތަނުގެ ވިނަގަނޑު ހީވަނީ ފާންވެފައި އޮންނަ ކަނޑުގެ ސަތަހައެއް ހެންނެވެ. ފައިތިލަ ޖައްސައިލުމުން އިރުކޮޅެއް ވަންދެން ފިޔަވަޅުގެ އަސަރު ފެންނަން ހުރެއެވެ. ކުއްލިއަކަށް އަންޖަލްގެ ސަމާލުކަން ހުއްޓުނީ، ތުއްތުކުއްޖެއްގެ ފިޔަވަޅުގެ އަސަރު ފާޅުވާން ފެށުމުންނެވެ. އެ ކުއްޖާ ހިނގާފައި އައިސް އަންޖަލް ގާތުގައި ހުއްޓުނެވެ. ސާރާއަކީ އާންމު އިންސާނުން ކަހަލަ އިންސާނެއް ނޫނެވެ. އަބަދު ވެސް އަންޖަލް އެ ކަން ހަނދާން ހުރެއެވެ. އަންޖަލް ހިތަށް އެރިއެވެ. ސާރާގެ ދުނިޔެއަށް އާދެވުމުން އިތުރު ބާރުތަކެއް ސާރާއަށް ލިބުނީ ހެއްޔެވެ؟ ބަރުގާންއަށް ވެސް ނުލިބޭ ވަރުގެ ބާރުތަކެކެވެ. ސާރާއަށް އަންޖަލް ފެންނަނީ ހެއްޔެވެ؟ ސާރާ އުފެދި ބޮޑުވުމުގެ ދުވެލި އަވަސްވީ ހެއްޔެވެ؟ ނުވަތަ އެއީ އެހެން ކުއްޖެއް ހެއްޔެވެ؟ 

"ދަރިފުޅޫ!" އަންޖަލްއަށް މަޑުމަޑުން ބުނެވުނެވެ. 

ސާރާ ނުވަތަ އެ ކުއްޖާ ފުރަގަސްދިންކަން ފިޔަވަޅުން އެނގުނެވެ. 

"ސާރާ؟" އަންޖަލް ބުންޏެވެ. "މަންމަ ދައްކާ ވާހަކަ އަޑުއިވޭތަ؟"

ތުއްތުކުއްޖަކު ހީނލި އަޑުއިވުނެވެ. 

"އަބާޗާ!" ސާރާ ބުނި ހެން އަންޖަލްއަށް ހީވީ އެހެންނެވެ. "ސާރާ ނޫން! އަބާޗާ!"

އެ ވަގުތު އަންޖަލްއަށް ދޫނި ގޮވާ އަޑުއިވުނެވެ. ދުރުދުރުން ދިޔަ ދޫނިތަކަކާއި ކުއްލިއަކަށް އެ ތަނަށް ފާޅުވި ކުދިކުދި ކޮކާތަކެއް ފެނުނެވެ. އަންޖަލް ހިތަށް އެރިއެވެ. ކާފަ ހެދި ފަންޑިތަ އަލުން އާނުކުރާތީ އޭގެ އަސަރު ކެނޑެނީ ހެއްޔެވެ؟ ސާރާއަށް އަންޖަލް ފެންނަނީ އެހެން ވެގެން ހެއްޔެވެ؟

"މަންމަ އަތުގަ ހިފާބަލަ ދޫނީ!" ސާރާއަށް އެނގޭނެ ކަމުގެ އުންމީދުގައި އަންޖަލް ބުންޏެވެ. 

ތުއްތު ފިޔަވަޅުތަކެއް ކުރިޔަށް އެޅި ތަނާއި ކުޑަކުޑަ ހޫނުކަމެއް އަންޖަލްގެ އަތަށް އިހުސާސް ކުރެވުނެވެ. އެއީ ސާރާގެ ތުއްތު އަތްތިލައިގެ ހޫނުކަމެވެ. އަންޖަލްގެ މައިވަންތަ ލޯބި ހަރުއަޑުން ބުނީ އެހެންނެވެ. 

ނިޒާރުމެން ތިބި ކޮޓަރިއަށް ފުލުހުންގެ ތިން މީހުން އައެވެ. ކޮޓަރީގެ އެތައްމިތަން ބެލިއެވެ. 

"ކިހިނެއް ތިހާ ޔަގީންކަމާ އެކީގަ ތި ބުނަނީ އޭނަ ބޭރަކަށް ނުނިކުމެއޭ؟" އިނިސްޕެކްޓަރު ނަރޭޝް އެހިއެވެ. "އެހެން ކުއްޖަކު އެހީ ވެސް ވެދާނެއްނު!"

"އެންމެން ނިދީމަ އަހަރެން ނިދީ. ތަޅުދަނޑި އޮންނާނީ އަހަރެން އަތުގަ،" ނިޒާރު ބުންޏެވެ. "އަހަރެން ގިރާކޮށްފަ ނޫނީ ނުނިކުމެވޭ ގޮތަށް މި ތާ ހުރަހަށް ގޮދަޑި ބާއްވައިގެން އަހަރެން އޮތީ. މި ދޮރެއް ނުހުޅުވާ! އަހަންނަކީ ވަރަށް ނިދިމަޑު މީހެއް. ކިރިޔާ ގުޑުމެއް އެރިޔަސް އަހަންނަށް ހޭލެވޭނެ."

"ދެން އެހެން ވެއްޖެއްޔާ ތީ އަޖައިބެއްނު!" ބޯކަހައިލާފައި ނަރޭޝް ބުންޏެވެ. "މި އިމާރާތުގަ އެތައް ބައިވަރު ކެމެރާއެއް އެބަ ހުރި. ނިކުތް ތަން އެއްވެސް ކެމެރާއަކަށް އަރާފައެއް ނެތް. ހޮޓަލަށް ވަން ތަން ފެނޭ. އޭނަގެ ލޯބިވެރިއެއް މި ހޮޓަލުގެ އެއްވެސް ކޮޓަރިއެއްގަ އުޅެފާނެތަ؟"

ނިޒާރު ބަލައިލީ އެހެން ކުދިންގެ މޫނަށެވެ. އެ ކުދިން ބޮލުގެ ހަރަކާތުން ނޫނެކޭ ބުންޏެވެ. 

"ދިވެހީންގެ އެ ކަހަލަ ކޭސްތައް ހިނގާފަ އެބަ ހުރި،" ފަރިތަ އިނގިރޭސިބަހުން ނަރޭޝް ބުންޏެވެ. "ތި ކުއްޖާ އެހެން އުޅެއެކޭ ނޫން އެކަމަކު ފަހުން ކޮންމެވެސް ކޮޓަރިއަކުން ފެނިފަ އެބަ ހުރި."

"އެކަމަކު އަހަރެން ނިދި ފަހުން މި ކޮޓަރިން ނުކުމެގެންތާ އެހެން ކޮޓަރިއަކަށް ދިޔަސް ދެވޭނީ،" ނިޒާރު ފާހަގަކުރަނީ އެ ނުކުތާއެވެ. "ކިހިނެއްހޭ މި ދޮރު ނުހުޅުވާ އޭނަ ނުކުންނާނީ؟"

"ތީ އަރަތެއް،" ނިޒާރުއަށް ޝައްކުކުރާ ނަޒަރަކުން ބަލަމުން ނަރޭޝް ބުންޏެވެ. "ތަހުގީގު ފެށީމަ ހީނުކުރާ ގޮތްގޮތަށް ދޮރުތައް ހުޅުވޭނެ. ފުރަތަމަ މުނިކާފަދަރި. ދެން އޭނަ ވަގަށް ނެގި މީހާ. ދެން ކާފަދަރިފުޅު. ވަރަށް އެހެން ކަހަލަ ދިމާއަކަށްނު މި ދަނީ! ފުރުން ލަސްކޮށްލާ!"

ތަނަވަސް ބޮޑު ކޮޓަރިއެއްގައި ހުރި ބޮޑު މޭޒެއްގެ އެއްކޮޅުގައި އަންޖަލް އެކަނި އިށީނދެގެން އިނެވެ. މޭޒުގެ ކޮޅުންކޮޅަށް ސުފުރާ ތައްޔާރު ކޮށްފައި ހުއްޓެވެ. އަންޖަލްއަށް ހުރީ އަންޖަލްއަށް ކެވޭ ކަހަލަ އެއްޗިއްސެވެ. ބަތާއި މަހާއި ތަރުކާރީއެވެ. މޭވާ ވެސް ހުއްޓެވެ. ދެން ހުރި ތަށިތަކުގައި ހުރީ އަންޖަލް ދުވަހަކު ވެސް ދުށް އެއްޗިއްސެއް ނޫނެވެ. ކާނާތަކަށް އަންނަ ބަދަލުން، މޭޒުގައި ހުސް ގޮނޑިއެއް ނެތް ހެން އަންޖަލްއަށް ހީވެއެވެ. އަންޖަލްގެ ކުރިމަތިން މޭޒުގެ އަނެއް ފަރާތުގައި ހުރީ ތަފާތު ގޮނޑިއެކެވެ. އެއީ ގޮނޑިއެއް ނޫނެވެ. ކުޑަކުއްޖަކަށް އިށީނދެވޭ ގޮތަށް ހަދައި ޒީނަތްތެރި ކޮށްފައިވާ ތަހުތެކެވެ. ރިޔާސަތުގެ ޝަރަފާއި ނިޝާންތައް، ތަހުތުގެ އަތްގަނޑާއި ބޯޖެހޭ ތަނުގައި އޮފު އަރައަރައި ހުއްޓެވެ. އެ ގޮނޑިއަށް އަންޖަލް އިރުއިރުކޮޅާ ބަލައިލައެވެ. ބަލައިލާ ކޮންމެ ފަހަރަކު، އުފަލުން ފުރިފައިވާ އަޑަކުން ތުއްތުކުއްޖަކު ހީނލާ އަޑުއިވޭހެން އަންޖަލްއަށް ހީވެއެވެ. އަންޖަލްގެ ހިތް އެދިއެދި އޮތީ ސާރާގެ ލޯބި މޫނު ފެންނާނެ ދުވަހަކަށެވެ. އެހެން މޫނަކަށް އަންޖަލްގެ އެއްވެސް ޝައުގުވެރިކަމެއް ނެތެވެ. އެ ދުވަސް އަންނާނެކަން އަންޖަލްއަށް ޔަގީނެވެ. ޔަގީން ނުވާ އޮތީ އެންމެ ކަމެކެވެ. އަންޖަލްގެ އާއިލާ ގާތަށް އަންޖަލް އެނބުރި ދާނެބާއެވެ؟ އާނއެކެވެ. އާއިލާ ދެކިލަން ސާރާ ބޭނުންވެއްޖެ ނަމައެވެ. 

އެނބުރި ދިޔުން ކިހައި އުނދަގޫވާނެކަމެއް އަންޖަލްއަކަށް ނުވިސްނެއެވެ. ބަރުގާން ވަނީ އެހެން ގޮތެއް ނިންމައިފައެވެ. އެއީ ދަރިފުޅަށް އެންމެ ރައްކާތެރި ގޮތެވެ. އަތީލާ ވެސް އެއްބަސްވެފައިވާ ގޮތެވެ.(ނިމުނީ)