ބޮލީވުޑްގެ ބްލެކް އެންޑް ވައިޓް ފިލްމުތަކުގެ ޒަމާނުގައި، ފަންސާހުގެ އަހަރުތަކުގައި ވިދާލި އެކްޓްރެސް މަދުބާލާގެ ހަޔާތަށް ހަދާ ފިލްމުގައި އޭނާގެ ރޯލު ކުޅުމަށް ޒުވާން އެކްޓްރެސް އަނީތު ޕައްޑާ ސޮއިކޮށްފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ. 

ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސްކުރާ އެ ފިލްމާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ގިނަ ބަހުސްތަކެއް ކުރެވެމުންދާ މި ދަނޑިވަޅުގައި "ފިލްމުފެއާ" އިން މިއަދު ރިޕޯޓްކުރި ގޮތުގައި، އެ ރޯލަށް މިހާރު ވަނީ އަނީތު ހަމަޖައްސައިފަ އެވެ.

މަދުބާލާ ކަހަލަ ލެޖެންޑަރީ ތަރިއެއްގެ ރޯލު ކުޅުމަށް އަނީތު ހަމަޖެއްސުމަކީ އޭނާގެ ކެރިއަރަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި އެ ފިލްމުގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުން އަންނައިރު، އިތުރު ކާސްޓުންގެ މައުލޫމާތު ކުރިއަށް އޮތް ތަނުގައި ހާމަކުރާނެ ކަމަށް ބެލެވޭ ކަމަށް ވެސް ފިލްމްފެއާގައި ބުންޏެވެ.

މީގެ ކުރިން ކިއާރާ އަދުވާނީ އެ ރޯލު ކުޅޭނެ ކަމަށް އަޑު ފެތުރުނު ނަމަވެސް، އެ ވާހަކަތައް މިހާރު ވަނީ ދޮގުކޮށްފަ އެވެ.

އަނީތު އެންމެ ފަހުން ކުޅުނީ، އަހާން ޕާންޑޭއާ އެކު އޭނާގެ ފުރަތަމަ ފިލްމު "ސައްޔާރާ" އެވެ. ޔާޝް ރާޖް ފިލްމްސް އިން މިދިޔަ އަހަރު ގެނެސްދިން އެ ފިލްމަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު ލޯބީގެ ފިލްމެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބުނެވެ. 

މަދުބާލާގެ ހަޔާތަށް ހަދާ ފިލްމު ޑައިރެކްޓް ކުރަނީ ނެޓްފްލިކްސްގެ "ޑާލިންގްސް" އިން މަގުބޫލުކަން ހޯދި ޖަސްމީތު ކޭ ރީން އެވެ. މި ފިލްމުގެ ސްކްރިޕްޓް ވެސް ލިޔަނީ އޭނާ އެވެ.

މި ފިލްމުގައި ދައްކާނީ މަދުބާލާގެ ދިރިއުޅުމާއި ފިލްމީ ދާއިރާގައި އޭނާއަށް މަޝްހޫރުކަން ލިބި ކުރިއަރައިގެން ދިޔަ ގޮތެވެ. 

މަދުބާލާ ނުވަތަ އޭނާގެ އަސްލު ނަމުން ނަމަ، މުމްތާޒް ޖެހާން ބޭގަމް ދެލާވީ އަކީ އިންޑިއާ ސިނަމާގެ ރަން އަހަރުތަކުގެ ގޮތުގައި ފާހަގަކުރާ 1940-1960 އާ ދެމެދުގެ އަހަރުތަކުގައި އެންމެ މަޝްހޫރުވި އެކްޓްރެސް އެވެ. މަދުބާލާގެ ރީތިކަމާއި މޮޅު އެކްޓިންނާއި ހުނަރުން ގިނަ ބަޔަކު އޭނާގެ ޖާދޫގައި ޖެއްސި އެވެ.

އޭނާގެ އެންމެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "މުގަލް އޭ އާޒަމް" އާއި "ޗަލްތީ ކާ ނާމް ގާޑީ" އާއި "މަހަލް" އަދި "ބަރްސާތު ކީ ރާތު" ހިމެނެ އެވެ.

އުމުރުން އެންމެ 36 އަހަރުގައި 1969 ވަނަ އަހަރު މަދުބާލާ މަރުވީ ސިއްހީ އެކި މައްސަލަތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށް ފަހުގަ އެވެ.