ޗައިނާގެ ސޯޝަލް މީޑިއާގައި އެމެރިކާގެ ރިއަލިޓީ ޓީވީ ތަރި ކްރިސް ޖެނާގެ ފޮޓޯއެއް ވަރަށް ބޮޑަށް ވައިރަލްވެ، އާދަޔާ ހިލާފު ބޭނުމަކަށް ބޭނުންކުރަން ފަށައިފި އެވެ.

ބީބީސީން އިއްޔެ ރިޕޯޓްކޮށްފައިވާ ގޮތުގައި، ޗައިނާގެ "ރެޑް ނޯޓް" ނުވަތަ ޗައިނާގެ ޓިކްޓޮކްގައި ގިނަ ބަޔަކު އަންނަނީ ކްރިސް ޖެނާގެ ފޮޓޯއެއް "ނަސީބު ރަނގަޅުވާނެ ކަމަށް" ގަބޫލުކޮށް ޝެއާ ކުރަމުންނެވެ.

އެ ޓްރެންޑުގައި ބޭނުންކުރަނީ 2017 ވަނަ އަހަރު ކްރިސް ޖެނާ އިންސްޓަގްރާމްގައި އާންމުކުރި ފޮޓޯއެކެވެ. އެ ފޮޓޯގައި އޭނާ ހުރީ ހުދުކުލައިގެ ފޯލްޑިން ފީލްޑް ގޮނޑިއެއްގައި، ކުޑަ މޭޒެއްގެ ކައިރީގައި، އަގުބޮޑު ފޮށިތަކެއްގެ މެދުގަ އެވެ.

ޗައިނާގައި އެ ފޮޓޯ ޝެއާކުރާ މީހުން ގަބޫލުކުރާ ގޮތުގައި، އެ ފޮޓޯ ޕޯސްޓްކުރުމުން ނުވަތަ ޝެއާކުރުމުން އިމްތިހާނުތަކުން ފާސްވުމަށާއި ވަޒީފާގެ ކުރިއެރުން ލިބުމަށް އަދި މާލީ ގޮތުން ވެސް ނަސީބު އަތުގައި ހިފާނެ އެވެ. ބައެއް މީހުން އެ ފޮޓޯއަށް "ނަސީބުގެ ކަނބަލާ"ގެ ނަމުން ވެސް ނަން ވަނީ ދީފަ އެވެ. 

ބިޒްނަސް އިންސައިޑާގެ ރިޕޯޓްތަކަށް ބަލާއިރު، އެ ފޮޓޯއާ ގުޅުންހުރި ޕޯސްޓުތައް ރެޑް ނޯޓްގައި 52.9 މިލިއަނަށް ވުރެ ގިނަ ފަހަރު ވަނީ ބަލައިފަ އެވެ.

މި މަޖާ ޓްރެންޑުގެ ކަންކަން އެނގުމުން ކްރިސް ޖެނާ ބުނެފައި ވަނީ "މިއީ ވަރަށް މަޖާ ކަމެއް" ކަމަށެވެ. 

ޗައިނާގެ ޒުވާނުންގެ މެދުގައި މިފަދަ "ނަސީބު ހޯދުމުގެ" ޓްރެންޑްތައް މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މީގެ ކުރިން ވެސް އެކި މީހުންގެ ފޮޓޯތައް މިގޮތަށް ނަސީބު ހޯދުމަށް ކަމަށް ބުނެ ބޭނުންކޮށްފައިވެ އެވެ.

ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި، މިއީ ދިރިއުޅުމުގެ ޕްރެޝަރާއި ވާދަވެރިކަން ބޮޑުވުމުގެ ސަބަބުން، ހިތްހަމަޖެހުން ހޯދުމަށް ޗައިނާގެ ޒުވާނުން ކުރާ ކަމެކެވެ.