ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ޚާން އޭނާގެ ކުރިއަށް އޮތް ފިލްމު "މާތުރޫބޫމީ: މޭ ވޯ ރެސްޓް އިން ޕީސް"ގެ ކާސްޓުންނާއި ކްރޫއިންނަށް އަގުބޮޑު ލަގްޒަރީ އަތުކުރި ގަޑިތަކެއް ހަދިޔާކޮށް އެންމެން ހައިރާންކޮށްލައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ ގަޑިތައް ހަދިޔާކުރުމަށް ހާއްސަ ހަފުލާ އިންޑިއާގެ ޕަންވޭލްގައި ހުންނަ ސަލްމާންގެ އަމިއްލަ ފާމްހައުސްގައި މިދިޔަ ހަފުތާގައި ވަނީ ބާއްވައިފަ އެވެ.

ސަލްމާން ޓީމަށް އެ ހަފުލާއަށް ދައުވަތު ދިނީ ފިލްމުގެ ޕްރޮމޯޝަނަލް ކަންކަމާ ގުޅޭ ބައްދަލުވުމެއް ކަމަށް ބުނެ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.

ނަމަވެސް، ފިލްމުގެ މަސައްކަތުގައި ކުރިމަތިވި އެކި ގޮންޖެހުންތަކާ އެކު ވެސް ޓީމުން ދެއްކި ހިތްވަރާއި ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން، އެ ބައްދަލުވުން އޭނާ ބަދަލުކޮށްލީ ހާއްސަ ހަދިޔާތަކެއް ދިނުމުގެ އުފާވެރި ހަފުލާއަކަށެވެ.

އެ ހަފްލާގައި ސަލްމާން ވަނީ ޓީމުގެ 20-25 އާ ދެމެދުގެ އަދަދެއްގެ މެންބަރުންނަށް ކަޕޫރް ވޮޗް ކޮމްޕެނީން ގަނެފައިވާ ސްވިސް ބްރޭންޑްތަކުގެ އަގުބޮޑު ގަޑިތައް އަމިއްލަ އަތުން ހަދިޔާކޮށްފަ އެވެ.

އެއިން ކޮންމެ ގަޑިއެއްގެ އަގު ދެ ލައްކަ އާއި ހަ ލައްކަ އިންޑިއަން ރުޕީސް (2،000-6،500 ޑޮލަރު) އާ ދެމެދު އުޅޭއިރު، ފިރިހެނުންނަށް ދީފައި ވަނީ "ލޮންޖީންސް" އަދި "ޓެގް ހޮޔާ" ބްރޭންޑްގެ ގަޑިއެކެވެ. އަދި އަންހެން މެމްބަރުންނަށް ހަދިޔާކޮށްފައި ވަނީ "ރާޑޯ" ބްރޭންޑްގެ އަތުކުރީ ގަޑި އެވެ.

އެ ހަފްލާގައި ފިލްމުގެ ޑައިރެކްޓަރު އަޕޫރްވާ ލާކިއާ އާއި އެކްޓްރެސް ޗިތުރަންގަދާ ސިންގްގެ އިތުރުން އަންކުރް ބާޓިއާ އަދި ޓާނިއާ ދެސާއީ ކަހަލަ ތަރިން ވެސް ބައިވެރިވި އެވެ.

"މާތުރޫބޫމީ: މޭ ވޯ ރެސްޓް އިން ޕީސް" ރިލީޒްކުރަނީ އަންނަ މަހު ހަތަރެއްގަ އެވެ.