ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަންނަ މަހުގެ 2 ގައި ރިލީޒްކުރާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ވޯ" ގެ އެޑްވާންސް ބުކިން އަށް މިއަދު ހުޅުވާލައިފި އެވެ.


ވަރަށް ހިނގާނެ ކަމަށް ބެލެވޭ މި ފިލްމަކީ ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފްގެ ކުރިމަތިލުންތަކެއް ފެނިގެންދާނެ އެކްޝަން ތުރިލާއެކެވެ. ތަފާތު ގޮތަކަށް ޕްރޮމޯޝަން ވެސް ކުރިއަށްގެންދާ "ވޯ" އަށް ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ އިރު، ބޮލީވުޑްގެ ވިޔަފާރި ޚަބަރުތައް ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި މި ފިލްމަކީ ވަރަށް ރަނގަޅު ފެށުމެއް ބޮކްސް އޮފީހުގައި ހޯދާނެ އަދި ރަނގަޅު ވިޔަފާރިއެއް ވެސް ކުރާނެ ފިލްމެކެވެ.

"ވޯ" އަކީ "ބޭންގް ބޭންގް" އާއި "ސަލާމް ނަމަސްތޭ" ފަދަ ފިލްމުތައް ގެނެސްދިން ސިދާތު އާނަންދު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މީގެ ބަތަލާއަކީ ވާނީ ކަޕޫރެވެ.

ނޭވާ ހިފަހައްޓައިލަން ޖެހޭ ކަހަލަ އެތައް އެކްޝަން މަންޒަރުތަކެއް ފެނިގެންދާނެ "ވޯ" އަކީ ޔޫރަޕްގެ ހިތްގައިމު އެ ސިޓީތަކުގައި ބޮޑުބައި ޝޫޓްކޮށްފައިވާ ފިލްމެކެވެ.

"މަރުދާނީ 2" ގެ ޓީޒާ "ވޯ" އާ އެކު

އަންނަ މަހުގެ 2 ގައި ރިލީޒްކުރާ ވައިއާރްއެފްގެ ފިލްމު "ވޯ" ސިނަމާތަކުގައި ދައްކަން ފަށާ ދުވަހު، އެ ސްޓޫޑިއޯ އިން ރާނީ މުކަރްޖީއާ އެކު ގެނެސްދޭ ފިލްމު "މަރުދާނީ 2" ގެ ޓީޒާ ޓްރެއިލާ ދައްކައިލާ ގޮތަށް ނިންމައިފި އެވެ.

މިކަން ވައިއާރްއެފުން އަދި ކަށަވަރުކޮށް ނުދިން ނަމަވެސް ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި އެ ފިލްމުގެ 41 ސިކުންތުގެ ޓީޒާއެއް "ވޯ" އާ އެކު ތިއޭޓަރުތަކުގައި އޮކްޓޯބަރު 2 އިން ފެށިގެން ގެނެސްދޭނެ އެވެ. ރާނީ ފުލުހެއްގެ ރޯލް ކުޅޭ ސީރީޒްގެ ދެވަނަ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޑިސެމްބަރު މަހުގެ 13 ގަ އެވެ.

"މަރުދާނީ 2" އަކީ 2014 ގައި ރިލީޒްކުރި "މަރުދާނީ" ސްކްރީންރައިޓަރު ގޯޕީ ޕުތުރާން ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ޝޫޓިން ވެސް ދާދި ފަހުން ވަނީ ނިންމާލައިފަ އެވެ.

އަމީތާބަށް ދާދާސާހެބް ޕާލްކޭ އެވޯޑް

ހިންދީ ސިނަމާ އަށް ކޮށް ދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކޮށް، މަޝްހޫރު އެކްޓަރު އަމީތާބް ބައްޗަން އަށް ދާދާސާހެބް ޕާލްކޭ އެވޯޑް ދޭން އިންޑިއާ ސަރުކާރުން ނިންމައިފި އެވެ.

އެކަން އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓަރު ޕްރަކާޝް ޖަވޭދުކަރް އިއުލާންކޮށް، މަރުހަބާ ވިދާޅުވުމާ ގުޅިގެން ވަރަށް ގިނަ ފަންނާނުން އަމީތާބަށް ޓްވިޓާގައި މަރުހަބާ ކިޔާފައިވެ އެވެ. އަދި އަމީތާބް ވެސް އޭނާ އަށް މަރުހަބާކީ އެންމެންނަށް ޝުކުރު އަދާކޮށްފައިވެ އެވެ.

އުމުރުން މިހާރު 76 ގެ އަހަރުގެ އަމީތާބަށް ކުރިން ވެސް ވަނީ އިންޑިއާ ސަރުކާރުންދޭ މަތީ ޝަރަފުގެ އެވޯޑްތައް ލިބިފަ އެވެ. އޭގެ ތެރޭގައި 2015 ގެ ޕަދުމާ ވިބުޝަން އާއި 2001 ގެ ޕަދުމާ ބުޝަންގެ އިތުރުން 1984 ގެ ޕަދުމާ ޝްރީ ހިމެނެ އެވެ.

"މަރުޖާވާ" ގެ ޓްރެެއިލާ ދައްކާލައިފި

އަންނަ ނޮވެމްބަރު މަހުގެ 8 ގައި ރިލީޒްކުރާ ޓީ ސީރީޒްގެ ފިލްމު "މަރުޖާވާ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމަކީ މިދިޔަ އަހަރު ޖޯން އަބްރަހަމްގެ "ސަތިޔަމޭވް ޖަޔަތޭ" ގެނެސްދިން މިލަޕް މިލަން ޒަވޭރީ ޑައިރެކްޓްކޮށްފައިވާ އެކްޝަން ޑްރާމާއެކެވެ. ފިލްމުގެ މުހިއްމު ތަރިންނަކީ ސިދާތު މަލްއުތުރާ، ތާރާ، ސުތާރިއާ، ރިތޭޝް ދޭޝްމުކް އަދި ރަކުލް ޕްރީތު ސިންގެވެ.

"މަރުޖާވާ" ގެ އެންމެ ހާއްސަ އެއް ކަމަކަށްވާނީ ރިތޭޝް އިސްކޮޅުން ވަރަށް ކުރު ވިލަންއެއްގެ ރޯލުން ފެނިގެން ދިއުމެވެ. މި ފިލްމު މިލަޕް ސިފަކޮށްފައި ވަނީ ޔާޝް ޗޯޕްޅާ 1975 ގައި އަމީތާބް ބައްޗަން އާއި ޝަޝީ ކަޕޫރާ އެކު ގެނެސްދިން "ދީވާރު" ގެ ހޮމޭޖެއްގެ ގޮތުގަ އެވެ.