ބޮލީވުޑް އަދި ހޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާ.
08 މާޗް 2025 - 09:04
ޕްރިޔަންކާ ޗޯޕްރާ، އިންޑިއާގެ މުމްބާއީގައި ހުންނަ އޭނާގެ ހަތަރު ފްލެޓު ބޮޑު އަގުގައި ވިއްކާލައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މުމްބާއީގެ ރެސިޑެންސް އިމާރާތެއް ކަމަށްވާ އޮބެރޯއީ ސިކްސް ގާޑަންސްގައި ހުންނަ ޕްރިޔަންކާގެ ހަތަރު ލަގްޒަރީ ފްލެޓް އޭނާ ވަނީ 16 ކްރޯޑް ރުޕީސް (1.8 މިލިއަން ޑޮލަރު) އަށް މިފަހުން ވިއްކާލައިފަ އެވެ.
އެ ހަތަރު ފްލެޓްގެ ތެރޭގައި ގުޅުވާފައި އިން ދެ އެޕާޓްމަންޓުގެ ޔުނިޓެއް ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުންޏެވެ.
އެ ފްލެޓްތައް ވިއްކާލުމުގެ އެއްބަސްވުންތައް ހަދައި މި މަހުގެ ތިންވަނަ ދުވަހު އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
މުމްބާއީގައި ހުންނަ ޕްރިޔަންކާގެ އެހެން ދެ އިމާރާތެއް 2021 ވަނަ އަހަރު ވެސް ވަނީ ވިއްކާލައިފަ އެވެ. އަދި މުމްބާއީގައި ހުރި އޭނާގެ ދެ ޕެންޓްހައުސް ވެސް 2023 ވަނަ އަހަރު ވަނީ ވިއްކާލައިފަ އެވެ.
މުމްބާއީގެ އިތުރުން ގޯއާ އާއި އެމެރިކާގެ ނިއު ޔޯކާއި ލޮސް އެންޖެލެސްގައި ވެސް ޕްރިޔަންކާގެ އަމިއްލަ ގެދޮރު ހުރެ އެވެ.
ޕްރިޔަންކާ މިހާރު ދިރިއުޅެނީ އޭނާގެ ފިރިމީހާ އަދި އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އާއި އެ ދެމަފިރިންގެ ދަރިފުޅާ އެކު ލޮސް އެންޖެލެސްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy