އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ރޮބާޓް ޑުވާލް، އުމުރުން 95 އަހަރުގައި މިދިޔަ އާދިއްތަ ދުވަހު މަރުވެއްޖެ އެވެ.
"ދަ ގޯޑްފާދާ" އާއި "އެޕޯކަލިޕްސް ނައު" ކަހަލަ ކާމިޔާބު ފިލްމުތަކުން ފެނުނު ޑުވާލް މަރުވިކަން އޭނާގެ އަންހެނުން ލޫސިއާނާ ޑުވާލް ވަނީ ފޭސްބުކް މެދުވެރިކޮށް އިއްޔެ އިއުލާންކޮށްފަ އެވެ.
ޑުވާލްއަކީ އޭނާ ކުޅުނު ކޮންމެ ރޯލަކަށް ވެސް ވަރަށް ބޮޑަށް ފަރުވާތެރިވެ، އެ ކެރެކްޓާއެއްގެ ހަގީގަތް ދައްކުވައިދިނުމަށް މަސައްކަތްކުރި އެކްޓަރެކެވެ. އޭނާ އެންމެ ބޮޑަށް މަޝްހޫރުވެފައި ވަނީ "ދަ ގޯޑްފާދާ"ގައި އޭނާ ކުޅުނު ޓޮމް ހޭގަންގެ ރޯލުންނެވެ. "ދަ ގްރޭޓް ސަންޓީނީ"ގައި އޭނާ ކުޅުނު ލެފްޓިނަންޓް ކާނަލް ބުލް މީޗަމްގެ ރޯލު ވެސް ގިނަ ބަޔަކަށް ކަމުދިޔަ އެވެ.
"ޓެންޑާ މާސީސް"ގައި ޑުވާލް ކުޅުނު ރޯލުން އޭނާއަށް އެންމެ މޮޅު އެކްޓަރުގެ އޮސްކާ އެވޯޑް ވެސް ލިބުނެވެ.
"އެޕޯކަލިޕްސް ނައު"ގައި އޭނާ ބުނި "އައި ލަވް ދަ ސްމެލް އޮފް ނެޕެލަމް އިން ދަ މޯނިން"އަކީ ސިނަމާގެ ތާރީހުގައި ވަރަށް ފާހަގަކޮށްލެވޭ ލެޖެންޑަރީ ޑައިލޮގެކެވެ.
ޑުވާލް އުފަންވީ އެމެރިކާގެ މެރީލޭންޑްގެ އެނަޕޮލިސްއަށެވެ. އޭނާގެ ބައްޕައަކީ އެމެރިކާގެ ނޭވީގެ އެޑްމިރަލެކެވެ. އެކްޓިންގެ ދާއިރާއަށް ނުކުތުމުގެ ކުރިން އޭނާ ވަނީ އެމެރިކާގެ އަސްކަރިއްޔާގައި ހިދުމަތްކޮށްފަ އެވެ. ނިއު ޔޯކްގައި އެކްޓިން ކިޔަވަން އުޅުނު ދުވަސްވަރު އޭނާއަކީ މަޝްހޫރު އެކްޓަރުން ކަމަށްވާ ޑަސްޓިން ހޮފްމަން އާއި ޖީން ހެކްމަންގެ ގާތް އެކުވެރިއެކެވެ.
ޑުވާލް ވަނީ 100 އަށް ވުރެ ގިނަ ފިލްމުގައި މަސައްކަތްކޮށްފަ އެވެ. އޭނާ ހަތް ފަހަރެއްގެ މަތިން އޮސްކާ އެވޯޑަށް ނޮމިނޭޓްވި އެވެ. އެކްޓުކުރުމުގެ އިތުރުން އޭނާއަކީ އަމިއްލައަށް ފިލްމު ލިޔެ އަދި ޑައިރެކްޓްކޮށްފައިވާ ފަންނާނެކެވެ. އޭނާއަކީ ޓެންގޯ ނެށުމަށް ވެސް ވަރަށް ލޯބިކުރި މީހެކެވެ.
މި ޚަބަރާ ގުޅިގެން ހޮލީވުޑްގެ ވަރަށް ގިނަ ތަރިން ދަނީ ހިތާމަ ފާޅުކުރަމުންނެވެ. ހޮލީވުޑްގެ ތަރި އެޑަމް ސޭންޑްލާ ސިފަކުރި ގޮތުގައި ޑުވާލްއަކީ "ދުނިޔެ ދުށް އެންމެ މޮޅު އެކްޓަރުންގެ ތެރެއިން އެކަކު" ކަމަށެވެ.