ބޮލީވުޑްގެ މަޝްހޫރު ނެށުންތެރިޔާ ނޯރާ ފަތޭހީގެ އާ ލަވަ "ސަރްކޭ ޗުނަރު ތޭރީ ސަރްކޭ"ގެ މައްސަލަ ބޮޑުވެ އެ ލަވަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ޑިލިޓްކޮށްފި އެވެ.

ނޯރާގެ އިތުރުން ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތު ވެސް ފެންނަ އެ ލަވައިގެ މައްސަލަ އިންޑިއާގައި ވަނީ ވަރަށް ހޫނުވެފަ އެވެ. އެއީ އަންނަ މަހު ރިލީޒްކުރާ ކަންނަޑާ ފިލްމު "ކޭޑީ - ދަ ޑެވިލް"ގެ ލަވައެކެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ ލަވަޔާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވީ އޭގެ ލިރިކްސްގައި ބަދުއަހުލާގީ ވާހަކަތަކެއް ހުރުމުންނެވެ. ގިނަ ބަޔަކު ބުނި ގޮތުގައި، އެ ލަވައިގެ ހިންދީ ވާޝަންގައި ހުރީ ޖިންސީ އަމަލުތަކަށް އިޝާރާތްކުރާ ފަދަ ހަޑިހުތުރު މާނަތަކެކެވެ.

މީގެ އިތުރުން، އެ ލަވައިގެ ނެށުންތަކަކީ ވެސް އާންމު އިޖުތިމާއީ މިންގަނޑަށް ނުފެތޭ ފަދަ ނެށުންތަކެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެ ލަވަޔާ ދެކޮޅަށް ބޮޑު ކެމްޕޭނެއް ވަނީ ފަށައިފަ އެވެ.

މި މައްސަލަ އިތުރަށް ސީރިއަސްވީ، އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ދަށުގެ، ލޯކް ސަބާގައި ވެސް މި ލަވައާ ގުޅިގެން މެމްބަރުން ކަންބޮޑުވުން ފާޅުކުރުމުންނެވެ.

އިންޑިއާގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓަރު އަޝްވިނީ ވައިޝްނޯ ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އޭގެ ޒާތުގައި ވަކި ހުދޫދެއްގެ ތެރޭގައި އޮންނަން ޖެހޭ އެއްޗެއް ކަމަށާއި މުޖުތަމައުގެ އަހުލާގީ މިންގަނޑުތައް ހިފަހައްޓަން ޖެހޭނެ ކަމަށެވެ.

މައްސަލަ ބޮޑުވުމުން މިހާރު މި ލަވަ ވަނީ ޔޫޓިއުބުން ވެސް ނަގައިފަ އެވެ.

މިކަމާ ގުޅިގެން ނޯރާ އޭނާގެ އިންސްޓަގްރާމްގައި އިއްޔެ ޕޯސްޓުކުރި ވީޑިއޯއެއްގައި ބުނީ އޭނާ މި ލަވަ ކުޅުނީ މީގެ ތިން އަހަރު ކުރިން ކަންނަޑާ ބަހުން ކަމަށާއި، އޭރު ޑައިރެކްޓަރު ކިޔައިދިން މާނައިގައި އެއްވެސް ގޯހެއް ނެތް ކަމަށެވެ. ނަމަވެސް، މިހާރު ނެރުނު ހިންދީ ވާޝަންގައި ހުރި ހަޑިހުތުރު ލަފްޒުތަކުގެ އެއްވެސް މައުލޫމާތެއް އޭނާއަށް ދީފައި ނުވާ ކަމަށް ބުންޏެވެ.

ފިލްމުގެ ޕްރޮމޯޝަންގައި އޭނާގެ ހުއްދަ ނެތި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ ފޮޓޯތަކެއް ބޭނުންކޮށްފައި ވާތީ އެކަމާ ގުޅިގެން ވެސް ނޯރާ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މި މައްސަލަ ޖެހުމުން ނޯރާ ވަނީ އެ ލަވަ ޕްރޮމޯޓް ކުރުން ވެސް ހުއްޓާލައިފަ އެވެ. 

ރިޕޯޓްތައް ބުނި ގޮތުގައި، އިންޑިއާގެ ނޭޝަނަލް ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ މި ލަވައިގެ ސަބަބުން ކުޑަކުދިންނާއި އަންހެނުންގެ އިހުތިރާމަށް އުނިކަން އަންނަ ކަމަށް ބުނެ ފިލްމު އުފެއްދި ފަރާތްތަކަށް ނޯޓިސް ފޮނުވައިފަ އެވެ.