ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ހިންދީ ފިލްމު "ވޯ" އަންނަ މަހު ޖަޕާނުގައި ރިލީޒްކުރާ ގޮތަށް ނިންމައި، އެ ގައުމުގެ ބަހުން ތައްޔާރުކޮށްފައިވާ ޕޯސްޓަރު ވެސް ދައްކާލައިފި އެވެ.


ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކޮށް، ސިދާތު ޑައިރެކްޓްކޮށްފައިވާ އެކްޝަން ތުރިލާ ޖަޕާނުގެ ސިނަމާތަކުގައީ ދައްކަން ހަމަޖެހިފައި ވަނީ ޖުލައި މަހުގެ 17 އިން ފެށިގެންނެވެ.

"ވޯ" އަކީ ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފްގެ ކުރިމަތިލުންތަކެއް ފެނިގެންދާ ފިލްމެކެވެ. އޭގެ ބަތަލާ އަކީ ކުޑަކުޑަ ރޯލެއް ކުޅުނު ވާނީ ކަޕޫރެވެ.

"ވޯ" ގެ ކާމިޔާބީ އަށް ފަހު، މިއީ ފްރެންޗައިޒަކަށް ހަދަން ވަނީ ނިންމައިފަ އެވެ. ނަމަވެސް ދެވަނަ ބައި ގެނެސްދޭނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ.

ޖުމްލަ 150 ކްރޯޑް ރުޕީސް (20 މިލިއަން ޑޮލަރު) ގެ ބަޖެޓަކިން ހެދި "ވޯ" އަކީ ބޮކްސް އޮފީހުގައި 475.50 ކްރޯޑް ރުޕީސް (63 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނު ފިލްމެކެވެ.

އަމީތާބް ކެރެކްޓާއަށް ތައްޔާރުވި ގޮތް

މި މަހުގެ 12 ވަނަ ދުވަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރަން ހަމަޖެހިފައިވާ ފިލްމު "ގުލާބޯ ސިތާބޯ" ގައި އަމީތާބް ބައްޗަން ކުޅުނު ކެރެކްޓާ އަށް ތައްޔާރުވި ގޮތުގެ މޭކިންއެއް ދައްކާލައިފި އެވެ.

އަމީތާބް ޓްވިޓާގައި ވެސް އެ ހިއްސާކޮށްފައިވާ އިރު، އެ ފިލްމަކީ 77 އަހަރުގެ އެކްޓަރު ވަރަށް މުސްކުޅިކޮށް ފެންނާނެ ފިލްމެކެވެ. ޝޫޖިތު ސިރްކާ ޑައިރެކްޓްކޮށްފައިވާ ފިލްމުގައި އަމީތާބު ކުޅެފައި ވަނީ މިރުޒާ ޝެއިހް ކިޔާ ކެރެކްޓާއެކެވެ.

ކޮމެޑީ-ޑްރާމާއެއްގެ ގޮތުގައި ގެނެސްދޭ "ގުލާބޯ ސިތާބޯ" ގެ ވަރަށް ހާއްސަ ރޯލަކުން އަޔޫޝްމަން ކްރާނާ ވެސް ފެނިގެން ދާނެ އެވެ.

އަންހެނުންގެ ފިލްމު ޕްރޮޑިއުސްކުރާނީ އަޔޫޝްމަން

އެކްޓަރު އަޔޫޝްމަން ކްރާނާގެ އަންހެނުން ތާހިރާ ކެޝަޕަށް 2018 ގައި އުރަމަތީގެ ކެންސަރު ޖެހި، ފަރުވާ ހޯދަން ޖެހުނީ ޓީ ސީރީޒަށް ފިލްމަށް ޑައިރެކްޓްކުރަން އިއުލާންކޮށްފައި ވަނިކޮށެވެ.

އެކަމަކު ބައްުޔާ ގުޅިގެން އެ މަސައްކަތް ޖެހުނީ ހުއްޓައިލާށެވެ. ނަމަވެސް ބަލިން ރަނގަޅުވެފައިވާތީ ތާހިރާ މިހާރު އަންނަނީ ފިލްމުގެ މަސައްކަތަށް ތައްޔާރުވަމުންނެވެ. މީޑިއާތަކުން ކުރިން ބުނެފައިވާ ގޮތުގައި އޭނާގެ ފިލްމުގެ ނަމަކީ "ޝަރުމާޖީ ކީ ބޭޓީ" އެވެ. އަދި ފިލްމު މަދޫރީ ޑިކްސިޓާއި ސައްޔާމީ ކޭރަށް ހުށަހެޅިކަމުގެ އަޑުތަކެއް ވެސް އަރާފައިވެ އެވެ.

ކާސްޓް އެއްފަރާތްކޮށްފައި މީޑިއާތަކުން މިހާރު ބުނަނީ އެ ފިލްމު ޕްރޮޑިއުސްކުރާނީ އަޔޫޝްމަން ކަމަށެވެ. އަދި ވަރަށް އަވަހަށް ފިލްމު އިއުލާންކުރާނެ ކަމަށްވެ އެވެ.

ސަލްމާން ކުނިކަހަނީ

ސަލްމާން ޚާން ގެވެހި މަސައްކަތްކުރާ ތަން ފެނުމަކީ ހައިރާންވާން ޖެހޭ ވަރުގެ ކަމެއް ނޫނެވެ. އެންމެ ފަހުން ގެނެސްދިން "ބިގް ބޮސް" 13 ވަނަ ސީޒަނުގައި ބައިވެރިން އުޅޭ ގޭގެ ބަދިގެ އާއި ފާހާނާ ހަޑިކުރާތީ އެކަމާ އުނދަގޫވެގެން ސަލްމާން ގެއަށް ގޮސް ތަންތަން ސާފުކޮށްފައިވެ އެވެ.

މި ވީޑިއޯ އިން މި ފެންނަނީ ހުކުރު ދުވަހު ފާހަގަކުރި ތިމާވެށީގެ ދުވަހާ ދިމާކޮށް ސަލްމާން އޭނާގެ ޕޭންވޭލް ފާމްހައުސްގައި ކުނި ކަހާ ތަނެވެ. އެތަނުގެ ބައެއް މަސައްކަތު މީހުންގެ އިތުރުން ސަލްމާނާ ގާތް ގުޅުމެއް އޮންނަ އޫލިއާ ވަންތޫރު ވެސް ކުނިކަހާ މަންޒަރު ވީޑިއޯ އިން ފެނެ އެވެ.

ސަލްމާން މި ވީޑިއޯ އިންސްޓަގްރާމްގައި ހިއްސާކުރީ އިންޑިއާ ތާހިރު ގައުމަކަށް ހަދަން ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރިއަށް ގެންދަވާ ކެމްޕޭން "ސުވަޗް ބާރަތު" އާ ވެސް ގުޅުވައިފަ އެވެ.