ބޮލީވުޑްގެ ތަރި އަދި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަންގަނާ ރަނާވަތުގެ އާ ފިލްމު "ބާރަތު ބާގްޔަ ވިދާތާ"ގެ ޓްރެއިލާ އިއްޔެ އާންމުކޮށްފި އެވެ.
ކަންގަނާ ލީޑް ރޯލު ކުޅޭ މި ފިލްމުގެ ޓްރެއިލާގައި ދައްކަނީ 2008 ވަނަ އަހަރުގެ ނޮވެމްބަރު 26 ގައި އިންޑިއާގެ މުމްބާއީއަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގެ ތެރޭގައި، ހޮސްޕިޓަލްތަކުގައި މަސައްކަތްކުރި މުވައްޒަފުން ދެއްކި އާދަޔާ ޚިލާފު ހިތްވަރާއި ގުރުބާނީގެ ވާހަކަ އެވެ.
މި ފިލްމުގައި ބޮޑަށް ދައްކާނީ މުމްބާއީގެ "ކާމާ އެންޑް އަލްބްލެސް ހޮސްޕިޓަލް"ގެ ތެރޭގައި އެ ދުވަހު ހިނގާދިޔަ ނުތަނަވަސް ކަންތައްތަކާއި އެތަނުގެ މުވައްޒަފުން އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން އެތައް ސަތޭކަ ބަލިމީހުން ސަލާމަތްކުރަން ކުރި މަސައްކަތްތަކެވެ. ކަންގަނާ ކުޅޭ އެ ހޮސްޕިޓަލުގެ ނަރުހެއްގެ ރޯލެވެ.
މި މަހު 12 ގައި މި ފިލްމު ރިލީޒްކުރާއިރު، އެ ދުވަހު ބޮލީވުޑްގެ އިތުރު ބޮޑު ތިން ފިލްމެއް ވެސް ރިލީޒްކުރަން ތާވަލުކޮށްފައިވެ އެވެ. އެއީ، އިމްތިޔާޒް އަލީގެ "މޭން ވާޕަސް އާއުންގާ" އާއި މަނޯޖު ބާޖުޕާއީގެ "ގަވަރްނަރު: ދަ ސައިލެންޓް ސޭވިއާ" އަދި ވިކްރަމް ބަޓްގެ "ހޯންޓެޑް ތުރީޑީ: އެކޯސް އޮފް ދަ ޕާސްޓް" އެވެ. އެހެންވެ، ބޮކްސް އޮފީހުގެ ވާދަވެރިކަން ވަރަށް ބޮޑުވާނެ ކަމަށް ބެލެވެ އެވެ.
މި ފިލްމާ ބެހޭ ގޮތުން ކަންގަނާ "ވެރައިޓީ އިންޑިއާ"އަށް ދިން އިންޓަވިއުއެއްގައި ބުނީ މި ކަހަލަ ބޮޑު ހާދިސާއަކަށް ފަހު ގިނަ ފަހަރަށް އަގުވަޒަން ކުރެވެނީ އަޑުގަދަ މީހާގެ އެކަނި ކަމަށާއި ނަމަވެސް ހަގީގީ ހިއްވަރު ދައްކަނީ މަޑުމައިތިރިކަމާ އެކު، ހާލަތަށް ކުރިމަތިލައި، ފަހަތަށް ނުޖެހި ޒިންމާ ނަގާ މީހުން ކަމަށެވެ. މިއީ ގައުމީ ލޯބީގެ އެންމެ ސާފު ސާދާ ސިފަ ކަމަށާއި މިފަދަ މުހިންމު ބައެއްގެ ވާހަކަ ފިލްމެއްގެ ގޮތުގައި ގެނެސްދިނުމަކީ ލިބުނު ޝަރަފެއް ކަމަށް އޭނާ ބުންޏެވެ.
ކަންގަނާގެ އިތުރުން މި ފިލްމުގެ މުހިންމު ރޯލުތައް ކުޅެފައި ވަނީ ގިރިޖާ އޯކް، ސްމިތާ ތަމްބޭ، އަމްރުތާ ނަމްދޭވް އަދި އީޝާ ދޭ އެވެ.
މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ މަނޯޖު ތަޕާރިއާ އެވެ. އަދި މި ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ ކަންގަނާގެ މަނިކަރްނިކާ ފިލްމްސް އާއި ޕޭން ސްޓޫޑިއޯސް އަދި ޕަރަމްހަންސް ކްރިއޭޝަންސް ގުޅިގެންނެވެ.