ބޮލީވުޑްގެ ކުރީގެ މަޝްހޫރު ތަރި މަދޫބާލާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ ލީޑު ރޯލަށް ސާރާ އަރުޖުން ހަމަޖައްސަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. 

ރިޕޯޓްތައް ބުނި ގޮތުގައި، ހިންދީ ސިނަމާގެ "އެވަގްރީން" ނުވަތަ ރީތިކަމުގެ މިސާލެއްގެ ގޮތުގައި ބެލެވޭ މަދޫބާލާގެ ބަޔޮޕިކްއާ މެދު އުފެދިފައިވާ ޝައުގުވެރިކަން މިވަގުތު ވަރަށް ބޮޑެވެ. އަދި އެ ރޯލު ކުޅުމުގެ ފުރުސަތު ލިބޭނެ ކަމަށް މިހާރު އެންމެ ބޮޑަށް ބެލެވޭ ފަންނާނަކީ މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ "ދުރަންދަރު" އިން ބޮޑު މަގުބޫލު ކަމެއް ހޯދި ސާރާ އެވެ.

މި ބޮޑު ފިލްމު ޕްރޮޑިއުސް ކުރަނީ މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އެވެ. އަދި މި ފިލްމު ޑައިރެކްޓް ކުރާނީ ޖަސްމީތު ކޭ ރީން އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މި ފިލްމުގެ މަސައްކަތް މިހާރު އޮތީ "ޕްރީ-ޕްރޮޑަކްޝަން" މަރުހަލާގަ އެވެ. އަދި މި އަހަރު ފަހުކޮޅު ފިލްމުގެ ޝޫޓިން ފަށާނެ ކަމަށް ބެލެވެ އެވެ.

މި ފިލްމުގައި 50 އާއި 60 ގެ އަހަރުތަކުގެ ރީތި މަންޒަރުތަކާ އެކު، މަދޫބާލާގެ ފިލްމީ ކެރިއަރާއި އޭނާގެ ޒާތީ ދިރިއުޅުމާއި ލޯބީގެ ގުޅުންތަކުގެ އިތުރުން ޒުވާން އުމުރުގައި އޭނާ ވަކިވެދިޔަ ހިތާމަވެރި ގޮތް ވަރަށް ފުރިހަމައަށް ދައްކުވައިދޭނެ އެވެ.

މަދޫބާލާ ކަހަލަ ވަރުގަދަ ޝަހުސިއްޔަތެއްގެ ރޯލު ކުޅުމަކީ ބޮޑު ގޮންޖެހުމަކަށް ވާތީ، ސާރާ ޖެހޭނީ މަދޫބާލާގެ ހަރަކާތްތަކާއި ވާހަކަދެއްކުމުގެ ވައްޓަފާޅި އަދި ސްކްރީނުގައި ހުންނަ ޖާދުވީ ސިފަ ގެނައުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަން ކަމަށް ރިޕޯޓްތައް ބުންޏެވެ.

މީގެ ކުރިން ކިއާރާ އަދްވާނީ އާއި އަނީތު ޕައްޑާ ކަހަލަ ތަރިން މި ރޯލު ކުޅެން ހަމަޖެއްސި ކަމަށް އަޑު ފެތުރު ނަމަވެސް، މިހާރު އެންމެ ފުރުސަތު ބޮޑީ ސާރާ އަށެވެ.

މިކަމާ ގުޅޭ ގޮތުން ފިލްމު އުފައްދާ ފަރާތުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ. 

ސާރާއަކީ ބޮލީވުޑާއި ދެކުނު އިންޑިއާގެ ސިނަމާގެ އެކްޓަރު ރާޖް އަރުޖުންގެ ދަރިފުޅެވެ.