ބޮލީވުޑްގެ އެކްޓަރު ޓައިގާ ޝްރޯފްގެ ކާރަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާއަށް ފަހު، ފިލްމީ ދާއިރާގެ ތަރިންނާއި އެމީހުންގެ މެނޭޖަރުން އާންމުންގެ ތެރެއަށް ނުކުތުން މަދުކޮށް ގޭގެ ސެކިއުރިޓީ ވަރުގަދަކުރަން ފަށައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ ހާދިސާއާ ގުޅިގެން ސެލެބްރިޓީންގެ މެނޭޖަރުން ވަނީ ތަރިން އާންމުކޮށް ފެންނަ ހަފްލާތަކާއި އެއާޕޯޓުތަކުން ތަރިން ފެންނަ "އެއާޕޯޓް ސްޕޮޓިން" ހަރަކާތްތައް ކެންސަލްކުރަން ފަށައިފަ އެވެ. އަދި އުމުރުން 50 އަހަރުން މަތީގެ މަޝްހޫރު އެކްޓަރަކު ބުނި ގޮތުގައި، އާއިލާގެ އެދުމުގެ މަތިން އޭނާ ވަނީ ބޭރަށް ނުކުމެ އުޅުން މަދުކޮށްފަ އެވެ. 

ދަތުރުފަތުރުކުރުމަށް ބުލެޓްޕްރޫފް ކާރު ހޯދުމުގެ މަޝްވަރާތައް އާއިލާއާ އެކު ކުރަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން، ސަލްމާން ޚާންއާ އެކު މަސައްކަތްކޮށްފައިވާ ދެ އެކްޓްރެސްއަކު ވެސް ވަނީ އެމީހުންގެ ރައްކާތެރިކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ސަލްމާންއާ އެކު މަސައްކަތްކުރާ ކޮންމެ މީހަކީ އެމީހުންގެ އަމާޒެއް ކަމަށް ބުނެ ލޯރެންސް ބިޝްނޯއީ ގޭންގުން އިންޒާރުދީފައި ވާތީ، ފިލްމީ ދާއިރާގެ ގިނަ ފަރާތްތަކުން ތިބީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި ކަމަށް ރިޕޯޓްތައް ބުންޏެވެ. 

ސުނިލް ޝެޓީ، މަނޯޖް ބަޖްޕާއީ، ދިވްޔާ ދައްތާ އަދި ރާކޭޝް ބޭޑީ ފަދަ ސީނިއާ އެކްޓަރުން ވަނީ މި ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ފިލްމީ ފަންނާނުންނަށް ސަރުކާރުން އިތުރު ރައްކާތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައިފަ އެވެ. އެމީހުން ބުނި ގޮތުގައި، އެއްވެސް މައްސަލައެއްގައި ނޫޅޭ ޓައިގާ ކަހަލަ އެކްޓަރަކަށް މިފަދަ ހަމަލާއެއް އަމާޒުވުމުން ބޮލީވުޑްގެ އެއްވެސް ފަންނާނަކަށް ރައްކާތެރިކަމެއް ނެތް ކަމަށެވެ.