އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދެކެ އޭނާ ބިރުގަންނަ ކަމަށާއި އެއީ އެކްޓަރުންނަށް ނުރައްކާތެރި އެއްޗަކަށް ވެދާނެ ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަބީޝެކް ބައްޗަން ބުނެފި އެވެ.
އަބީޝެކް އެގޮތަށް ބުނީ "އީޓީ ނައު ގްލޯބަލް ބިޒްނަސް ސަމިޓް 2026"ގައި މިދިޔަ ހޮނިހިރު ދުވަހު ވާހަކަދައްކަމުންނެވެ.
އޭނާ ބުނީ އޭއައިގެ ސަބަބުން މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް ނުވަތަ ލުއިތަކެއް ލިބުނު ނަމަވެސް، އޭގެ ނޭދެވޭ އަސަރު އުފެއްދުންތެރިންގެ ދާއިރާތަކަށް ކުރާނެ ކަމަށެވެ.
އޭއައި ބޭނުންކުރަން ވާނީ ވަރަށް ޒިންމާދާރުކަމާ އެކުގައި ކަމަށާއި، އެހެން ނޫން ނަމަ އެއީ އެކްޓަރުންނަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ސިފަކުރި އެވެ.
ފިލްމު އުފެއްދުމުގައި އެނިމޭޝަނާއި ސްޕެޝަލް އިފެކްޓްސްގެ ކަންކަން ކުރުމަށް އޭއައިގެ ސަބަބުން ވަގުތާއި ބަޖެޓް ސަލާމަތްކުރެވިދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
އަބީޝެކް ބުނީ އޭއައި އިން އުފައްދާ ތަކެތި ފުރިހަމަ ކަމަށް ބެލެވުނު ނަމަވެސް، އޭގައި އިންސާނީ "ރޫހެއް" ނުވަތަ އިހުސާސެއް ނުހުންނާނެ ކަމަށެވެ. އަދި ފިލްމުތަކުން މީހުން ދެކެން ބޭނުންވަނީ ވެސް އިންސާނުންގެ ހުނަރު ކަމަށް އޭނާ ބުންޏެވެ.
އޭއައި ބޭނުންކޮށްގެން އުފައްދާ ވީޑިއޯތައް ސޯޝަލް މީޑިއާގައި މި ދުވަސްވަރު އާންމުއިރު، އަބީޝެކްގެ ފޭނުން ވަނީ އޭނާގެ ފިލްމުތައް ކަމަށްވާ "ގުރޫ" އާއި "ބްލަފްމާސްޓާ" އަދި "ދޫމް"ގައި އޭނާ ކުޅުނު ރޯލުތައް ހިމަނައިގެން ހަދާފައިވާ އޭއައި އެނިމޭޓެޑް ވީޑިއޯތަކެއް ހިއްސާކޮށްފަ އެވެ.
އަބީޝެކް ވެސް ވަނީ އޭގެ ވީޑިއޯ އިންސްޓަގްރާމްގައި ރީޕޯސްޓުކޮށްފަ އެވެ.
އަބީޝެކް އާއި އޭނާގެ އަންހެނުން އަދި އެކްޓްރެސް އައިޝްވާރިޔާ ރާއީ ވެސް ވަނީ އެމީހުންގެ ފޮޓޯ އާއި ވީޑިއޯ އޭއައި ބޭނުންކޮށްގެން ހަދާ މައްސަލަތަކެއް އިންޑިއާގެ ދިއްލީގެ ހައި ކޯޓަށް މިދިޔަ އަހަރު ހުށަހަޅައިފަ އެވެ.
އެ ދެމަފިރިން ވަކިވަކިން ހުށަހެޅި މައްސަލަތަކުގައި ވަނީ ހުއްދަ ނެތި އެމީހުންގެ ނަމާއި ފޮޓޯ އަދި އަޑު ވިޔަފާރިގެ ބޭނުމަށް ބޭނުންކުރާ ބައެއް ވެބްސައިޓުތަކާއި ޕްލެޓްފޯމްތައް ބަޔާންކޮށް، އެކަން ހުއްޓުވައިދިނުމަށް އެދިފަ އެވެ. އަދި އޭއައި އާއި ޑީޕްފޭކްގެ އެހީގައި އެމީހުންގެ ފޮޓޯ ބޭނުންކޮށްގެން ބޭއަދަބީ ފޮޓޯތައް ހަދައި ސޯޝަލް މީޑިއާގައި ދައުރުކުރަމުން ދާތީ، އެކަން މަނާކޮށްދިނުމަށް ވެސް ކޯޓުގައި އެދުނެވެ.
އެ މައްސަލަތަކުގައި އެ ދެމަފިރިން މައިގަނޑު ގޮތެއްގައި އެދިފައި ވަނީ "ޕާސަނަލިޓީ ރައިޓްސް" ނުވަތަ އަމިއްލަވަންތަކަމުގެ ހައްގުތައް ހިމާޔަތްކޮށްދިނުމަށެވެ.
އެހެންވެ، ދިއްލީ ހައި ކޯޓުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ އެ ދެމަފިރިންގެ ޕާސަނަލިޓީ ރައިޓްސް ކަށަވަރުކޮށްދިނުމުގެ ގޮތުން ހުއްދަ ނެތި އެމީހުންގެ ނަމާއި ފޮޓޯ އާއި އަޑު ނުވަތަ އެމީހުންނާ ވައްތަރު ސިފަތައް ވިޔަފާރިގެ ބޭނުމަށް ނުވަތަ އާންމުންނަށް އޮޅޭ ގޮތަށް ބޭނުންކުރުން މަނާކޮށް އަމުރެއް ނެރެފަ އެވެ.
އަބީޝެކް އެންމެ ފަހުން ކުޅުނު ފިލްމަކީ މިދިޔަ އަހަރު ޖުލައި މަހު ރިލީޒްކުރި "ކާލީދާރު ލާޕަތާ" އެވެ. އޭނާ ދެން އެންމެ އަވަހަށް ފެންނާނީ ސިދާތު އާނަންދު ޑައިރެކްޓްކުރާ "ކިންގް" އިންނެވެ. އަންނަ ޑިސެމްބަރު މަހު 26 ގައި ރިލިޒްކުރާ އެ ފިލްމުގައި އޭނާއާ އެކު ޝާހްރުކް ހާން، ސުހާނާ ހާން އަދި ދީޕިކާ ޕަދުކޯން ފެންނާނެ އެވެ.