(އާދިއްތަ ދުވަހާ ގުޅޭ)

"ކީއްވެ އާދަނު ތިހާ ލަސްކުރީ؟" އެހެން ބުނެފައި ބަލައިލި އިރު ހަފީޒާ އިނީ ފެންކަޅިވެފައެވެ.

ލައްޓިއެއް ބާނާފައި މަޅުމައްޗަށް އެއްލުމުން ތެޅިގަންނަ ހެން އާދަނުގެ ހިތް ތެޅިގަތެވެ. ހަފީޒާގެ ހިތުގައި އާދަނަށް ޓަކައި އެ ހައި ތަނަވަސް މަގާމެއް އޮވެދާނެ ކަމަކަށް އާދަނު ހިޔެއް ނުކުރެއެވެ. ހަފީޒާއާ އަޅައިބަލާ އިރު އާދަނަކީ ކާކު ހެއްޔެވެ؟ ވިލާގަނޑެއް މަތީގައި ހަފީޒާ ބައިންދައިފިއްޔާ އާދަނަށް ޖާގަ ލިބޭނީ ބިންމަތި ދޫކޮށް އާނާ ހަމައިންނެވެ. 

"ކާކު ހީ ވެސް ކުރާނީ ހަފީޒާ ކަހަލަ ކުއްޖަކު އަހަރެން ކަހަލަ..." އާދަނަށް ބުނެވުނީ އެ ހިސާބަށެވެ. 

"އެއީ ކީއްވެ؟" ހަފީޒާ ސުވާލުކުރިއެވެ. "މީ އަންހެނެއް. ތީ ފިރިހެނެއް. އަހަންނަށް ވެސް އާދަނަށް ވެސް ދެއްވީ ހިތެއް. ތީ ނުލާހިކު ކެރޭ މީހެއް. އެހެން ނޫނީ އަހަންނަށް މި ކަހަލަ އެއްޗެއް ދޭކަށް ނުކެރޭނެ. ހިތާމައަކީ އާދަނު ބުނިލެއް ލަސްވިކަން. ބައްޕަ ނިންމާ ކޮންމެ ނިންމުމަކަށް އަހަރެން އިހުތިރާމު ކުރަން."

"އަހަރެންގެ ހިތް ބުނަނީ ބައްޕަ ވެސް ހަމަ ތިހެން ދެކިލައްވާނޭ!" އިހުތިރާމާ އެކު އާދަނު ބުންޏެވެ. "ބައްޕަ ދެކެ ހަފީޒާ ލޯބިވާ ވަރަށް ހަފީޒާ ދެކެ ބައްޕަ ވެސް ލޯބިވެލައްވާނެ. ބައްޕަގެ ނިންމުމަށް އިންކާރު ކުރާށެކޭ ނޫން އެކަމަކު ހަފީޒާ ބޭނުންވާ ގޮތް ބައްޕައަށް އަންގައިލުމަކުން ގޯހެއް ނެތް. ނާންގައިހުއްޓައި ފަހުން އެނގިލައްވައިފިއްޔާ ޔަގީނުން ވެސް ބައްޕަ ވަރަށް ދެރަވެލައްވާނެ. ވިސްނާލާ! އަހަރެން އިންތިޒާރު ކުރާނަން."

ފެންފަރުދާގެއަށް ނަޖީބު ވަދެއްޖެއްޔާ އޭނަގެ ފޫބުޑަކުން އާދަނު ދުރަކަށް ނުދެއެވެ. ބޭނުމަކީ ހަފީޒާގެ ފޮޓޯއެއް އަތުޖެހޭތޯ ބެލުމެވެ. އެހެނަސް އެ ވާހަކަ ބުނާނެ ހިތްވަރު އާދަނަށް ލިބޭނީ ކޮން ވަގުތަކުން ކަމެއް އާދަނަކަށް ވެސް ނޭނގެއެވެ. ބައެއް ފަހަރު އާދަނާ ހެދި ނަޖީބުއަށް އުނދަގޫ ވެސް ވެއެވެ. އަބަދު ތޮއްވަރިއަށް ވަދެ ހުންނާތީއެވެ. ނަޖީބު ހީކުރީ ފޮޓޯ ނެގުމާއި ފޮޓޯ ސާފުކުރުމަށް އާދަނު ޝައުގުވެރިވަނީ ކަމަށެވެ. ކެމެރާއަކީ ދިވެހީން ރައްޓެހި އެއްޗެއް ނޫން ވީމައި އާދަނު އެ މަސައްކަތް ދަސްކުރާ ހިތްވަނީ ކަމަށެވެ.

ފޮޓޯ ނަގާ މީހަކަށް ބޭނުންވާނެ އެހީތެރިކަމަކީ ކޮބައިކަން އާދަނަށް އެނގެން ފެށިއެވެ. ތަންކޮޅެއް އުސް ތަނަކަށް އަރަން ނަޖީބު ބޭނުންވާ އިރަށް އާދަނު ގޮނޑިއެއް ގެނެސްދެއެވެ. ހަރުގަނޑު ކައިރި ކޮށްދެއެވެ. ނަޖީބު ހަރުގަނޑަށް އެރުމުން ހަރުގަނޑު ހިފާއްޓައިގެން ކައިރީގައި ހުރެއެވެ. ފޮޓޯއެއް ނަގަން ތައްޔާރު ވާއިރު އެއްޗެއް ދުރަށް ޖައްސައިލަން ނަޖީބު ނުބުނަނީސް އާދަނު އެ އެއްޗެއް ދުރަށް ޖައްސައިލައެވެ. ގިނަ މީހުން ނަގާ ފޮޓޯއެއްގައި މީހުން އަތުރާނެ ގޮތް އާދަނު ކިޔައިދެއެވެ. ކެމެރާ ލެންސުގައި ޖަހާ ކެޕު ގެއްލިގެން ނަޖީބު ބަލައިލާ އިރު އާދަނު އަތުގައި ކެޕު އޮވެއެވެ. އެ ހުރިހައި ކަމެއް އެހެން ހުރުމުން، ނަޖީބު ނުވެސް ބުނެ ހުއްޓައި ނަޖީބަށް އަތްގާތްކޮށްދޭ މީހަކަށް އާދަނު ވިއެވެ. 

އާދަނަކީ ނުބެހޭ ކަންކަމާ ބެހޭ މީހެއް ނޫނެވެ. ނީވެންޖެހޭ އެއްޗެހި އަޑުއަހާ މީހެއް ނޫނެވެ. އެހެނަސް ފެންފަރުދާގެއަށް ހަމީދު ވަޑައިގެން އުޅުއްވާ އިރު، ނަޖީބު އާއި ހަމީދުގެ މެދުގައި ދެއްކެވޭ ވާހަކަތައް އާދަނަށް އިވެއެވެ. މުނިފޫހިފިލުވުމުގެ ގޮތުން ޕިންޕޮންގެ އިތުރުން ދެން ކުރެވިދާނެ ކަމަކާ ބެހޭ ގޮތުން ހަމީދު ވަރަށް ފުންކޮށް ނަޖީބުއާ ވާހަކަ ދައްކަވައެވެ. ހަމީދު ބޭނުންފުޅުވަނީ ގެއަކަށް ވުރެ މިނިވަން ޖައްވެއް އުފައްދަވާށެވެ. ދެއްކެވޭ ވާހަކަތަކުގެ ފުއްކުދިކަމުން އާދަނަށް އަޑުއިވޭ ފަހަރާ ނީވޭ ފަހަރު ވެސް ދެއެވެ. އެ ދެމެދުގައި ދެބަސްވުމެއް އުފެދުނު ހެން ވެސް، އެއްފަހަރަކު އާދަނަށް ހީވިއެވެ. ދެން އިވުނީ ނަޖީބު ރަށަކަށް އަރުވައިލި ޚަބަރެވެ. ވީ ގޮތެއް އާދަނަކަށް ނޭނގެއެވެ. އޭރު އާދަނާއި ހަފީޒާގެ ފޮޓޯގަނޑާ ދެމެދު އޮތް ދުރުމިން ކައިވަތަކަށް ވުރެ ކުޑައެވެ.

އާދަނަށް ފެންފަރުދާގެއިން ހަފީޒާ ފެނެއެވެ. އާދަނު ފެނުމުން ރަކި ގޮތަކަށް ހަފީޒާ ހިނިތުންވެލައެވެ. މާނަ ކިތަންމެ ހައި ވެސް ފުނެވެ. އެކަމަކު އޭގެ މާނައެއް، ބައްޕަ ދެއްވި ޖަވާބެއް އާދަނަކަށް ނޭނގެއެވެ. އަހައިލާނެ ފުރުސަތެއް ވެސް ތަނަވަހެއް ނުވިއެވެ. ހަފީޒާގެ އެދުމަށް ބައްޕަ އިންކާރު ކުރިޔަސް، ހިނިއައިސްފައި ހަފީޒާ ހުރެދާނެއެވެ. އާދަނަށް ފެނުނު ގޮތުގައި ހަފީޒާއަކީ އެހައި ވެސް ކިޔަމަންތެރި، އުޅުން ހުރި، ހިތްތިރި ކުއްޖެކެވެ. ބޭގަރާރުވަމުން ދިޔައީ އާދަނެވެ. 

މުނިފޫހިފިލުމުގެ ގޮތުން ފެންފަރުދާގެއަށް ވުރެ މިނިވަން ޖައްވެއް ބޭނުންފުޅުވާ ވާހަކަ ހަމީދު ދެއްކެވިތާ މާ ގިނަ ދުވަހެއް ނުވަނީސް ހަމީދު ދުންބައްތެއްޔެއް ބައްލަވައިގަތެވެ. އެ ބައްތެލީގެ ނަމަކަށް ކިއީ ދޭލިޔާއެވެ. ދޭލިޔާގައި ނުރަސްމީ ދަތުރުތަކާއި ހަނދުވަރު މަތީ ފިނިބުރުޖެހުން ވެސް އޮވެއެވެ. އެ ކަންކަން ހިނގަނީ ދުރާލައި ރޭވިގެނެއް ނޫނެވެ. ދަތުރު ހަމަޖެހޭނީ ކުއްލިއަކަށެވެ. އެ ވީ ފުރާށެވެ. ދަތުރުގައި ބައިވެރިވާނެ މީހުންގެ ލިސްޓެއް އާދެއެވެ. ދަތުރުގެ ތަފުސީލު އެނގިވަޑައިގަންނަވަނީ ހަމަ އެކަނި ހަމީދަށެވެ. 

ދަތުރުމަތީގައި ލުއިކެއުން ބުއިމާއި މުނިފޫހިފިލުވުން އޮވެއެވެ. ތާސްކުޅުމާއި ބައިތުބާޒީ އާއި ރައިވަރުކިޔުމާއި ވާހަކަ ކިޔުން ވެސް އޮވެއެވެ. ދޭލިޔާއަށް އެރުން އެކަނި ވެސް އެއީ ޝަރަފެކެވެ. އެ ކަމަށް ބޭނުންވެފައިވާ ކުދިންގެ އަދަދު ގިނައެވެ. ދޭލިޔާ ދުއްވައިލަން ދެވުމަކީ ޖިންސުއްލަތީފުންގެ ހުވަނެކެވެ. ހުވަފެން ހަގީގަތަކަށް ވެއްޖެ ނަމަ، ރައްޓެހީންނަށް އެ ވާހަކަ ކިޔައިދިނުމަކީ ވެސް، ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. 

ރަޒިއްޔާގެ ކޮއްކޮއަކަށް ވީތީ، ދޭލިޔާ ދުއްވައިލަން ދާން އާދަނަށް ފުރުސަތު ލިބުނެވެ. މަހެއްގެ ފަނަރަ ވިލޭރޭގައެވެ. ހަފީޒާ ބައިވެރިވާނެ ނަމައޭ ހީކޮށްގެން ހުއްޓައި، އެންމެ ފަހު ވަގުތު ހަފީޒާ ވެސް ބައްތެއްޔަށް އެރިއެވެ. އެހެނަސް، ހަފީޒާގެ ބައްޕަޔާ އެކުގައެވެ. ދޭލިޔާއަކީ ކުޑަ އުޅަނދެކެވެ. އެތެރެއަށް ނުވަދެ ބޭރުގައި ތިބެއްޖެ ނަމަ، އެންމެނަށް އެންމެން ފެނެއެވެ.

ކަނޑިންމައިން ދޭލިޔާ ނުކުތް އިރު ހަނދުއަރަނީއެވެ. ހަނދުވަރުގެ ރިހިން ޖައްވާއި ކަނޑު ގިރިޓީވަނީއެވެ. ޖައްވުގައި އެކުލެވިފައިވަނީ ލާނެތް ފިންޏެކެވެ. ރޯޅީގެ ނިޔަތް ސަމާސާވެފައި ނުސިޔާނެވެ. ދޭތެރެއަކުން ހަފީޒާގެ އިސްތަށިކޮޅަކަށް އުނދަގޫކޮށްލައެވެ. ހަފީޒާ ލައިގެން ހުރީ ކަސަބު ބޯވަޅުއެޅި ލިބާހެކެވެ. އަނދެގެން ހުރީ ފޭއްޔެކެވެ. ކަރުގައި ފައްޓަރުބައި، ބޮލުގައި ރުމާފަޅި، އަތުގައި އުޅާބައެއް އޮތެވެ. އުޑުގައި ރަނިކަންކުރާ ހަނދަށް އެންމެން ބެލި އިރު އާދަނު ބެލީ ބައްތެލި ޝަރަފުވެރި ކޮށްދިން ހަނދަށެވެ. އާދަނު ހިތަށް އެރިއެވެ. ހަފީޒާ އާއި އާދަނު ނޫން މީހަކު ބައްތެލީގައި ނެތް ނަމައެވެ. ވަގުތު މަޑުޖެހިލާނެ ނަމައެވެ. ހަފީޒާގެ އުނގުގައި ބޯއަޅާލައިގެން، ނިދަން ބޭނުންނުވެފައި އާދަނަށް އޮވެވޭނެ ނަމައެވެ. 

އޮއިމަޑު ކަނޑުގައި ފަރިކަމާއި ނަލަކަމާ އެކު ނަށަމުން ގޮސް ފިނޮޅެއް ކައިރީގައި ބައްތެލި މަޑުކޮށްލިއެވެ. އިންޖީނު ނިއްވައިލިއެވެ. ހަމަހިމޭން ޖައްވުގައި އެއް އަޑަކަށް ހަރުލާފައި ހުރީ ފިނޮޅަށް ރާޅުބީއްސާ އަޑެވެ. 

"ކޮބާ ކޮން ކުއްޖެއް މޫދަށް އެރޭނީ؟" ސަމާސާ ރާގެއްގައި ހަމީދު އެއްސެވިއެވެ. 

އަންހެންކުއްޖަކު ޖަވާބު ދޭނެ ކަމަކަށް އާދަނު އުންމީދެއް ނުކުރެއެވެ. އެކަމަކު، ފިރިހެނަކު އެއްޗެއް ނުބުނުމުން އާދަނު ހައިރާންވިއެވެ. 

"އަޅުގަނޑު ވަރަށް އެރޭ ހިތްވޭ!" މީހަކު ބުނި އަޑު އިވުނެވެ. "އެކަމަކު ކުޑަކޮށް ހުންފާޑުވެފަ ހުރީމަ މައްސަލައަކީ."

"ހާދަހާ ފިނޑިއޭ!" ހަމީދު ވިދާޅުވިއެވެ. "އެންމެ ރަނގަޅު. މޫދަށް ފުންމާލި މީހަކަށް ދިހަ ރުފިޔާ ލިބޭނެ."

ވަގުތުން އާދަނު ފުންމައިލިއެވެ. ހަފީޒާގެ ބައްޕަ އަތްތިލަބަޑިން ސާބަސް ދިނެވެ. ދެން އެ ސާބަހުގައި އެންމެން ބައިވެރިވިއެވެ. ހަފީޒާގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ. ބައްޕަ އަބަދު ވެސް ބުނުއްވާ އެއްޗެއް ހަފީޒާ ހަނދާން ހުރެއެވެ. ފަގީރަސް ނުވަތަ މުއްސަންޖަސް، ހިތްވަރުގަދަ މީހަކާ ނޫނީ ނީންނައްޗެވެ. ފުންމާލަން ނުކެރި ބަހަނާ ދެއްކީ ހަފީޒާ އިންނަން ހަފީޒާގެ ބައްޕަ ދެއްކެވި މީހާއެވެ. މޫދަށް ފުންމައިލީ ބައްޕައަށް ތައާރުފު ކޮށްދޭން ހަފީޒާ ބޭނުންވާ މީހާއެވެ. ދެން އެ ކަން ކުރަން ހަފީޒާއަށް ފަސޭހަވާނެއެވެ. 

އެ ދަތުރު ނިންމައިފައި މާލެ އައީ، ނަޖީބު އަރުވާލައިފައިވާ ރަށުގައި ބަނދަރު ކޮށްފައެވެ. ހަމީދުއަށް އެ ކަން އެނގިވަޑައިގަތީ އެ ރަށުގައި ހުންނަވަނިކޮށެވެ. ވަގުތުން ނަޖީބު މިނިވަން ކުރެއްވިއެވެ. އެ ވަރުން ނިމުނީކީ ނޫނެވެ. ހަމީދުގެ މޫޑަށް އައިސްފައިވާ އުފާވެރި ބަދަލެއްގެ ސަބަބުން ނަޖީބު މާލެ ގެންނެވީ ދުންބައްތެލިކޮޅުގައެވެ. އަދި ކުރިއަށް ވުރެ އަރިސް ކުރައްވައި، ހަމީދު ބައިވެރިވެވަޑައިގަންނަވާ ހާއްސަ ކަންކަމުގެ ފޮޓޯ ނެގުމުގެ ޒިންމާ ނަޖީބުއާ ހަވާލުކުރެއްވިއެވެ.

އެއީ ރާއްޖޭގައި ފެންނަ އާންމު މަންޒަރެކެވެ. މީހަކު ކުށްވެރިވެގެން ރަށަކަށް އަރުވައިލައްވައިފިއްޔާ، މުއްދަތު ހަމަވުމުގެ ކުރިން އެ މީހަކު މިނިވަން ކުރައްވައި، ކުރިޔަށް ވުރެ ބޮޑު ޒިންމާއެއް ހަވާލުކުރައްވައި، އަރިސް ކުރައްވާނެއެވެ. ނާއިންސާފުން ދެވުނު އަދަބެއްގެ ބަދަލެއްގެ ގޮތުގައެވެ.

ގޭގެ ކުޑައުނދޯލީގައި އޮށޯވެލައްވައިގެން، އުނދޯލި ހެއްލާ ވާކޮޅަށް ދަމައިލަދަމައިލާ އާދަން ކަލޭފާނު އޮންނެވިއެވެ. އަތަ ފަނިތަށްޓެއް ހިފައިގެން ހިނގައިގަންނަން ނޭނގިފައި ހަފީޒާ ހުއްޓެވެ. މެންދުރު ކޭންނުބައްލަވައި ބައްޕަ ވިސްނަވަނީ ކޮން ކަމަކާ މެދުގައިކަން ހަފީޒާއަށް އެނގެއެވެ. ބައްޕަ ދުވަހަކު ވެސް ހަފީޒާއަކަށް ހަޅޭކެއް ނުލައްވައެވެ. ނުވެސް ލައްވާނެއެވެ. އެ ޔަގީންކަން ހަފީޒާއަށް އޮވެއެވެ. 

"ދެން ބައްޕާ!" ހަފީޒާ އައިސް އުނދޯލި ކައިރީގައި ހުއްޓިފައި ބުންޏެވެ. "ތިޔަ ފިކުރުތައް ކުޑަކުރައްވާ! އަޅުގަނޑު ބުނި ބަސް އަނބުރައި ގެނެސްފިން."

"ކޮން އިރަކު ދަރިފުޅު އައީ؟" އުނދޯލީގައި އަތުން ޖައްސަވައިލައްވައި، ތެދުވެ އިށީންނަވަމުން އާދަން ކަލޭފާނު ބުނުއްވިއެވެ. "އާދޭ އިށީންނަން. ބައްޕަ ފިކުރެއް ނުކުރަމޭ! ނިންޖަށް ބަލިވެފަ މި އޮތީ."

ހަފީޒާ އުނދޯލީގައި އިށީނދެފައި އާދަން ކަލޭފާނަށް ފަނިތަށި ދިއްކޮށްލިއެވެ. 

"ވަރަށް ފޮނި ދޯ؟" ފަނިފޮދެއް ބޯލައްވައިފައި އާދަން ކަލޭފާނު ބުނުއްވިއެވެ. "މި ހިތަށްއަރަނީ ދަރިފުޅު ދިޔައިމަ ކާކުބާއޭ ބައްޕަ ބަލާނީ؟ ކޮން ކުއްޖެއްހޭ ތި ގޮތަށް ފަނިތަށި ގެނެސްދޭނީ؟ ދަރިފުޅު ރައްޓެހިންގެ ލިސްޓެއް ހަދައިފިންތަ؟"

ހަފީޒާ އެއްޗެއް ނުބުނެ އިސްޖަހައިލައިގެން އިނެވެ. 

"މި އަވަށް ކީއްކުރަން މާލޭގަ ދުވަހަކު ވެސް ނުބާއްވާ ފެންވަރުގެ ކައިވެންޏަކަށް ދަރިފުޅުގެ ކައިވެނި ހަދާނަން،" އާދަން ކަލޭފާނު ޔަގީންކަމާ އެކު ބުނުއްވިއެވެ. "ސީދާ މުޙައްމަދު ހަމީދު ވެސް ހަފުލާއަށް ވަޑައިގަންނަވާނެ."

ދެން ވެސް ހަފީޒާ އިނީއެވެ. ލޮލުން ކަރުނަ ވެއްޓުނަ ދޭކަށް ހަފީޒާ ބޭނުމެއް ނޫނެވެ. އާދަން ކަލޭފާނު ހަފީޒާގެ ދަތްދޮޅީގައި އަތް ޖައްސަވާފައި ހަތަރުކަޅި ހަމަކުރުވިއެވެ. ބައްޕައަށް ބަލައިލެވުމާ އެކު ހަފީޒާއަށް ރޮވުނެވެ. 

"އާދަނު ކަމުނުދިޔައީތޯ؟" ހަފީޒާ ސުވާލުކުރިއެވެ. 

"އާދަނުގެ ވާހަކައޭ މި ދައްކަނީ ދަރިފުޅާ!" ބައްޕަ ބުނުއްވިއެވެ. "އެ ތިބެނީ ފިރިހެނުންނަކީ!" (ނުނިމޭ)