މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ރޭގެ ޝޯ މައިންބައިފައިންނަށް ހާއްސަ ކުރި އިރު، އެންމެ ބޮޑަށް ފާހަގަ ކުރެވުނު އެއް ހުށަހެޅުމަކަށް، އެ ޝޯގެ އަންހެން ޖަޖް މަރިޔަމް އުނޫޝާ (ކިޑީ)، އޭނާގެ މަންމަ އަދި ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ފާތުމަތު ޝަފީގާއާ އެކު ހުށަހެޅި ލަވަ ވަރަށް ގިނަ ބަޔަކަށް ކަމުހިނގައްޖެ އެވެ.

އެ ދެމައިން ސްޓޭޖް މަތީގައި ހުށަހެޅި ލަވަ އަކީ މީގެ ކުރިން ވެސް ޝަގީފާ އާއި ކިޑީގެ އަޑުން ވެސް ކިޔާފައި ވަނިކޮށް އިވިފައިވާ މަޝްހޫރު ލަވައެއް ކަމަށްވާ "ދެއްވި ފަރުވާއާ ޝިފާއޭ މޭގަވީ" އެވެ.

މިއީ ޝަފީގާ އެންމެ ފުރަތަމަ ސްޓޭޖެއްގެ މަތީގައި ހުށަހަޅައި ދިން ލަވަ ވެސް މެ އެވެ.

ކުރީގެ މަޝްހޫރު ބޭންޑް ގެލެކްސީއާ އެކު ޝަފީގާ ވަނީ އެފަދަ އެތައް ހިތްގައިމު ލަވައެއް، އެހުންތެރިންނަށް ދޫކޮށްލައިފަ އެވެ. އަދި މިއުޒިކް ލެޖެންޑުން ފެނިގެންދާ އޮލިމްޕިއަންސްއާ އެކު ވެސް އޭނާގެ ލަވަތައް މިހާރު ވެސް ދޭތެރެދޭތެރެއިން އިވެ އެވެ.

ރޭގެ ޝޯ މައިންބައިންނަށް ހާއްސަ ކުރިއިރު، ޝަފީގާ ވަނީ ޖަޖިން ޕެނެލްގައި ހާއްސަ މެހުމާނެއްގެ ގޮތުން ކިޑީއާ އެކު، ބައިވެރިން ހުށަހަޅައި ދިން ލަވަތަކަށް އިންސާފުކޮށް ދީފަ އެވެ.

މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ އަށް ބައިވެރިން ވެސް ރޭ މުޅިން ހުށަހެޅީ އެ މީހުންގެ މައިންބަފައިންނަށް އެންމެ ހާއްސަ ލަވަތަކެވެ. އެގޮތުން ބައިވެރިންގެ މަންމަ އާއި ބައްޕަ އަށް އެންމެ ކަމުދާ ލަވަތައް ހުށަހަޅައި ދީގެން، ރޭ ވަނީ ޝޯ ވަރަށް ބޮޑަށް އިމޯޝަނަލްކޮށްފަ އެވެ.

ރޭގެ ޝޯ އިން ފާހަގަކޮށްލެވުނު އެއް ކަމަކީ ގިނަ ބައިވެރިންގެ މައިންބަފައިން ފެނިގެން ދިއުމެވެ.

ޓީވީއެމުން ގެނެސްދޭ މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއް މިހާތަނަށް އައި އިރު، މިހާރު ޝޯގައި ތިބީ ގަދަ އަށް ބައިވެރިންނެވެ.

މޯލްޑިވިއަން އައިޑޮލް 2 ގެ ގަދަ އަށެއް:

1. މުހައްމަދު ތަސްނީމް (ބޮބް) 2. އިބްރާހީމް ވަހީދު (ބޮޑުބެ) 3. ޝަމްވީލް މުހައްމަދު (ބޮރޯ) 4. ހަމޫދު އަހުމަދު (އަލްވިން) 5. އަހުމަދު ނަބީލް މުހައްމަދު 6. އަބްދުﷲ ހިޝާން 7. އަހުމަދު ފަރަޝް 8. އައިޝަތު ޖައިޝާ ވަހީދު (ޖައި)

މި ބައިވެރިންނަށް އެސްއެމްއެސް ކުރުމުގެ ފުރުސަތު މިއަދު މެންދުރު ފަހު 3:00 ހަމައަށް ހުޅުވާލައިފައިވާ އިރު، މި ރޭގެ ޝޯ ވެގެން ދާނީ ޑަބަލް އެލިމިނޭޝަން ފެނިގެން ދާނެ ފުރަތަމަ ރެއަށެވެ.

މާނައަކީ ގަދަ އަށް ބައިވެރިންގެ ތެރެއިން ދެ ބައިވެރިއަކު މޯލްޑިވިއަން އައިޑޮލް އިން އަލްވަދާއު ކިޔާނެ އެވެ. އެއާ އެކު ދެން ޝޯގައި ބާކީ ތިބޭނީ ގަދަ ހަ ބައިވެރިންނެވެ.

ގަދަ އަށަކަށް ބަލާ އިރު، ބައިވެރިންގެ ތެރޭގައި މިހާރު ހުރީ އެންމެ އަންހެން ބައިވެރިއެއްކަން ވެސް ފާހަގަކޮށްލެވެ އެެވެ.