އޭނާގެ ފިލްމީ ކެރިއަރު ފެށި ދުވަސްވަރު ކުލި ނުދެއްކިގެން ކާރެއްގައި ވެސް ދިރިއުޅެން ޖެހުނު ކަމަށް އިންޑިއާގެ އެކްޓަރު ރޯނިތު ރޯއީ ބުނެފި އެވެ.

އިންޑިއާގެ މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ ލެހްރަން ރެޓްރޯ އަށް މި ހަފުތާގައި ދިން އިންޓަވިއުއެއްގައި ރޯނިތު ވަނީ އޭނާގެ ކެރިއަރު ފަށައިގެން މިއަދާ ހިސާބަށް އައުމުގައި ތަޖުރިބާކުރަން ޖެހުނު ވަރަށް ގިނަ ކަންކަން ހިއްސާކޮށްފަ އެވެ.

ރޯނިތު އަކީ ސްޓާ ޕްލަސްގެ މަޝްހޫރު ޑްރާމާ "ކަސޯޓީ ޒިންދަގީ ކީ ކޭ"ގައި އޭނާ ކުޅުނު ބަޖާޖުގެ ރޯލުން ގިނަ ބައެއްގެ ލޯބި ހޯދި އެކްޓަރެވެ. އޭނާ ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްވަރަކީ ވެސް އެއީ އެވެ.

އެ އިންޓަވިއުގައި ރޯހިތު ބުނީ ބަޖާޖުގެ ރޯލު ލިބުމުގެ ކުރިން އޭނާ ދިރިއުޅުނީ ވަރަށް ދަތި އުނދަގުލުގައި ކަމަށެވެ. ގޭގެ ކުއްޔަށް ދައްކާނެ ފައިސާ ނެތިގެން ގިނަ ދުވަސްތަކެއް ވަންދެން ކާރެއްގައި ދިރިއުޅެން ޖެހުނު ކަމަށް ވެސް އޭނާ ބުންޏެވެ.

އިންޑިއާގެ އެކްޓަރު ރޯނިތު ރޯއީ.
އިންޑިއާގެ އެކްޓަރު ރޯނިތު ރޯއީ.

އެ ދުވަސްވަރަކީ އޭނާ އެންމެ ފުރަތަމަ ކުޅުނު ފިލްމު "ޖާން ތޭރޭ ނާމް" އަށް ފަހު މަސައްކަތެއް ނެތި ދިޔަ ދުވަސްވަރެވެ. އެ ފިލްމު ކާމިޔާބުވި ނަމަވެސް، އޭނާ އަށް އަލުން މަސައްކަތެއް ނުލިބި ގިނަ ދުވަސްތަކެއްވި އެވެ. އަދި އެ ދުވަސްވަރު އޭނާ ރަލަށް ދެވިހިފުމުން، ގާތް މީހުން އޭނާއާ ވަރަށް ބޮޑަށް ގުޅުން ހީނަރުވި އެވެ.

"އެއްވެސް މީހަކު އަހަންނަށް އެހީއެއް ނުވޭ. ސުވާލެއް ވެސް ނުކުރޭ، ގޭގައިތޯ އުޅެނީ، ކައިގެންތޯ އުޅެނީ ވެސް. ގެއަކު ވެސް ނޫން، އަހަރެން ދިރިއުޅުނީ ކާރެއްގައި. ހުރިހާ އަންނައުނެއް ސޫޓް ކޭސަކަށް އަޅައިގެން ކާރަށް އަރުވައިގެން ގެންގުޅުނީ. ކުލި ދެއްކޭނެ ގޮތެއް ނެތިގެން ކުރިން އުޅުނު ގެއިން ނުކުންނަން ޖެހުނީ. އެހެން މީހެއްގެ ގެއަށް ގޮސް އަހަރެން އުޅޭނެ ތަނެއް ދޭށޭ ބުނާކަށް ނުކެރުނު. އެކަންވީ ލަދުވެތި ކަމަކަށް،" އޭނާ ބުންޏެވެ.

"އަހަރެން ފެންވަރާއި ފާހާނަ ކުރަން ބައެއް ފަހަރު ދިޔައީ ޖޫހޫގައި ހުންނަ ހޮޓެލްތަކުގެ ފާހާނާ އަށް. ނޫނީ ޕަބްލިކް ފާހާނާތަކަށް."

"ކަސޯޓީ" އިން ލިބުނު މަޝްހޫރު ކަމަށް ފަހު ރޯނިތު ވަނީ އޭރު އެންމެ މަޝްހޫރުވި އެހެން ޑްރާމާއެއް ކަމަށްވާ "ކިޔުކީ ސާސް ބީ ކަބީ ބަހޫ ތީ"ގައި ވެސް މުހިންމު ރޯލެއް ކުޅެފަ އެވެ. އޭގައި ކުޅުނު މިހީރް ވިރާނީގެ ރޯލުން ވެސް ގިނަ ބައެއްގެ ލޯބި އޭނާއަށް ލިބުނެވެ.

އެ ޑްރާމާ ނިމުނު ފަހުން 2010 ވަނަ އަހަރު ރޯނިތު ވަނީ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ވިކްރަމައަދިތުޔަ މޮތުވާނީގެ ފިލްމު "އުޑާން"ގެ ރޯލެއް ކުޅެފަ އެވެ. އެއީ ވެސް ވަރަށް ކާމިޔާބު ފިލްމެކެވެ.

އޭގެ ފަހުން ވެސް ރޯނިތު ވަނީ އެކި ޑްރާމާތަކާއި ފިލްމުތަކުގައި މަސައްކަތްކޮށްފަ އެވެ. އަދި މިހާރު ވެބް ސީރީޒްތަކުން ވެސް އޭނާ ފެނެ އެވެ.