ބޮލީވުޑްގެ އެކްޓްރެސް ޕަރިނީތީ ޗޯޕްރާގެ ފިރިމީހާ ރާގަވް ޗައްޑާ އާމް އާދްމީ ޕާޓީ (އޭއޭޕީ) ދޫކޮށް، އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީއާ ގުޅުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވެއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އޭއޭޕީގެ އިސް ލީޑަރެއްގެ ގޮތުގައި ހުރި އަދި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖްޔަ ސަބާގައި ޕަންޖާބު ތަމްސީލުކުރާ ރާގަވް ކުއްލި ގޮތަކަށް ވެރިކަން ކުރާ ބީޖޭޕީއާ މިދިޔަ ހުކުރު ދުވަހު ގުޅުމުން އިންޑިއާގެ ސިޔާސީ މަޝްރަހު ވަނީ ހޫނުވެފަ އެވެ.
އޭއޭޕީގެ ވެރިޔާ އަދި ދިއްލީގެ ކުރީގެ ޗީފް މިނިސްތަރު އަރްވިންދު ކެޖްރިވާލް ވަނީ ރާގަވްގެ މި ނިންމުމަކީ ޕަންޖާބުގެ ރައްޔިތުންނަށް ވީ ބޮޑު "ހިޔާނާތެއް" ކަމަށް ސިފަކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ޕާޓީން ރާގަވްއަށް ބޮޑެތި ފުރުސަތުތަކެއް ދީފައިވަނިކޮށް، މިފަދަ ދަނޑިވަޅެއްގައި ޕާޓީ ދޫކޮށް ދިއުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ.
ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ރާގަވް މީގެ ކުރިން ބީޖޭޕީއަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާ ވީޑިއޯތައް އާންމުކުރަމުންނެވެ. އެއް ވީޑިއޯއެއްގައި ބީޖޭޕީއަކީ "ނުކިޔަވައި ތިބި ގުންޑާއިންގެ ޕާޓީއެއް" ކަމަށް އޭނާ ބުނެފައިވެ އެވެ. އެހެންވެ، އެ ޕާޓީއާ ގުޅުމަކީ އޭނާގެ އަމިއްލަ އަގު ވައްޓާލުން ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
ފާޑުކިޔާ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ރާގަވް ބީޖޭޕީއާ ގުޅުނީ މައި ސަރުކާރުގެ ވަޒީރުކަން ހޯދުމުގެ ދަހިވެތިކަމުގަ އެވެ. އަދި އޭއޭޕީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން، އޭނާގެ ސިޔާސީ ކުރިމަގު ސަލާމަތްކުރަން ބީޖޭޕީގެ ހިޔާވަހިކަން ހޯދީ ކަމަށް ވެސް ބައެއް ރިޕޯޓްތަކުގައި ބުނެފައިވެ އެވެ.
ރާޖްޔަ ސަބާގައި ތިބި އޭއޭޕީގެ 10 މެމްބަރުންގެ ތެރެއިން ހަތް މެމްބަރުން (ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ) އެކީގައި ބީޖޭޕީއާ ގުޅުމަކީ، "އެންޓި-ޑިފެކްޝަން" ގާނޫނުން ސަލާމަތްވުމަށް ރޭވިގެން ހިންގި އަމަލެއް ކަމަށް އިންޑިއާގެ ގިނަ ގާނޫނީ މާހިރުން ފާހަގަކުރެ އެވެ. މިއީ ވޯޓުދިން ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުޑަކުރުން ކަމަށް ވެސް ބުނެފައިވެ އެވެ.
މި ހުރިހާ ފާޑުކިޔުންތަކެއް އަމާޒުވަމުންދާއިރު، ރާގަވް ބުނެފަ އިވަނީ އޭނާ ބީޖޭޕީއާ ގުޅުނީ ގައުމީ މަސްލަހަތު އިސްކޮށް، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ލީޑަޝިޕްގެ ދަށުން މަސައްކަތް ކުރުމަށް ކަމަށެވެ.
އޭނާގެ އަންހެނުން ޕަރިނީތީ މިކަމާ ގުޅޭ ގޮތުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.