ބޮލީވުޑްގެ މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ ކަރަން ޖޯހަރު، އިންޑިއާގެ މަޝްހޫރު ޔޫޓިއުބާ ކަރީ މިނާޓީ (އަޖޭ ނާގަރް)އާ ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނި ގޮތުގައި، މުމްބާއީގެ ކޯޓަށް ހުށަހެޅި އެ މައްސަލައާ ގުޅިގެން މިދިޔަ ހޯމަ ދުވަހު އެ ކޯޓުން ވަނީ ކަރަންއާ ބެހޭ ގޮތުން އިހާނެތި އަދި އޭނާގެ އަބުރު ގެއްލޭ ފަދަ އެއްވެސް ކޮންޓެންޓެއް އާންމު ނުކުރުމަށް ކަރީ މިނާޓީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފަ އެވެ.
މި މައްސަލަގަނޑު ފެށުނީ ކަރީ މިނާޓީގެ ޔޫޓިއުބް ޗެނަލްއަށް އަޕްލޯޑްކުރި "ކޮފީ ވިތު ޖަލަން" ކިޔާ ވީޑިއޯއަކާ ގުޅިގެންނެވެ. އެއީ ކަރަންގެ މަގުބޫލު ޝޯ "ކޮފީ ވިތު ކަރަން" އަށް މަލާމާތްކޮށް ހަދާފައިވާ ވީޑިއޯއެކެވެ.
ކަރަންގެ ފަރާތުން އޭނާގެ ވަކީލުން ކޯޓުގައި ބުނެފައި ވަނީ އެ ވީޑިއޯގައި ކަރަންއަށް އަމާޒުކޮށް ވަރަށް ހަޑިހުތުރު ބަސްތަކެއް ބޭނުންކޮށްފައިވާ ކަމަށެވެ. ބޮލީވުޑްގެ ނެޕޮޓިޒަމް (އާއިލީ ނުފޫޒު)އާ ބެހޭ ގޮތުން ވާހަކަދައްކަމުން ކަރަންގެ އަބުރަށް ހުތުރުވާ ފަދަ ވާހަކަތައް ދައްކާފައިވާ ކަމަށް ވެސް ވަކީލުން ބުންޏެވެ.
އެ ވީޑިއޯ ޑިލިޓްކުރުމުގެ ކުރިން މިލިއަނުން މީހުން ބަލާފައިވާއިރު، އޭގެ ކުދި ކްލިޕްތައް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާތީ ކަރަންގެ އަބުރު ކަތިލެވިފައިވާ ކަމަށް އޭނާގެ ވަކީލުން ބުނެފައިވެ އެވެ.
ކަރީ މިނާޓީ އާއި އޭނާގެ ޓީމުން ކަރަންއާ ބެހޭ ގޮތުން އާންމުކޮށްފައިވާ ހުތުރު އަދި އަބުރު ގެއްލޭ ފަދަ ވީޑިއޯތައް ވަގުތުން ނެގުމަށް އުމުރުކޮށް، އަދި ކުރިއަށް އޮތް ތަނުގައި ވެސް އޭނާއާ ބެހޭ މިފަދަ އެއްވެސް އެއްޗެއް ސޯޝަލް މީޑިއާގައި ޝާއިރުކުރުން ކޯޓުން މަނާކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.
ކަރީ މިނާޓީން އެ ވީޑިއޯ ޑިލިޓްކުރި ނަމަވެސް، ބައެއް ޗެނަލްތަކުން ވަނީ އެ ވީޑިއޯ ސޭވްކޮށް، އަޕްލޯޑްކޮށްފަ އެވެ.
މުމްބާއީ ކޯޓުން ވަނީ ފޭސްބުކާއި އިންސްޓަގްރާމް ކަހަލަ ޕްލެޓްފޯމްތަކުން މި ވީޑިއޯގެ ލިންކްތަކާއި ކްލިޕްތައް ނެގުމަށް މެޓާ އަށް ވެސް އަންގައިފައި ކަމަށް ރިޕޯޓްތައް ބުންޏެވެ.
ކަރީ މިނާޓީގެ ގާނޫނީ ޓީމުން ބުނީ އެ ވީޑިއޯ މިހާރު ޑިލިޓްކޮށްފައިވާ ކަމަށާއި ކަރަން ކޯޓަށް ދިޔައީ ވަރަށް އަވަސް އަރުވާލައިގެން ކަމަށެވެ. އަދި ޔޫޓިއުބްގެ ފަރާތުން މައުލޫމާތު ސާފުކުރުމުގެ ފުރުސަތެއް ނުދީ މައްސަލަ ކުރިއަށް ގެންދިޔަ ކަމަށް ވެސް އޭނާގެ ވަކީލުން ބުނެފައިވެ އެވެ.
ނަމަވެސް، ކޯޓުން ވަނީ ކަރަންގެ ހުށަހެޅުމަށް ބުރަވެ، ކަރީ މިނާޓީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފަ އެވެ.