މަޝްހޫރު ފިލްމީ ބަތަލާ ޖޫހީ ޗައުލާ ބުނާ ގޮތުގައި އޭނާގެ ދެ ދަރިން ކަމަށްވާ އަރްޖުން އާއި ޖާންވީ، ފިލްމީ ދުނިޔެއަށް ވަނުމުގެ އެއްވެސް ވިސްނުމެއް ނެތެވެ. ނަމަވެސް އެ ކުދިން ބޮލީވުޑަށް ވަންނަން ބޭނުންވެއްޖެ ނަމަ އޭނާ ވަރަށް އުފާކުރާނެ ކަމަށް ބުންޏެވެ.

ވިޔަފާރިވެރިއެއް ކަމަށްވާ ޖޭ މެހެތާ އާއި ޖޫހީގެ ކައިވެންޏަށް ދެ ދަރިން ލިބިފައިވާއިރު އަންހެން ދަރިފުޅު ޖާންވީ އަކީ ކިޔަވަން ވަރަށް މޮޅު އަދި ވިސްނުން ތޫނު ކުއްޖެއް ކަމަށް ޖޫހީ ބުނެ އެވެ. އައިޖީސީއެސްއީ އިމްތިހާނުގައި މުޅި އިންޑިޔާއިން ހިސްޓްރީ މާއްދާއިން އެއް ވަނަ ހޯދީ ޖާންވީ އެވެ.

"އަރްޖުން އަކީ އޯލް-ރައުންޑާއެއް. އޭނާ ވަރަށް މަޖާ ވައްތަރު މޫނަށް ޖައްސާނެ. އެކަމަށް އޭނާ ވަރަށް މޮޅު،" ޖޫހީ ބުންޏެވެ.

"ނަމަވެސް އަދި ވަރަށް ލަދުން އުޅެނީ. އަހަރެންގެ ދަރިން ފިލްމީ ދުނިޔެއަށް ވަންނަން ބޭނުންވެއްޖެ ނަމަ ވަރަށް އުފާވާނެ. އެކަމަކު މިވަގުތު އެމީހުން އެކަމަކާ ނުވިސްނާ."

ޖޫހީ މިހާރު މާ ގިނަ ފިލްމުތަކެއް ނުކުޅެ އެވެ. އެކަށީގެންވާ ރަނގަޅު ރޯލުތަކެއް ވެސް ނުލިބެ އެވެ. މިހާރު ޖޫހީގެ އުމުރުގެ ބަތަލާއިންނަށް ގިނައިން ލިބެނީ ޒުވާން އެކްޓަރުންގެ މަންމަގެ ރޯލެވެ. ނަމަވެސް މިފަދަ ރޯލުތައް ގަބޫލުކުރުމަކީ ޖޫހީ ފަދަ ބަތަލާއިންނަށް އެހާ ފަސޭހަ ކަމަކަށް ނުވެ އެވެ.

މިވަގުތު ޖޫހީ މަސައްކަތް ކުރަނީ އެޕިކް ޗެނަލްގެ ޓީވީ ޝޯ "ޝަރަނަމް"ގެ ނެރޭޓާއެއްގެ ގޮތުގަ އެވެ.