(އާދިއްތަ ދުވަހާ ގުޅޭ)

ނާމާންކަމާއި ބިރުވެރިކަން ރަށުތެރެއަށް ފާއްދައިލިއެވެ. ހަގީގަތުގައި އެ ހަޅޭކަކީ، ކިތަންމެ އަޑުގަދަ ނަމަވެސް، ސިއްރު ސިގުނަލެކެވެ. ތާއީދުކުރާ އެންމެން ނުކުންނަން އެންގުމަށް ޓަކައި އިޝާރާތްކުރަން ރާވައިފާ ގޮތެވެ. އެހެނަސް، ހީކުރި ގޮތަކަށް ކަންތަކެއް ނުވިއެވެ. އިޖާބަދޭކަށް އެކަކަށް ވެސް ނުކެރުނެވެ. ސަރުކާރާ މެދު ހިތުން ނުރުހުން ފާޅުކޮށްގެން، ގޭގެ ދޮރުތައް ލައްޕައިގެން، ބޮޑުއަށްޓަށް އަރައި، ކަނުއަނދިރީގައި މޮޅު ވާހަކަ ދައްކަން ތިބީއެވެ. އެ ހަމަނުޖެހުމުގައި، މާލޭގެ ވަރަށް ނުފޫޒުގަދަ ދެ މީހަކު ނަގައިކިއެވެ. ހަޅޭކުގެ އަޑުއިވުމާ އެކު، ތާއީދުކުރާ މީހުން ގޮވައިގެން އަތިރިމައްޗަށް ނުކުތުމުގެ ޒިންމާ ބޮލުގައި އެޅީ އެ މީހުންނެވެ. ފަހު ވަގުތު އެ މީހުން ވެސް ގޭގައި ބޮނދީއެވެ. 

ތިލަދުންމަތިން އައި އުޅަނދުތަކުގެ ތެރޭގައި އުތީމު ބައްތެލިކޮޅު ވެސް ހިމެނެއެވެ. ބައްތެލިކޮޅު ނެރުން ވަދެގެން އައިސް ބޮޑުފާލަމުގައި ބަނދެލިއެވެ. ތިލަދުންމަތީގެ ނަން ހިނގާ ބާރުގަދަ ބަޔަކު އޭގައި ތިއްބެވެ. އެ މީހުން ތިބީ، މާލެއިން ފެންނާނެ ކަމަށް އުންމީދުކުރި މަންޒަރު ދެކޭ ހިތުން ކެތްމަދުވެފައެވެ. ނަގާކިޔާމީހުންނަކީ އެއީއެވެ. ދޯނިތަކުން އައި އެންމެން އައީ ހަނގުރާމައަށް ފިސާރި ރަނގަޅަށް ތައްޔާރު ވެގެންނެވެ. ބުރިކޮށްގެން ގެނައި ކުރަދިތައް އަތަށް ހެޔޮވަރުކޮށް، ނިތްކުރީގައި ފޮށާ އޮޅައި، އުނަގަނޑުގައި ދެ ފަށް ނިހާލި ބަނދެލައިގެން ތިބި އިރު ހީވަނީ، ހަނގުރާމައެއްގައި ރުކުރުވާލާފައިވާ ފަހުލަވާނުންގެ ލަޝްކަރެއް ހެންނެވެ. ރޭވި ގޮތަށް ކަންތައް ދިޔަ ނަމަ، ބޮޑުފާލަމުގައި ބައްތެލި ބަނދެލާ ވަގުތު، މަރުހަބާ ކިޔާ މީހުން އައިސް އެތުރިލާނެއެވެ. ދެން ބައްތެލިކޮޅުން މީހުން ފައިބައިގެން، އެންމެން ތަކުބީރު ކިޔަމުން ދާނީ ގުޅަކުޅޭ ފަސްގަނޑަށެވެ. ދަންމަރުތަކާއި ބިގަރުތައް ގެނެސް، ވެރިކަމުގައި ނިމުމުގެ ސިއްކަ ޖަހާނީ އެ ތަނުގައެވެ. 

"ކީހައި ޅެން ފަރިއްސަށް މި ވީ!" ބައްތެލިކޮޅުގައި އިންނެވި ބޮޑުކަތީބު ބުނުއްވިއެވެ. 

"މަ އޭރު ވެސް ބުނިންތާ އެއީ ފީކުކުޅެކޭ!" ރުޅި އައިސްފައި މުދިމު ބުންޏެވެ. "މިހާރު އޮންނާނެ ހާއްޔަށް ވަދެ. އަނބިދަރިން ދޫކޮށްލާފަ އައިސް ދަންތުރައިގައި މި ޖެހުނީ އަހަރުމެން. މި ފަހަރު ކޮށާފައި ކާޅަށް ކާންދޭނެ. މުޅި މާލެ މި އޮތީ ސަރުކާރާ އެއްކޮޅަށް."

"ހަމަ ހިލާ ތިހެނަކުން ނުވާނެ،" ކުޑަކަތީބު ބުނުއްވިއެވެ. "ސަރުކާރަށް ތާއީދު އޮތް ނަމަ ބަނދަރުމަތި އުތުރި އެރީސް. ކުޅިބަލަން އައި ހައެއްކަ މީހުން އެ ތިބީ!"

ސިފައިންގެ ބަލަހައްޓަން ދެތިން ސިފައިން ތިބެފައި، ދެން ތިބި އަށެއްކަ މީހުން އައިސް ވާޓަރު މައްޗަށް އަރައި، ސުލްހަވެރި ނިމުމެއް ގެނެވޭތޯ މަސައްކަތްކުރިއެވެ. ތިލަދުންމަތިން އައި މީހުން ސަރުކާރަކަށް ބޮލެއް ނުލެނބިއެވެ. 

"މާލޭ ރައްޔިތުން ތިބީ އެ މީހުންގެ މާތް ވެރިޔާއަށް ބޯލަނބައިގެން،" ސިފައިންގެ އިސްމީހަކަށް ހުރި ދޮހުއްތު ބުންޏެވެ. "މުޙައްމަދު ހަމީދު ވިދާޅުވީ، އަމާންދީފަ އެނބުރި ހިނގައްޖެ ނަމަ ކުށް މާފުކުރާނެ ކަމަށް."

ދޮހުއްތުއަކީ އަޑު ވަރުގަދަ، ސިފަވަންތަ، މެދުއުމުރުގެ މީހެކެވެ. 

"ދަތުރަށް ބޭނުންވާ ކޮއްތުދަރުބޯފެން ވެސް ދެއްވާނަމޭ ވިދާޅުވީ،" ދޮހުއްތު ބުންޏެވެ. "އެކަމަކު އުތީމު ބައްތެލިކޮޅު ފާލަމަކުން ދެނެއް ނުމޮހެވޭނެ. ދޫކޮށްލައްވަން ޖެހޭނީ."

ބޮޑުކަތީބަށް އެއްޗެއް ނުބުނުއްވެނީސް އެހެން މީހުން ހަޅޭއްލައިގަތެވެ. 

"ބައްތެލިކޮޅެއް ނުލިބޭނެ. އަހަރުމެންނެއް ނުވެސް ދާނަން. ކަލޭމެން ހައެއްކަ މީހުން އަހަރުމެންނާ އޮޅުލައިގެން ކިހިނެއް ގަދަވާނީ؟" އެހެން ދޯންޏެއްގަ ހުރި، ލޭ ހޫނު ޒުވާނެއް ޖަވާބުދާރީވިއެވެ. "ތީގެ ކޮންމެ މީހަކަށް މީގެ ތިރީސް މީހުން އެބަ ތިބި. އުތީމު ބައްތެލިކޮޅުގަ އަތްލެވޭނީ އަހަރުމެން ދެފަޅިކޮށްފަ."

އާދަނު ހިތަށްއެރިއެވެ. އާރުކާޓީންގެ ގޮތުގައި ތިބި މީހުންގެ ކުޑަ ވެސް އުރައްޕެއް ހުރި ނަމަ، ދުވަހަކީ ތާރީހުގައި އާ ބާބެއް ލިޔެވޭނެ ދުވަހެކެވެ. އެ މީހުން މާ ފިނޑީއެވެ. އެއްކޮޅުން ސުލްހަވެރި ހައްލެއް ގެނެވޭތޯ މަސައްކަތް ކުރަމުން ދިޔަ އިރު، ވެރިކަމުގެ ދަގަނޑު އަތް ކިހައި ދިގުކަމާއި ސަފުތައް ކިހައި ބަދަހިކަން ދައްކަން ވެސް ހަމީދު ބޭނުންފުޅުވިއެވެ. ބަސްމޮށުންތެރި، ދޫފަރިތަ މީހުން މާލޭގެ ކޮޅުކޮޅުމައްޗަށް ފޮނުއްވިއެވެ. އެންމެން ވެސް ގަނޑުވަރަށް އެނބުރި އައީ ހުސްއަތާއެވެ. 

"އަނެއްކާ ވެސް ނަސޭހަތްދީފަ މި އައީ. ހަމަ އެކަކު ވެސް ނުނިކުތް،" މުޙައްމައިދީ ދެންނެވިއެވެ. "މަސްރަހު ވަރަށް ގޯސް. ދެން ކިހިނެއްތޯ ހަދާނީ؟"

އަތްޕުޅުން އިޝާރާތް ކުރައްވައި މުޙައްމައިދީ ފޮނުވައިލެއްވުމަށް ފަހު، އުނދޯލިކޮޅުގައި ހަމީދު އޮށޯވެވަޑައިގަތެވެ. ނިތްޕުޅު މަތީގައި އަތްޕުޅު ބޭއްވިއެވެ. ވެރިކަމުގެ ސިންގާސަނާއާ ހަމީދު ހަވާލުވެވަޑައިގެން، އޮޑީގެ ހުންގާނުގައި ހިއްޕެވި އިރު ގައުމުގެ ހާލަތު އޮތް ގޮތާއި ގެންނެވި ފުރިހަމަ ބަދަލުތައް ހިތްޕުޅަށް އަރައިވަޑައިގަތެވެ. ރައްޔިތުން ޝުކުރުވެރި ނުވާތީ ހައިރާންވެވަޑައިގަތެވެ. 

"ދަރިފުޅާ! ތިހެން އޮވެގެން ކަމުދާނެތަ؟" ބައްޕާފުޅު ވިދާޅުވި އަޑު ހަމީދަށް އިވިވަޑައިގަތެވެ. 

"ނުކުންނާށޭ ބުނީމަ ވެސް އެކަކު ވެސް ނުނިކުތޭ ބައްޕާފުޅާ!" ތެދުވެވަޑައިގެންހަމީދު ވިދާޅުވިއެވެ. 

ބައްޕާފުޅު ކޮޓަރިއަށް ވަދެވަޑައިގެންފައި ދެން ނުކުމެވަޑައިގަތީ ތަޅުދަނޑިއެއް ހިއްޕަވައިގެންނެވެ.

"ތެދުވޭ ދަރިފުޅާ!" ބައްޕާފުޅު ވިދާޅުވިއެވެ. "މި އޮތީ ތަޅުދަނޑި. އެހެރަ ކޮޓަރީގަ ހުންނާނެ ފައިސާ. ފައިސާ ނެރޭ! ނެރިފަ ރަށުތެރޭގަ ތިބި ނުލަފާ މީހުންނަށް ދީފަ ބުނޭ އަތިރިމައްޗަށް ނުކުންނާށޭ! އޭރުން ނުކުންނާނެ."

ބައްޕާފުޅު އިޝާރާތް ކުރެއްވީ ހަމީދު ދުވަހަކު ވެސް ވަދެވަޑައިނުގަންނަވާ ކޮޓަރިއަކަށެވެ. ކުރިން ހަމީދު ހީފުޅުކުރެއްވީ އެއީ ފަޅުކޮޓަރިއެއް ކަމަށެވެ. ބިގަރު ހިއްޕަވައިގެން ހަމީދު ކޮޓަރިއަށް ވަދެވަޑައިގެން ބެއްލެވި އިރު އެއީ ތަޅުން އަޅާފައިވާ، ސާފު ކޮޓަރިއެކެވެ. ކޮޓަރީގެ އެއް ކަނުގައި ރިހި ރުފިޔާ ފުނިވަރެއް ހުއްޓެވެ. އިތުރު އެހެން އެއްޗެއް އެ ކޮޓަރިއަކު ނެތެވެ. ވަގުތުން ވައިސޫރިކުޑޭ އާއި ކަނދިކޮޅުބޭ ބަލައި ފޮނުއްވިއެވެ. އެއީ ފިސާރި ކެރޭ، ހިތްވަރުގަދަ ދެ މީހުންނެވެ. ފައިސާ ދިނުމުން ކަންކަން ކުރާނެ މީހުން ހޯދޭ ވަރުގެ މީހުންނެވެ. ހަމީދު ހީފުޅުކުރެއްވީ އެހެންނެވެ. ވައިސޫރިކުޑޭ ސަރުކާރާ ކިހައި ދެކޮޅުކަމެއް ހަމީދަކަށް އެނގިވަޑައެއް ނުގަންނަވައެވެ. 

"އަހަރުމެން އުޅޭނީ ވަރަށް ދުރުދުރުން،" ވައިސޫރިކުޑޭ، އަތްބައްތިއެއް ދިއްލައިގެން ގޭގައި ދަރިންނަށް ނަސޭހަތްދެނީއެވެ. "އެކަމަކު ދަނޑިވަޅެއް ހަމަ ލިބޭ އިރަށް ވާނެ އުތީމު ބައްތެލިކޮޅަށް އަރާ އަހަރުމެންގެ ކިޔަމަންތެރިކަން..."

"އައްސަލާމް އަލައިކުމް!" މީހަކު ސަލާން ގޮވައިލި އަޑުއިވުނެވެ. 

ކުދިން އެތެރޭގައި ބައިތިއްބާފައި ކުޑޭ އެކަނި ކޮޓަރިން ނުކުތެވެ. ފާނޫޒެއް ހިފައިގެން ދޮރުމަތީގައި ހުރީ ހަސަންކަލޭފާނެވެ. އޭނައަކީ، ސީދާ ހަމީދުގެ އޯޑަރަށް ތަބާވާ މީހެކެވެ. ގާތުގައި ކަނދިކޮޅުބޭ ވެސް ހުއްޓެވެ. 

"މި އައީ ކުޑޭ ބަލާ!" ހަސަންކަލޭފާނު ބުންޏެވެ. 

ކުޑޭ އުޅުނީ ދަރިން ގާތުގައި ބުނެލާފައި ދާށެވެ. ހަސަންކަލޭފާނު އެ ފުރުސަތެއް ވެސް ނުދިނެވެ. ދެ މީހުން ގޮވައިގެން ދިޔަ ގޮތަށް ދިޔައީ ގަނޑުވަރަށެވެ. އޭރު ވެސް އުތުރުފަރާތުން ހަޅޭއްލަވާ އަޑުއިވެއެވެ. ގަނޑުވަރަށް ވަން އިރު، ކެތްތެރިކަން ކުޑަ ގޮތެއްގައި ހަމީދު ދެއަތްޕުޅު ފުރަގަހަށް ލައްވައިގެން ދެކޮޅަށް ހިންގަވަން ހުންނެވިއެވެ. އަބަދު ވެސް ކިބުރުވެރިކަމާއި ބޮޑާކަން ފެންނަ ހަމީދުގެ މޫނުފުޅުން ކުޑޭއަށް ފެނުނީ ކަންބޮޑުވުމާއި ނުތަނަވަސްކަމެވެ. ހަސަންކަލޭފާނު ފޮނުއްވައިލެއްވުމަށް ފަހު، ދެ މީހުން ގޮވައިގެން ހަމީދު ގަނޑުވަރު ތެރެއަށް ވަދެވަޑައިގަތެވެ. 

"ބަޔެއްގެ ބޮލަށް ހުތްޖަހައިގެން ތޮޅެން ފޮނުވައިފި،" ހަމީދު ވިދާޅުވިއެވެ. "ކުޑޭމެންނަށް މި ކަމުގަ އެހީވެދެވޭނީ!"

"ހޭވައްލާތައްޔާރު!" ކުޑޭ ވަގުތުން ބުންޏެވެ. "ކޯޗެއްތޯ އަޅުގަނޑުމެންނަށް އޮތީ؟"

ކުޑޭމެން ގޮވައިގެން ހަމީދު ކޮޓަރިއަކަށް ވަދެވަޑައިގަތެވެ. އެ ތަނުގައި ހުރި ލާރި ފުނި ފެނިފައި ކުޑޭގެ ދެލޯ ތަންމިނަށް ހުޅުވުނެވެ. 

"މުންޑު ދައްކަބަލަ!" ހަމީދު އެދިވަޑައިގަތެވެ. 

ކުޑޭ އާއި ކަނދިކޮޅުބޭ މުންޑުގެ ތިރީކައިރި ހިއްލައިލިއެވެ. ހަމީދު އެ ތަނުގައި އޮތް ޖަސްތުގަނޑެއް ލާރިފުނި ތެރެޔަށް ކޮއްޕައިލައްވާފައި، ކުޑޭ އާއި ކަނދިކޮޅުބޭގެ މުންޑަށް ލާރިތައް އަޅުއްވައިލެއްވިއެވެ. ދެ ފަހަރަށް އެހެން ހެއްދެވިއެވެ. 

"ކަލޭމެންނަށް ފެންނަ ބަޔަކަށް ލާރިކޮޅު ބަހާލައިގެން މީހުން ގިނަ ކޮށްލާ!" ހަމީދު ވިދާޅުވިއެވެ. 

"އާދެ! ތި ކަމާ މި ދަނީ!" ދެ މީހުން އެއް އަޑަކުން ބުންޏެވެ.  

ކުޑޭ ގެއަށް ވަން އިރު ދަރިން ތިބީ ކުޑޭގެ އިންތިޒާރުގައެވެ. ދޮންމަނިކު ހީކުރީ އަނެއްކާ ވެސް ބައްޕައަށް ޅައެއްޗެއް އެޅިގެން މަޅިއެއްގައި ބެދުނީކަމަށެވެ. 

"ކުދިންނޭ! ބައްޕައަށް ދެއްކުނީ މުޅީން ގޯސް ވާހަކައެއް،" ކުޑޭ ބުންޏެވެ. "ދޯނިފަހަރުގަ އައިސްގެން އެ އުޅެނީ ޖަނަވާރުން. މާލޭގަ މި ތިއްބެވީ ބޭފުޅުން. ޖަނަވާރުން މާލެ އެރިޔަދޭން ހެޔޮވާނެތަ؟ ނަމަނަމަ އެކަކު ވެސް އެރިޔަދީގެން ނުވާނެ.ހިނގާ ނުކުންނަމާ! ދެން ތިބޭނެ ކަމެއް ނެތް."

ސަރުކާރަށް "ތާއީދުކުރާ" ބޮޑު ޖަމާއަތެއް އަތިރިމައްޗަށް ނުކުތެވެ. އާދަނު ހުރީ ހައިރާންވެ، ބުނާނެ އެއްޗެއް ނޭނގިފައެވެ. ކުއްލިއަކަށް އެހައި ގިނަ ބަޔަކު ނުކުތީމައެވެ. ދެނެކާ ދެނެއް ނެތެވެ. ހީވީ ދެންމެދެންމެ ގަޔަށްބޮލަށް އަރައިގެންފާނެ ހެންނެވެ. 

"ކިހިނެއް މި ވަނީ މުދިންބޭ؟" ބޮޑުކަތީބު އެއްސެވިއެވެ. 

"ދެން ވެސް މަ ބުނާ ގޮތެއް ހަދަންޏާ ޖާނު ސަލާމަތްކުރަން ހިނގާ،" މުދިންބޭ ބުންޏެވެ. "ވަލުކުއްތާތަކެއް ހެން އެހެރަ ވައްވައް ޖަހަނީ. އެއިން އެއްޗެއް ބައްތެލިކޮޅަށް އަރައިފިއްޔާ އަހަރުމެން ކަށިހަފާ ކައިލާނެ."

އެއްބަޔަކު ބޭނުންވީ މާލެ އަރައި ތަޅައިފޮޅައިގަންނާށެވެ. ބަލިވާ ބަޔަކު ބަލިވެ، ގަދަވާ ބަޔަކު ގަދަވަންދެނެވެ. ކަތީބު އެއްބަހެއް ނުވިއެވެ. އުތީމު ބައްތެލިކޮޅުން ދޯންޏަކަށް ބަދަލުވެ، ދޯނިތައް ފެޔަށް ޖައްސައިފައި، އެރެޔަށް ހަމަހިމޭންވީއެވެ. އަތިރިމައްޗަށް ނުކުތް މީހުން ބަނޑަހަޖެހީ އެ ތަނުގައެވެ. އެކަކު ވެސް ގެއަކަށް ނުދެއެވެ.

ދަންވަރުގެ ކަނުއަނދިރީގައި، ދެބައިމީހުން ކެހިވެރި ރޭވުންތައް ރޭވިއެވެ. އެއްބަޔަކު ވެސް އަނެއް ބަޔަކަށް ރަހުމެއް ނެތެވެ. ހީވަނީ މުސްލިމުންނާއި ކާފަރުންގެ މެދުގައި ކުރެވޭ ހަނގުރާމައަކަށް ތައްޔާރުވާ ހެންނެވެ. އެހެނަސް އެއީ އިންސާފާއި ފައިސާއާ ދެމެދު ކުރެވޭ ހަނގުރާމައެކެވެ. އަޅުވެތިކަމާއި އަމިއްލަ އެދުމާ ދެމެދު ކުރިމަތިލާ ކުރިމަތިލުމެކެވެ. 

ދެވަނަ ދުވަހު މާލެ އިރަށް ދޮންކުރަމުން އައި އިރު، ބެލުންތެރިންނަށް ފެނުނީ ކުރީ ދުވަހާ މުޅީން ތަފާތު މަންޒަރެކެވެ. ދޯނިފަހަރުގައި އައި މީހުންނަށް ވުރެ މާލެއިން ނުކުތް މީހުންގެ އަދަދު މާ ގިނައެވެ. އާދަނު ދެން ވެސް ވަކި ކޮޅަކަށް ނުޖެހެއެވެ. އެއްފަހަރު ތިލަދުންމަތީ މީހުންނަށް ލަފާދިނިއްޔާ، އަނެއް ފަހަރު މާލޭ މީހުންނަށް ނަސޭހަތްދިނެވެ. އާދަނުގެ ނަޒަރުގައި ދެބައިމީހުންނަކީ ވެސް އެއްބަޔެކެވެ. އެއް ބަހަކުން ވާހަކަ ދައްކާ، އެއް ދީނަކަށް ތަބާވާ ދިވެހީންނެވެ. ކުއްލިއަކަށް ގަދަފަދަ އަޑުފައްގަނޑެއް އިވުނެވެ. އަޑު އައީ މަތީންނެވެ. އެންމެން މަތި ބަލައިލިއެވެ. (ނުނިމޭ)