ބޮލީވުޑްގެ ތަރި މަލައިކާ އަރޯރާ، އިންޑިއާގެ މުމްބާއީގައި ހުންނަ އޭނާގެ އަގުބޮޑު އެޕާޓްމަންޓު ކުއްޔަށް ދީފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ އެޕާޓްމަންޓް ކުއްޔަށް ދީފައި ވަނީ ތިން އަހަރު ދުވަހުގެ މުއްދަތަކަށް، ޖުމްލަ 1.17 ކްރޯޑް ރުޕީސް އަށެވެ.
ޕްރޮޕަޓީ ރެޖިސްޓްރޭޝަން ލިޔެކިޔުންތަކާ ހަވާލާދީ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މުމްބާއިގެ ބެންޑްރާ ވެސްޓްގެ ކާޓަ ރޯޑް ކައިރީގައި ހުންނަ "ވީދާ" ނަމަކަށް ކިޔާ އިމާރާތުގައި ހުރި އެ އެޕާޓްމަންޓު ކުއްޔަށް ހިފާފައި ވަނީ އަދިތީ ރާއޯ ނަމަކަށް ކިޔާ އަންހެނެކެވެ.
އެއީ ބެންޑްރާގައި ހުންނަ މަލައިކާގެ ދެ އެޕާޓްމަންޓުގެ ތެރެއިން އެއް ތަނެވެ. އޭނާ ދިރިއުޅެނީ ދެން ހުރި އެޕާޓްމަންޓުގަ އެވެ.
އެއްބަސްވުމުގައިވާ ގޮތުން އެ އެޕާޓްމަންޓްގެ ކުލިން ފަސް ޕަސެންޓް ކޮންމެ އަހަރަކު ބޮޑުކުރާނެ އެވެ.
ފުރަތަމަ އަހަރު މަހަކު 3.10 ލައްކަ ރުޕީސް އާއި ދެވަނަ އަހަރު މަހަކު 3.25 ލައްކަ ރުޕީސް އަދި ތިންވަނަ އަހަރު މަހަކު 3.41 ލައްކަ ރުޕީސް ދައްކަން އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.
މި މަހުގެ 18 ވަނަ ދުވަހު ރަޖިސްޓްރީކޮށްފައިވާ އެ މުއާމަލާތުގެ ދަށުން ކުއްޔަށް ހިފި ފަރާތުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 20 ލައްކަ ރުޕީސް ދައްކާފައިވެ އެވެ.
މަލައިކާގެ އިތުރުން ބޮލީވުޑްގެ ތަރި ސާރާ އަލީ ހާން ވެސް ވަނީ އޭނާގެ އޮފީސް ޖާގައެއް ބޮޑު އަގެއްގައި މި މަހު ކުއްޔަށް ދީފަ އެވެ.
ބެންޑްރާއަކީ ސަލްމާން ހާން، ޝާހްރުކް ހާން އަދި އާމިރު ހާން ކަހަލަ ބޮލީވުޑްގެ މަޝްހޫރު ތަރިން ދިރިއުޅޭ، މުމްބާއީގެ އެންމެ އަގުބޮޑު އެއް ސަރަހައްދެވެ.