ޗެކް ބައުންސްވި މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ބޮލީވުޑްގެ ކޮމެޑީ އެކްޓަރު ރާޖްޕަލް ޔާދަވް ކަފާލާތަށް 1.5 ކްރޯޑް ރުޕީސް (2.5 މިލިއަން ރުފިޔާ) ދެއްކުމުން އޭނާ މިއަދު ޖަލުން ދޫކޮށްލައިފި އެވެ. 

މި މައްސަލައަކީ 2010 ވަނަ އަހަރު ރާޖްޕަލް ޑައިރެކްޓް ކުރި އޭނާގެ ފުރަތަމަ ފިލްމު "އަތާ ޕަތާ ލާޕަތާ" އުފެއްދުމަށް މުރާލީ ޕްރޮޖެކްޓްސް ކިޔާ ކުންފުންޏަކުން ނެގި ފަސް ކްރޯޑް ރުޕީސްގެ ލޯނަކާ ގުޅުންހުރި މައްސަލައެކެވެ. އެ ފިލްމު ފްލޮޕްވުމާ ގުޅިގެން ލޯނު އަނބުރާ ދެއްކުމުގައި އޭނާއަށް ދަތިތަކާ ކުރިމަތިވި އެވެ. އިންޓްރެސްޓާއި ޖޫރިމަނާއާ އެކު، އޭނާ އަނބުރާ ދައްކަން ޖެހޭ އަދަދު މިހާރު ވަނީ ގާތްގަނޑަކަށް 9 ކްރޯޑް ރުޕީސްއަށް އަރައިފަ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ދިއްލީ ހައިކޯޓުން ރާޖްޕަލް ކަފާލާތުގެ ދަށުން މިއަދު މެންދުރު ފަހު ދޫކޮށްލީ މައްސަލަ ރައްދުވާ ކުންފުނީގެ ބޭންކް އެކައުންޓަށް 1.5 ކްރޯޑް ރުޕީސް ޖަމާކުރުމުންނެވެ. އެ ފައިސާ ޖަމާކޮށްފައިވާކަން އެ ކުންފުނީގެ ވަކީލު ކޯޓަށް ކަށަވަރުކޮށްދީފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.

އެ ފައިސާ ދެއްކުމުން ކޯޓުން ވަނީ އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމް އަންނަ މަހުގެ 18 ވަނަ ދުވަހާ ހަމައަށް ފަސްކޮށް، އޭނާ ވަގުތީ ގޮތުން ދޫކޮށްލުމަށް އަމުރުކޮށްފަ އެވެ.

އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެއް ލައްކަ ރުޕީސްގެ ބޮންޑެއް ބެހެއްޓުމަށާއި ކޯޓުން އަންގާ ގަޑިތަކަށް ހާޒިރުވުމަށް ޝަރުތުކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.

ރާޖްޕަލްއަށް ޖަލަށް ދާން ޖެހުނީ ފައިސާ ދައްކާނެ ކަމަށް އެތައް ފަހަރަކު ކޯޓުގައި ވައުދުވެ، އެ ވައުދުތަކާ ހިލާފުވުމުންނެވެ.

ރާޖްޕަލްގެ މާލީ ހާލަތު ގޯސްވުމުގެ ސަބަބުން ބޮލީވުޑްގެ ބައެއް ތަރިން ވަނީ އޭނާއަށް އެހީތެރިކަން ވެސް ދީފަ އެވެ. އޭނާގެ ވަކީލު ކުރިން ބުނި ގޮތުގައި، ޖުމްލަ ދަރަނީގެ ބޮޑު ބައެއް މިހާރު ވަނީ ދައްކާ ވެސް ނިމިފަ އެވެ.

މީގެ ކުރިން 2018 ވަނަ އަހަރު ދިއްލީގެ މެޖިސްޓްރޭޓް ކޯޓަކުން ވެސް ވަނީ މި މައްސަލައިގައި ރާޖްޕާލް އާއި އޭނާގެ އަންހެނުން ރާދާ ޔާދަވް ކުށްވެރިވާ ކަމަށް ކަނޑައަޅާ ހަ މަހަށް ޖަލަށް ލުމަށް ވެސް ހުކުމްކޮށްފަ އެވެ. ނަމަވެސް، ރާދާގެ ބަލި ހާލަތަށް ބަލައި އޭނާ ޖަލަށް ނުލުމަށް ކޯޓުން އޭރު ނިންމި އެވެ. އަދި 2019 ވަނަ އަހަރު ސެޝަންސް ކޯޓުން މި ހުކުމް ދަމަހައްޓާފައިވާއިރު، ފަހުން މި މައްސަލަ ހައި ކޯޓަށް ހުށަހެޅީ އެވެ. 

ހައި ކޯޓުން މިދިޔަ ޖޫން މަހު ވަނީ ހުކުމް ތަންފީޒުކުރުން ވަގުތީ ގޮތުން ފަސްކޮށް، ދެ ފަރާތުގެ މެދުގައި ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމަށް ފުރުސަތެއް ދީފަ އެވެ. ނަމަވެސް، ފައިސާ ދައްކާނެ ކަމަށް ރާޖްޕާލް ވެފައިވާ އެއްބަސްވުންތަކާ ތަކުރާރުކޮށް ހިލާފުވުމުން އެ މައްސަލައިގައި އޭނާ ތިހާރުގެ ޖަލަށް ލީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ.