ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ޚާން "ބީންގް ސަލްމާން ޚާން"ގެ ނަމުގައި އޭނާގެ އަމިއްލަ ޔޫޓިއުބް ޗެނަލް ލޯންޗުކޮށް، ސަޕޯޓަރުންނާ ގުޅުން ބަދަހިކުރުމަށް އާ މަސައްކަތެއް ފަށައިފި އެވެ.

އެ ޗެނަލް މެދުވެރިކޮށް އޭނާ އާންމުކުރި ފުރަތަމަ ވީޑިއޯގައި ވަނީ އޭނާގެ މަގުބޫލު އެކްޓިން ސްޓައިލާއި ބޮޑީ ލޭންގުއޭޖު އަދި އަހުލާގު ހިފަހައްޓާ ގޮތް ވެސް ސަޕޯޓަރުންނަށް ކިޔައިދީފަ އެވެ. 

މި އާ ޑިޖިޓަލް މަސައްކަތް އިއުލާންކުރަމުން ސަލްމާން ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ޗެނަލްގެ ލިންކު ހިއްސާކޮށްފަ އެވެ. އޭނާ ލިޔެފައިވާ ގޮތުގައި، "އަނެއްކާވެސް އާ ފެށުމަކުން ފަށަމާ. މިއީ މަގޭ ރަސްމީ ޔޫޓިއުބް ޗެނަލް. 'އޭ' އިން ފެށިގެން 'ޒެޑް' އަށް ހުރިހާ އެއްޗެއް މިތަނުން ފެންނާނެ،" އެވެ.

މި ޗެނަލްގެ ފުރަތަމަ ވީޑިއޯ ތައްޔާރުކޮށްފައި ވަނީ ވަރަށް ޝައުގުވެރި އަދި މަޖާ ކޮންސެޕްޓަކަށެވެ. އެ ވީޑިއޯގައި ފެންނަނީ ސަލްމާންގެ ދެ ކެރެކްޓަރެކެވެ؛ އެއީ ތަޖުރިބާކާރު އެކްޓިން ކޯޗެއްގެ ރޯލާއި، އޭނާގެ ފަރާތުން އެކްޓިން ދަސްކުރަން އުޅޭ މީހެއްގެ ރޯލެވެ. ކޯޗުގެ ރޯލުން ފެންނަ ސަލްމާން އޭނާގެ ހަރަކާތްތަކާއި ހިނގުމުގެ ވައްޓަފާޅި ދަސްކޮށްދޭ ތަން މި ވީޑިއޯގައި ފެނެ އެވެ.

މިހާތަނަށް އެއް ވީޑިއޯ އާއި 10 ކުރު ވީޑިއޯ (ޝޯޓްސް) އާންމުކޮށްފައިވާ މި ޗެނަލަށް ކުޑައިރުކޮޅެއްގެ ތެރޭގައި ގިނަ އަދަދެއްގެ ސަބްސްކްރައިބާސް ވެސް ލިބިފައިވެ އެވެ. 

ފިލްމީ ދާއިރާއަށް ބަލާއިރު، ސަލްމާން މިހާރު އަންނަނީ "ބިގް ބޮސް 20" ހޯސްޓްކުރަމުންނެވެ. އަދި އޭނާގެ ކުރިއަށް އޮތް ފިލްމަކީ ޗިތުރަންގަދާ ސިންގްއާ އެކު ފެންނާނެ "މާތުރޫބޫމީ" އެވެ.