އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭގެ ސިއްހީ ހާލަތު ގޯސްވެ، ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދު މަރުވެއްޖެ އެވެ.
އުމުރުން 92 އަހަރުގެ އާޝާ މަރުވިކަން ހާމަކޮށް އޭނާގެ ދަރިފުޅު އަންނަދު ބޯސްލޭ ކުރި ޕޯސްޓެއްގައި ބުނީ މަންމަގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާނީ މާދަމާ ހަވީރު މުމްބާއީގައި ކަމަށެވެ.
އާޝާގެ މާމަ ދަރިފުޅު ޒަނާއި ބޯސްލޭ ސޯޝަލް މީޑިއާގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓަލުގައި އާޝާ އެޑްމިޓްކުރީ ވަރަށް ބޮޑަށް ވަރުބަލިވުމާއި މޭގެ އިންފެކްޝަނެއްގެ ސަބަބުން ކަމަށެވެ. އަދި އާއިލާގެ ޕްރައިވެސީއަށް އިހުތިރާމް ކުރުމަށް އެދިފައިވެ އެވެ.
ހޮސްޕިޓަލުގެ އޮފިޝަލުންނާ ހަވާލާދީ "ހިންދުސްތާން ޓައިމްސް" އިން ބުނި ގޮތުގައި، އާޝާ އެޑްމިޓްކުރީ ނޭވާލުމުގެ އުނދަގޫތަކަކާއި ހިތުގެ މައްސަލަތަކެއް ކުރިމަތިވެގެންނެވެ. އޭނާ އޭރު އޮތީ އައިސީޔޫގަ އެވެ.
އާޝާއަކީ އިންޑިއާގެ މިއުޒިކީ ތާރީހުގައި އެންމެ ފާހަގަކޮށްލެވޭ އެއް ފަންނާނެވެ. އައްޑިހަ އަހަރަށް ވުރެ ދިގު މުއްދަތަކަށް ދެމިގެންދިޔަ އޭނާގެ މިއުޒިކީ ކެރިއަރުގައި އެތައް ހާސް ލަވަޔެއް ވަނީ ކިޔައިފަ އެވެ. އޭނާއަށް ވަނީ އިންޑިއާގެ ސަރުކާރުން ދޭ ދެވަނަ ދަރަޖައިގެ މަތީ ޝަރަފުގެ އިނާމު ކަމަށްވާ "ޕަދްމާ ވިބޫޝަން" އާއި "ދާދާސާހެބް ޕާލްކޭ" އެވޯޑް ވެސް ލިބިފަ އެވެ. އަދި ފިލްމު ފެއާ އިން ދޭ އެންމެ މޮޅު އަންހެން ޕްލޭބެކް ސިންގާގެ އެވޯޑު ހަތް ފަހަރު އޭނާ ވަނީ ހޯދައިފަ އެވެ.
އާޝާގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ދޯ ލަފްޒޯން ކީ ހޭ ދިލް ކީ ކަހާނީ" އާއި "ޖަވާނި ޖާނެމަން" އަދި "ޗުރާ ލިޔާހޭ ތުމްނޭ ޖޯ ދިލް ކޯ" ކަހަލަ ލަވަތައް ހިމެނެ އެވެ.
އާޝާ މަރުވިއިރު މީގެ ހަތަރު ވަރަކަށް އަހަރުކުރިން އޭނާގެ ދައްތަ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރު މަރުވީ އުމުރުން 92 އަހަރުގައި ކޮވިޑާ އެކު، ނިއުމޯނިއާ ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާދެމުންދަނިކޮށެވެ.