ކާމިޔާބު ފިލްމުތަކެއް ކުޅުމަށް ފަހު، ބޮލީވުޑްގެ ތަރި ވަރުން ދަވަން އެކްޓިންއާ ދުރަށް ޖެހިލަން ނިންމައިފި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ވަރުންގެ މި ނިންމުން އައިސްފައި ވަނީ އޭނާގެ އެންމެ ފަހުގެ ފިލްމު "ބޯޑާ 2" އަށް ބޮޑު ތަރުހީބެއް ލިބި، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

ފިލްމްފެއާގެ ރިޕޯޓެއްގައި ބުނީ ވަރުން ބްރޭކް ނަގަން ނިންމީ އޭނާގެ ދަރިފުޅު ލާރާއާ އެކު ގިނަ ވަގުތު ހޭދަކުރުމުގެ ބޭނުމުގައި ކަމަށެވެ.

ވަރުން އާއި އޭނާގެ އަންހެނުން ނަތާޝާ ދަލާލްއަށް ލާރާ ލިބުނީ 2024 ވަނަ އަހަރުގެ ޖޫން މަހުގަ އެވެ.

ވަރުން ކުރިން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި، ފިލްމީ މަސައްކަތްތަކުގައި ބިޒީވުމުގެ ސަބަބުން ދަރިފުޅުގެ ކަންކަމުގައި ބައިވެރިވުމަށް އުނދަގޫވެ އެވެ. އަދި މިހާރު ބޭނުންވަނީ ދަރިފުޅު ބޮޑުވަމުން އަންނަ މަންޒަރު ގާތުން ދެކި، އާއިލާއަށް އިސްކަންދޭށެވެ. 

މިދިޔަ ޖެނުއަރީ މަހު ރިލީޒްކުރި "ބޯޑާ 2" އަކީ މިހާތަނަށް އިންޑިއާގައި އުފެއްދި އެންމެ ކާމިޔާބު ހަނގުރާމަ މަތީ ފިލްމެވެ. އެ ފިލްމުގައި ވަރުން ކުޅުނު މޭޖާ ހޯޝިއާ ސިންގްގެ ރޯލަށް ކްރިޓިކުންނާއި ބެލުންތެރިންގެ ތައުރީފު ލިބިފައިވެ އެވެ.

ބްރޭކަށް ދިއުމުގެ ކުރިން ވަރުންގެ އެންމެ ފަހު ފިލްމެއްގެ ގޮތުގައި ފެންނާނީ އޭނާގެ ބައްޕަ ޑޭވިޑް ދަވަން ޑައިރެކްޓްކުރާ "ހޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ" އެވެ. އެ ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހު 12 ގަ އެވެ.

އޭނާ ބޮލީވުޑަށް ތައާރަފުވީ ކަރަން ޖޯހަރުގެ "ސްޓޫޑެންޓް އޮފް ދި އިޔާ" އިން 2012 ވަނަ އަހަރު އެވެ.