ފްލައިޓެއްގެ ތެރޭގައި ފިރިހެނަކު އަންހެނަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތުކުރެވޭ ވާހަކައެއް ސޯޝަލް މީޑިއާގައި ހިއްސާކޮށް، އެމީހާ ފަލީހަތްކުރި ކަމަށް ބުނާ މައްސަލާގައި ބޮލީވުޑްގެ ތަރި ރިޗާ ޗައްޑާއަށް އިންޑިއާގެ ދިއްލީ ހައިކޯޓުން ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

އެ ހާދިސާ ހިނގާފައި ވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އިންޑިގޯ ފްލައިޓެއްގަ އެވެ.

އަންހެން ނޫސްވެރިއަކު ވަނީ އޭނާއާ ޖެހިގެން ފްލައިޓުގައި އިން ފިރިހެން ފަސިންޖަރަކު އޭނާގެ ގައިގައި ނޭދެވޭ ގޮތަކަށް އަތްލި ކަމަށް ބުނެ އެ މީހާގެ ފޮޓޯ އާއި ވަނަވަރު އެކްސްގައި އާންމުކޮށްފަ އެވެ. ރިޗާ ވަނީ އެ ޕޯސްޓު ރީޕޯސްޓުކޮށް "މި މީހާ މަޝްހޫރުކޮށްދީ" ލިޔެފަ އެވެ. 

އެ މައްސަލަ ބެއްލެވި ދިއްލީ ހައިކޯޓުގެ ފަނޑިޔާރު ވިކާސް މަހާޖަން ވިދާޅުވީ، ރިޗާ ކަހަލަ އާންމުންގެ މެދުގައި މަގުބޫލު މީހަކު ސޯޝަލް މީޑިއާގައި މި ކަހަލަ ބޮޑެތި ތުހުމަތުތައް ފެތުރުމުގެ ކުރިން އޭގެ ހަގީގަތް ބެލުމުގެ ގާނޫނީ އަދި އަހުލާގީ ޒިންމާއެއް އޮންނަންވާނެ ކަމަށެވެ.

ކޯޓުން ވަނީ އެ އަމަލަކީ "ޑިޖިޓަލް ވިޖިލަންޓިޒަމް" ނުވަތަ އަމިއްލައަށް ގާނޫނު އަތަށް ނަގައިގެން މީހުން ފަލީހަތްކުރުން ކަމަށް ސިފަކޮށްފަ އެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ ފިރިހެން މީހާ ބުނި ގޮތުގައި އެއީ ދޮގު ތުހުމަތެކެވެ. އޭނާ ވަނީ މިކަމުގެ ސަބަބުން އޭނާގެ އަބުރަށް އިއާދަނުކުރެވޭ ކަހަލަ ބޮޑު ގެއްލުމެއް ލިބިފައި ވާތީ 2.01 ކްރޯޑް ރުޕީސް (3.3 މިލިއަން ރުފިޔާ)ގެ ބަދަލު ހޯދަން ދައުވާކޮށްފަ އެވެ.

ކޯޓުން ވަނީ އެ ފިރިހެން މީހާގެ ފޮޓޯ އާއި ވަނަވަރު ހިމެނޭ ޕޯސްޓްތަކާއި ޚަބަރުތައް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ނެގުމަށް ވެސް އަމުރުކޮށްފަ އެވެ.

ބައެއް ނޫސްތަކުން އެ ހާދިސާ ރިޕޯޓްކުރުމުގައި އެ މީހާއަކީ "ޖިންސީ ގޯނާކުރި މީހެއް" ކަމަށް ކަނޑައަޅައި ލޭބަލްކޮށްފައި ވާތީ، ކޯޓުން އެކަން ކުށްވެރި ކުރި އެވެ. ކުށެއް ސާބިތުވުމުގެ ކުރިން އެ މީހަކީ ކުށްވެރިއެއް ކަމަށް ނިންމުމަކީ އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގަށް އުނިކަން އަންނަ ކަމެއް ކަމަށް ކޯޓުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ރިޗާގެ ވަކީލު ބުނީ އޭނާ މިހާރު އެ ޕޯސްޓް ޑިލީޓްކޮށްފައިވާ ކަމަށެވެ. ކޯޓުން ވަނީ ކުރިއަށް އޮތް ތަނުގައި މި ކަހަލަ ކަންކަމުގައި ރިޗާ އިތުރަށް ސަމާލުވުމަށް އިންޒާރު ދީފަ އެވެ.

ކޯޓުން ބުނީ ފުލުހުންނަށް ރަސްމީކޮށް މައްސަލަ ހުށަހަޅައި ތަހުގީގު ފެށުމުގެ ކުރިން ސޯޝަލް މީޑިއާގައި މީހުން ފަލީހަތްކުރުމަކީ މީހާގެ ކަރާމާތަށް އުނިކަން އަންނަ ކަމެއް ކަމަށެވެ.