ބޮލީވުޑްގެ ސެލެބްރިޓީ ކަޕުލް އައިޝްވާރިޔާ ރާއީ ބައްޗަން އާއި އަބީޝެކް ބައްޗަން ކައިވެނި ކުރިތާ 19 އަހަރު ފުރުން ފާހަގަކުރަމުން އަންނައިރު، އެމީހުންގެ ކައިވެނީގެ ބައެއް ސިއްރުތަކާއި އައިޝްވާރިޔާއާ ބެހޭ ގޮތުން އުފާވެރި ވާހަކަތަކެއް އަބީޝެކް ހިއްސާކޮށްފި އެވެ.
"ޑިކޭން ކްރޮނިކަލް"އަށް ދިން އިންޓަވިއުއެއްގައި އަބީޝެކް ބުނި ގޮތުގައި، އައިޝްވާރިޔާއަކީ ހަމައެކަނި އޭނާގެ ދަރިފުޅު އަރާދްޔާގެ މަންމައެއް ނޫނެވެ. އޭނާގެ ހަގީގީ "ސޯލްމޭޓް" އަކީ ވެސް އައިޝްވާރިޔާ އެވެ. ކައިވެނީގެ 19 އަހަރު ފާއިތުވެގެން ދިޔައީ ހުވަފެނެއް ފަދައިން ކަމަށް އޭނާ ސިފަކުރި އެވެ.
ކައިވެނީގައި އުފާވެރިކޮށް ދެމިތިބުމުގެ ސިއްރަކީ ކޮބައިތޯ ސުވާލު ކުރުމުން އަބީޝެކް ބުނީ "ކޮންމެ ރެއަކު ނިދުމުގެ ކުރިން، އެއްވެސް ޝަރުތަކާ ނުލައި އަނބިމީހާ ގާތު ތިން ފަހަރު 'ސޮރީ'އޭ ބުނުން" ކަމަށެވެ. މިއީ ދެމަފިރިންގެ ދެމެދުގައި ޖެހޭ ކުދިކުދި މައްސަލަތައް ހައްލުކޮށް ގުޅުން ބަދަހިކުރުމަށް އޭނާ ގެންގުޅޭ އުކުޅެކެވެ.
މި ދެތަރިން އެންމެ ފުރަތަމަ ބައްދަލުވީ 2000 ވަނަ އަހަރު "ދާއީ އަކްޝަރް ޕްރޭމް ކޭ"ގެ ސެޓުންނެވެ. ނަމަވެސް، އޭރު އެއީ އޭނާގެ ބައިވެރިޔާއަށް ވާނެ ކަމުގެ އެއްވެސް އިހުސާސެއް ނުކުރެވޭ ކަމަށް އަބީޝެކް ބުންޏެވެ.
އެމީހުންގެ މެދުގައި ލޯބީގެ ގުޅުން އުފެދުނީ އޭގެ އަހަރުތަކެއް ފަހުން "އުމްރާއޯ ޖާން"ގެ މަސައްކަތް ކުރަމުން އަންނަނިކޮށެވެ.
އަންނަ އަހަރު ފާހަގަކުރާ 20 ވަނަ ކައިވެނީގެ އަހަރީ ދުވަހަށް ބޮޑު ޕްލޭންތަކެއް އެބަހުރި ކަމަށާއި ނަމަވެސް އެއީ ކޮން ކަމެއްކަން މިވަގުތު ހާމަކުރަން ބޭނުންނުވާ ކަމަށް އަބީޝެކް ބުންޏެެވެ.
އަބީޝެކް އާއި އައިޝްވާރިޔާ ކައިވެނި ކުރީ އޭޕްރީލް 20، 2007 ގަ އެވެ. މި ދެތަރިންނަކީ ބޮލީވުޑްގައި އެންމެ މަގުބޫލު އެއް ޖޯޑެވެ. އަދި ގިނަ ބަޔަކު އެ ޖޯޑެއްގެ ވާހަކަ އެންމެ ގިނައިން ދައްކާ ދެ ތަރިންނެވެ.