ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަންނަ މަހުގެ 10 ގައި ރިލީޒްކުރާ ފިލްމު "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގެ ފުރަތަމަ ލަވަ ދައްކާލައިފި އެވެ.


ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، ޕުނިތު މަލްއުތުރާ ޑައިރެކްޓްކޮށްފައިވާ، ކޮލެޖް ޒުވާނުންތަކެއްގެ ލޯބީގެ ވާހަކައެއް ކިޔައިދޭ ފިލްމުގެ ލަވަތަކުގެ ތެރެއިން ބެލުންތެރިންނަށް ދައްކައިލި ފުރަތަމަ ލަވައަކީ "ޖަވާނީ ސޯންގް" އެވެ. މި ލަވައަކީ 1972 ވަނަ އަހަރު ރިލީޒް ކުރި ރަންދީރް ކަޕޫރާއި ޖަޔާ ބައްޗަންގެ ފިލްމު "ޖަވާނީ ދިވާނީ" ގައި ހިމެނޭ "ޔެ ޖަވާނީ ހޭ ދީވާނީ" ގެ އާ ވާޝަނެކެވެ.

ކުރީގެ ލަވަ ކިޝޯރު ކުމާރު ކިޔާފައިވާ އިރު "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގައި ހިމަނާފައިވާ ފޯރިގަދަ ޑާންސް ލަވަ ކިޔާފައި ވަނީ ވިޝާލް ދަދުލާނީ އާއި ޕާޔަލް ދޭވް އެވެ. މި ލަވައިގެ މިއުޒިކާ ކުޅެފައި ވަނީ ވިޝާލް-ޝޭކަރެވެ.

ލަވައިން ފެންނާނީ ފިލްމުގެ ލީޑް ތަރިން ކަމަށްވާ ޓައިގާ ޝްރޮފް، އަނަންޔާ ޕާންޑޭ، ތާރާ ސުތާރިއާ އަދި އަދިތިޔާ ސީލް އެވެ.

"ސްޓޫޑަންޓް އޮފް ދި އިޔާ 2" އަކީ ކަރަން އެ ނަމުގައި 2012 ގައި ޑައިރެކްޓް ކުރި ފިލްމުގެ ދެވަނަ ބައެވެ. އެކަމަކު މި ފަހަރު ފިލްމު ގެނެސް ދެނީ މުޅިން ތަފާތު ކާސްޓަކާ އެކީގަ އެވެ.

"ބާރަތު" ގައި ސަލްމާންގެ ފަސް ލުކެއް

ސަލްމާން ހާންގެ ކުރިއަށް އޮތް ފިލްމު "ބާރަތު" އިން އޭނާ ފަސް ލުކަކުން ފެށިގެން ދާނެކަން ކަށަވަރުވެއްޖެ އެވެ.

އެ ފިލްމުގެ ޕޯސްޓަރުތައް މިދިޔަ ހަފުތާއިން ފެށިގެން ދައްކަމުން އަންނަ އިރު، މިހާރު ވަނީ އޭނާ ފިލްމުން ފެނިގެންދާ ފަސް ލުކް ހިމެނޭ މޯޝަން ޕޯސްޓަރެއް ވެސް ދައްކާލައިފަ އެވެ. އަލީ އައްބާސް ޒަފަރު ޑައިރެކްޓްކޮށްފައިވާ "ބާރަތު" އިން ސަލްމާންގެ ވަރަށް ޒުވާން އުމުރުން ފެށިގެން ގޮސް ވަރަށް ދުވަސްވީ ކެރެކްޓާއަކުން ދައްކުވައި ދޭނެ އެވެ.

އަންނަ ފިތުރު އީދުގައި ރިލީޒް ކުރާ މި ފިލްމަކީ 2014 ގައި ރިލީޒް ކުރި ކޮރެއާ ފިލްމު "އޯޑް ޓް މައި ފާދާ" އަށް އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.

"ބާރަތު" ގެ ކާސްޓުންގެ ތެރޭގައި ކެޓްރީނާ ކެއިފް، ޑިޝާ ޕަޓްނީ، ޖެކީ ޝްރޮފް، ތައްބޫ، ނޯރާ ފަތެހީ އަދި ސުނިލް ގްރޯވާ ހިމެނެ އެވެ.

ގްރޫ އާއި ޕިޓްގެ ލަވަ ދައްކާލައިފި

މީގެ ކުރިން ބަތަލާ ޕްރިޔަންކާ ޗޯޕްޅާއާ އެކު ލަވައެއް ފީޓްކޮށްފައިވާ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޕިޓްބުލް އިންޑިއާގެ ޒުވާން ލަވަކިޔުންތެރިޔާ ގްރޫ ރާންދުވާއެކު މަސައްކަތް ކުރި ލަވަ ދައްކާލައިފި އެވެ.

"ސްލޯލީ ސްލޯލީ" ގެ ނަން ދީފައިވާ ލަވައިގެ ލިރިކްސް ވެސް ހަދާފައި ވަނީ އެ ދެ މީހުން ގުޅިގެންނެވެ. ވީޑިއޯ ލަވައެއްގެ ގޮތުގައި ގެނެސް ދިން ލަވަ ޑައިރެކްޓްކޮށްފައި ވަނީ މީގެ ކުރިން ވެސް ހިތްގައިމު އެތައް ވީޑިއޯއެއް ލަވައެއް ޑައިރެކްޓްކޮށްފައިވާ ގިފްޓީ އެވެ.

"ސްލޯލީ ސްލޯލީ" ގެނެސް ދީފައިވާ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ފޮލޯ ކުރާ ޔޫޓިއުބް ޗެނެލް ޓީ ސީރީޒްގެ ތައްގަނޑުގަ އެވެ.

"ބްލޭންކް" ގެ ލަވައެއް ދައްކާލައިފި

އަންނަ މަހު ރިލީޒް ކުރާ ތުރިލާ "ބްލޭންކް" އިން ބޮލީވުޑަށް ތައާރަފުވާ ކަރަން ކަޕާޑިއާގެ ފިލްމުގެ ލަވަތަކުގެ ތެރެއިން ފުރަތަމަ ލަވަ ދައްކާލައިފި އެވެ.

"ވޯނިން ނެހީ ދޫގާ" ގެ ނަން ދީފައިވާ މި ލަވައިގެ މިއުޒިކް ރަގަވް ސަޗަރު ހަދާފައިވާ އިރު ލަވަ ކިޔާފައި ވަނީ އަމިތު ޝަރުމާ އާއި އެންބީ އެވެ. ރެޕް ބައިތައް ލިޔެ، ކިޔާފައި ވަނީ ވެސް އެންބީ އެވެ. މި ލަވަ ދައްކައިލުމުން އަމީތާބް ބައްޗަން އާއި ރިޝީ ކަޕޫރާއި އަނިލް ކަޕޫރް ފަދަ ތަރިން ލަވަ ޓްވީޓްކޮށް، އެއަށް ތައުރީފުކޮށްފަ އެވެ. އަދި ކަރަން ވަނީ އެ މީހުންނަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.

ކުރީގެ ބަތަލާ ޓްވިންކަލް ކަންނާގެ ދެބޭންގެ ދެދަރި ކޮއްކޮ ކަރަންގެ އަލަތު ފިލްމު "ބްލޭންކް" އަކީ ބެހެޒާދު ކަމްބާޓާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ކާސްޓުންގެ ތެރޭގައި ސަނީ ޑިއޯލް ވެސް ހިމެނެ އެވެ.

"ބްލޭންކް" އަންނަ މަހުގެ 3 ގައި ސިނަމާތަކަށް އަންނަ އިރު، ފިލްމުގެ ޕްރޮމޯޝަނަލް ލަވައަކުން ކަރަން، ޅިޔަނު އަކްޝޭ ކުމާރާ އެކީގައި ވެސް ފެނިގެން ދާނެ އެވެ.