ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ބަންޓީ އޯރް ބަބްލީ 2" ގެ ޝޫޓިން ހުއްޓިފައި އޮންނަތާ އެތައް ދުވަހެއް ފަހުން އޭގެ ޝޫޓިން ލަވައަކާ އެކު ނިންމާލައިފި އެވެ.


މިކަން ވައިއާރްއެފްގެ ޓްވިޓާގައި ވެސް ފިލްމުގެ ތަރިންގެ ފޮޓޯތަކަކާ އެކު ހިއްސާކޮށްފައިވެ އެވެ. "ބަންޓީ އޯރް ބަބްލީ" އަކީ ޑައިރެކްޓަރު ޝާދު އަލީ 2005 ގައި ގެނެސްދިން "ބަންޓީ އޯރް ބަބްލީ" ގެ ދެވަނަ ބައެވެ. މި ފަހަރު މުޅިން އާ ޑައިރެކްޓަރަކާ އެކު ފިލްމު ގެނެސްދެނީ ކުރީ ބައިގެ ކާސްޓުގައި ހިމެނުނު ރާނީ މުކަރްޖީ ފިޔަވައި އާ ކާސްޓަކާ ވެސް އެކީގަ އެވެ. އެގޮތުން ވަރުމާ ޝަރުމާ ޑައިރެކްޓްކޮށްފައިވާ ފިލްމުން ރާނީއާ އެކު ފެންނާނީ ސައިފް އަލީ ޚާނާއި ސިދާންތު ޗަތުރަވެދީގެ އިތުރުން ޝަރްވާރީ އެވެ.

"ބަންޓީ އޯރް ބަބްލީ" ގެ މުހިއްމު ރޯލްތައް ކުޅުނީ ރާނީ އާއި އަބީޝެކް ބައްޗަނާއި އޭނާގެ ބައްޕަ އަމީތާބް ބައްޗަނެވެ.

ރާނީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާ ޕްރޮޑިއުސްކުރާ "ބަންޓީ އޯރް ބަބްލީ 2" ރިލީޒްކުރާނެ ތާރީހެއް އަދި ނޭނގެ އެވެ. ކޮވިޑް-19 އެކު ކުރިމަތިވި ލޮކްޑައުންގެ ކުރިން މި ފިލްމު އޮތީ ޖޫން މަހުގެ 12 ގައި ސިނަމާތަކަށް ގެންނަ ގޮތަށެވެ.

ޓައިގާގެ ލަވައިގެ ޓީޒާ ދައްކާލައިފި

އެކްޓަރު ޓައިގާ ޝްރޮފްގެ އަޑުން ކިޔާފައިވާ ފުރަތަމަ ލަވަ "ޔޫ އާ އަންބިލީވަބަލް" ގެ ޓީޒާ ދައްކާލައިފި އެވެ.

ލޮކްޑައުންގެ ތެރޭގައި ލަވަކިޔުމުގެ ހުނަރު ތަރައްގީކުރަން މަސައްކަތްކުރި ކަމަށް ބުނާ 30 އަހަރުގެ އެކްޓަރު ބުނެފައިވާ ގޮތުގައި ލަވަ ކިޔުމަކީ އަބަދު ވެސް ވަރަށް ޝައުގުވެރިކަން ހުންނަ ކަމެކެވެ. ޓައިގާގެ ފުރަތަމަ ލަވައިގެ ޓީޒާ ދައްކައިލި އިރު، ލަވަ އާންމުންނަށް ދޫކޮށްލަން ނިންމާފައި ވަނީ ވީޑިއޯއާ ވެސް އެކީގަ އެވެ.

ލަވައިގެ ވީޑިއޯ ޑައިރެކްޓްކޮށްފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ޓައިގާގެ "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގެ ޑައިރެކްޓަރު ޕުނީތު މަލްއުތުރާ އެވެ. އެކަމަކު ލަވަ ނެރޭނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ.

ހީނާ އާއި ދީރަޖްގެ ވީޑިއޯ ލަވައެއް

ކަލާޒުން މިހާރު ދައްކާ ސިލްސިލާ "ނާގިން" ސީޒަން ފަހެއް ފެށިގެން އައި އިރު މީގެ ރޯލްތަކުން ފެނިގެން ދިޔަ ދެ ތަރިން ކަމަށްވާ ހީނާ ޚާނާއި ދީރަޖް ދޫޕަރް އެކީގައި ކުޅެފައިވާ ވީޑިއޯ ލަވައެއް ނެރެން ތައްޔާރުވެއްޖެ އެވެ.

މިހާރު ޓީޒާ ވެސް އާންމުކޮށްފައިވާ "ހަމް ކޯ ތުމް މިލް ގަޔޭ" އާންމުންނަށް ދޫކޮށްލާނީ މިއަދެވެ. މި ވާނީ ހީނާ އާއި ދީރަޖްގެ ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ ލަވައަށެވެ.

ހީނާ އަކީ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިން ވިދައިލި ބަތަލާއެކެވެ. ދީރަޖަކީ ޒީޓީވީން ގެނެސްދޭ ސިލްސިލާ "ކުންދަލީ ބަގިއާ" ގެ ބަތަލެވެ.

ސްޓާ ޕްލަސް އަށް އިތުރު އާ ސިލްސިލާއެއް

ސްޓާ ޕްލަސް އިން ކުރިން ގެނެސްދިން ސިލްސިލާ "ސާތު ނިބާނާ ސާތިޔާ" ގެ ދެވަނަ ސީޒަނެއް ގެނެސްދޭން ނިންމައި، އޭގެ ޕްރޮމޯ ވެސް ދައްކަމުން އަންނަނިކޮށް އެ ޗެނެލުން އަނެއްކާ ވެސް އާ ސިލްސިލާއެއް ގެނެސްދޭކަން އިއުލާންކޮށްފި އެވެ.

މިހާރު ޕްރޮމޯ ވެސް ދައްކަމުން އަންނަ ސިލްސިލާގެ ނަމަކީ "ޢަމް ހެ ކިސީ ކީ ޕިޔާރު މޭ" އެވެ. ވަރަށް އަސަރު ގަދަ ވާހަކައަކަށް ގެނެސްދޭ ސިލްސިލާގެ މައިގަނޑު ތަރިންނަކީ ނީލް ބަޓާއި އަޔެޝާ ސިންގްގެ އިތުރުން އައިޝްވާރިއާ ޝަރުމާ އެވެ.

"ޢަމް ގެ ކިސީ ކީ ޕިޔާރު މޭ" ޕްރޮމޯ ދައްކަމުން ދިޔަ ނަމަވެސް ސިލްސިލާ ދައްކަން ފަށާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.

ސްޓާ ޕްލަސް އިން މި ފަހުން އަލަށް ފެށި ސިލްސިލާތަކުގެ ތެރޭގައި "އަނޫޕަމާ" އާއި "ލޮކްޑައުން ކީ ލަވްސްޓޯރީ" ހިމެނެ އެވެ.