ބޮލީވުޑްގެ ތަރި އަދި އިންޑިއާގެ މަޖިލިސް މެމްބަރު ކަނގަނާ ރަނާވަތުގެ މަޝްހޫރު ފިލްމު "ކުއީން"ގެ ސީކުއެލްއެއް ގެނެސްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޓައިމްސް އޮފް އިންޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، "ކުއީން 2"ގެ ޝޫޓިން މި މިހު ފަހުކޮޅު ފަށަން ވަނީ ތާވަލުކޮށްފަ އެވެ.
އެ ރިޕޯޓުގައި ބުނީ ފުރަތަމަ ފިލްމާ ހިލާފަށް، ދެވަނަ ފިލްމުގައި ދައްކާނީ އިންޑިއާގެ އެކި ސިޓީތަކަށް އޭނާ ކުރާ ދަތުރެއް ކަމަށެވެ. ކުރީގެ ފިލްމުގައި ދެއްކި ގައުމުން ބޭރުގެ ދަތުރުގެ ބަދަލުގައި، މިފަހަރު "ރާނީ" ނުވަތަ ކަންގަނާ އަމިއްލަ ނަފްސު ހޯދުމަށް ކުރާ ދަތުރު ފެންނާނީ އިންޑިއާއިން ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.
ދެވަނަ ފިލްމު ވެސް ޑައިރެކްޓުކުރަނީ ފުރަތަމަ ފިލްމު ގެނެސްދިން ވިކާސް ބާލް އެވެ. ފިލްމުގެ ސްކްރިޕްޓު ވެސް ލިޔެފައި ވަނީ އޭނާ އެވެ. އަދި އެ ފިލްމު އުފައްދާނީ ވިކާސް ބާލްގެ އަމިއްލަ ބެނާގެ ދަށުންނެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ފިލްމުގައި ކަނގަނާ ފިޔަވައި ފުރަތަމަ ބައިގެ އެހެން އެއްވެސް އެކްޓަރަކު ނޫޅޭނެ އެވެ. ފިލްމުގެ ސަޕޯޓިން ރޯލުތަކަށް އާ މޫނުތަކެއް، ހާއްސަކޮށް ތިއޭޓާ އެކްޓަރުން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެ ފިލްމުގެ ޝޫޓިން ފުރަތަމަ ފަށާނީ މުމްބާއީގެ ސްޓޫޑިއޯއެއްގައި ކަމަށާއި އެއަށް ފަހު އިންޑިއާގެ ބޮޑެތި އެހެން ސިޓީތަކުގައި ޝޫޓްކޮށް، ތިން މަސްދުވަހުގެ ތެރޭގައި ޝޫޓިން އެއްކޮށް ނިންމާލުމަށް ރާވާފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.
ކަނގަނާ އެންމެ ފަހުން ކުޅުނު ފިލްމަކީ ދެ އަހަރެއްހާ ދުވަހުގެ ބޮޑު ޑިލޭއަކަށް ފަހު މިދިޔަ އަހަރު ރިލީޒްކުރި "އިމަޖެންސީ" އެވެ.
"ކުއީން 2"ގެ މަސައްކަތަށް ފަހު އޭނާ ދެން ފަށާނީ "ތަނޫ ވެޑްސް މަނޫ 3"ގެ މަސައްކަތް ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
މީގެ 12 އަހަރު ކުރިން 2014 ވަނަ އަހަރު ނުކުތް "ކުއީން"އަކީ ކަނގަނާގެ ކެރިއަރުގައި ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީ އެވެ.